ENGLISH

22 ޖުލައި 2026

Advertisement

ކަސްރަތު ކުރާއިރު ބަރު އުފުލުމުގެ ބަދަލުގައި، އާދަޔާ ހިލާފު އުކުޅެއް

21 ޖުލައި 2026

|

އާމިނަތު ނުޒްލާ

ކްލެއާ އޭނާގެ ދަރިފުޅާއެކު - ފޮޓޯ: ޕީޕަލް. ކޮމް

ކަސްރަތު ކުރާއިރު ބަރުދަން އުފުލުމަށް އައު ގޮތްތަކެއް ހޯދުމުގައި، އަންހެނަކު އަންނަނީ އާދަޔާ ހިލާފު އުކުޅެއް ބޭނުންކުރަމުންނެވެ.

އޮސްޓްރޭލިއާގެ ބޮންޑައިގައި ދިރިއުޅޭ އުމުރުން 33 އަހަރުގެ ކްލެއާ ޝިމްޕްލް، އޭނާގެ ހަ މަހުގެ ދަރިފުޅު ލެވީ ގޮތްވައިގެން ކަސްރަތު ކްލާސްތަކަށްދެއެވެ. ކްލާހުގެ އެހެން ބައިވެރިން ޕިލާޓީސް ބޯޅަ ނުވަތަ ކުދި ބަރުދަންތައް ބޭނުންކުރާއިރު، ކްލެއާ ބޭނުންކުރަނީ އޭނާގެ ތުއްތު ދަރިފުޅެވެ.

ކްލެއާ 'ޕީޕަލް' މެގްޒިންއަށް ދިން އިންޓަރވިއުއެއްގައި ބުނީ، މަންމަ އިންނަކީ ދުވާލަކު އެތައް ހާސްފަހަރަކު ކުދިން އުފާލާ ބައެއް ކަމަށެވެ. ވިހއުމަށްފަހު ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އައިސް ވަރުބަލިކަން އިހުސާސްކުރެވޭ ކަމަށް އޭނާ ބުންޏެވެ. އެހެންކަމުން އޭނާ ބުނީ ކަސްރަތުގެ ތެރޭގައި ދަރިފުޅު ބައިވެރިކުރުމަކީ ހަމައެކަނި ހަށިގަނޑުގެ ދުޅަހެޔޮކަމަށް ކުރާ ކަމެއް ނޫން ކަމަށާއި އެއީ ދަރިފުޅާ އޮންނަ ގުޅުން ވަރުގަދަކޮށް، ދަރިފުޅު އުފަލުގައި ބެހެއްޓުމަށްވެސް ކުރެވޭ ވަރަށް ފުރިހަމަ ކަމެއް ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ.

ކްލެއާ އޭނާގެ ދަރިފުޅާއެކު - ފޮޓޯ: ޕީޕަލް. ކޮމް

ފިރިމީހާ ފްލޯރިއަން އާއެކު އެއް ދަރިއަކު ބަލަމުންދާ ކްލެއާ، ދަރިފުޅާއެކު ކަސްރަތު ކުރާ މަންޒަރު ފެންނަ ވީޑިއޯތައް ޓިކްޓޮކްގައި ހިއްސާކުރެއެވެ. އޭގެ ތެރޭގައި ދަރިފުޅު އަތަށްލައިގެން 'ޕުޝް ޕްރެސް' އާއި 'ކްރަންޗަސް' ހަދާ މަންޒަރު ފެނިގެންދެއެވެ.

ކްލެއާ ކަސްރަތު ކުރަންދާ 'ބޮޑީ ބައި ބާނާ' ސްޓޫޑިއޯއިން 'މަމްސް އެންޑް ބަބްސް' ގެ ނަމުގައި ހާއްސަ ކްލާސްތަކެއް ކުރިއަށް ގެންދެއެވެ. މިއީ މަންމަ އިންނަށް އެމީހުންގެ ތުއްތު ދަރިންނާއެކު ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ ކްލާސްތަކެކެވެ. އެ ސްޓޫޑިއޯގެ ވެބްސައިޓުގައިވާ ގޮތުން، މިއީ ވިހެއުމަށްފަހު އަންހެނުންގެ ހަށިގަނޑު ވަރުގަދަކޮށް، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކުރުމަށް އެހީތެރިވެދޭ ކްލާސްތަކެކެވެ.

ނަމަވެސް، ކްލެއާ ދާދިފަހުން ހިއްސާކުރި ވީޑިއޯއަކީ ބްރޭންޑަކުން އިންތިޒާމުކުރި ހާއްސަ އިވެންޓެއްގެ ވީޑިއޯއެކެވެ. އެ އިވެންޓުގައި ދަރިފުޅު ގޮވައިގެން ދިޔަ ހަމައެކަނި މީހަކީ އޭނާއެވެ.

އިތުރަށް އޭނާ ކިޔައިދިން ގޮތުގައި، އެ އިވެންޓުގައި އެހެން ކުއްޖަކު ނެތުމުން، އެންމެންގެ ސަމާލުކަން ލެވީއަށް ވަރަށް ބޮޑަށް ލިބުނެވެ. އަދި ދަރިފުޅުގެ ހިނިތުންވުމާއި މަޖާ ހަރަކާތްތަކުގެ ސަބަބުން އެންމެން ތިބީ ވަރަށް އުފަލުންނެވެ.

ކްލެއާ ބުނީ، ދަރިފުޅު ބަރުދަނެއްގެ ގޮތުގައި ބޭނުންކޮށްގެން އޭނާ ކުރި ވަރުގަދަ ކަސްރަތު ފެނިފައިވެސް މީހުން ތިބީ އަންތަރީސްވެފައި ކަމަށެވެ.

މި ވީޑިއޯތައް އާންމުކުރަން ފެށި ސަބަބާ ގުޅޭގޮތުން ކްލެއާ ބުނީ، މައިވަންތަކަމުގެ އުފާވެރި ތަޖުރިބާތައް އެހެން މަންމަ އިންނަށް ދައްކާލަން ބޭނުންވީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު