ENGLISH
15 ޖުލައި 2026
ޑޮލަރު ނެތްކަމަށް ބުނެ ދޮގުފަތުރާނަމަ އިގްތިސާދަށް ފޫނުބެއްދޭވަރުގެ ގެއްލުން ލިބިދާނެ: ސީއީއޯ ޝަރީފް
15 ޖުލައި 2026
|
ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް
އެންމެ މަޤްބޫލު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގައި ޑޮލަރު ނެތްކަމަށް ބުނެ ދޮގު ވާހަކަ ފަތުރާނަމަ، ރާއްޖޭގެ އިގްތިސާދަށް ފޫނުބެއްދޭވަރުގެ ގެއްލުން ލިބުން އެކަށީގެންވާކަމަށް ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިފަދައިން ވިދާޅުވީ، ޔޫތު އޮންޓްރަޕްރަނާސް އެކްސްޕޯ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ވޭތުވެދިޔަ ދުވަސްތަކުގައި ބޭންކާ ގުޅުވައި ހަގީގަތާ ހިލާފް ވާހަކަތައް އެކި މަންސަތަކުގައި ދައްކަމުން އައިކަމަށާއި އެގޮތުން ބީއެމްއެލްގައި ޑޮލަރު ނެތްކަމަށް ބުނާ ވާހަކަތަކާއި، ބޭންކުގައި ރައްޔިތުންނަށް އެހީވުމުގެ ގާބިލުކަން ނެތްކަމަށާއި، ރަށްރަށުގައި އޭޓީއެމްގެ ހިދުމަތް ގާއިމްކުރުމަކީ ބޭކާރު ހަރަދެއްކަމަށް ބުނާ ވާހަކަތައް ފެންމަތިވެފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. މީގެއިތުރަށް ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ގައުމީ ބޭންކުން ބައިވެރިވެގެން ނުވާނެކަމަށްބުނެ ފަހަކަށް އައިސް ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ދައްކާ ވާހަކަތައްވެސް ސީއީއޯ ފާހަގަކުރެއްވިއެވެ.
ބޭންކުގައި ޑޮލަރު ނެތްކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ ވޭތުވެދިޔަ ހަ މަހަށް ބަލާއިރު ބީއެމްއެލްގެ ތާރީހުގައިވެސް އެވްރެޖްކޮށް މަހެއްގެ މައްޗަށް އެންމެ ގިނައިން ކަސްޓަމަރުންނަށް ޑޮލަރު ވިއްކާފައިވަނީ މި މުއްދަތުގެ ތެރޭގައިކަމަށެވެ.
"ވޭތުވެދިޔަ 6 މަހަށް ބަލާއިރު ބީއެމްއެލްގެ ތާރީޚުގައިވެސް އެވްރެޖްކޮށް މަހެއްގެ މައްޗަށް އެންމެ ގިނައިން ކަސްޓަމަރުންނަށް ޑޮލަރު ވިއްކާފައިވަނީ މި މުއްދަތުގައި. ކާޑު މުއާމަލާތްތަކަށާއި، ވިޔަފާރިތަކަށް ޓީޓީ ފޮނުވުމަށާއި، ފުރާ މީހުންނަށް ވިއްކޭ ނަގުދު ފައިސާއާއެކު ބޭންކުން ޑޮލަރު ވިއްކޭ އަދަދަކީ 2021 ވަނަ އަހަރު އެވްރެޖްކޮށް ކޮންމެ މަހަކު 21 މިލިޔަން ޑޮލަރު. މިއަހަރު މިދަނީ 80 މިލިޔަން ޑޮލަރު ކޮންމެ މަހަކު ވިއްކަމުން،". ޝަރީފް ވިދާޅުވިއެވެ.
ސީއީއޯ ވިދާޅުވީ 2021 ވަނަ އަހަރު ކާޑު މުއާމަލާތްތަކަށާއި، ވިޔަފާރިތަކަށް ޓީޓީ ފޮނުވުމަށާއި، ފުރާ މީހުންނަށް ވިއްކޭ ނަގުދު ފައިސާއާއެކު އެވްރެޖްކޮށް މަހެއްގެ މައްޗަށް ބޭންކުން ޑޮލަރު ވިއްކޭ އަދަދަކީ 21 މިލިޔަން ކަމަށެވެ. ނަމަވެސް މިއަހަރު ކޮންމެ މަހަކު އެވްރެޖްކޮށް 80 މިލިޔަން ޑޮލަރު ވިއްކަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.
ޑޮލަރު ލިބޭ މިންވަރަށްވުރެ އިތުރަށް ވިއްކަންޖެހުމުން މެނޭޖުކުރުމުގައި ދަތިތައް ކުރިމަތިވަމުންދާކަމަށް ވިދާޅުވިއެވެ.
ބޭންކުން މިދިޔަ އަހަރު 10 ބިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް ސީއީއޯ ވިދާޅުވިއެވެ. އަދި މިއަހަރުގެ ފުރަތަމަ ހަ މަހު އެކަނިވެސް އަށް ބިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް ހިސާބުތަކާ ހަވާލާދެއްވައި ސީއީއޯ ޝަރީފް ވިދާޅުވިއެވެ. މި ކަންކަމަކީ ރާއްޖޭގެ އިގްތިސާދު ކުރިއެރުވުމަށް ބީއެމްއެލްއިން ދޭ އެއްބާރުލުން ހާމަކޮށްދޭ ކަމެއްކަމަށް ޝަރީފް ވިދާޅުވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން ކުރަމުންދާ މަސައްކަތުގެ ދަށުން، އިތުރު ހަތް ބްރާންޗުގެ ހިދުމަތް މިހާރުވަނީ ފަށާފައެވެ.