ENGLISH

14 ޖުލައި 2026

Advertisement

އިންޑިއާ ރާއްޖެ އިންވެސްޓްމަންޓް މުއާހަދާގެ މަޝްވަރާތައް ނިމި ގާނޫނީ މަސައްކަތް ފަށައިފި

14 ޖުލައި 2026

|

ުހުސައިން މަޚްތޫމް

އިކޮނަމިކް މިނިސްޓަރ މުހައްމަދު ސައީދު - ފައިލް ފޮޓޯ

އިންޑިއާ އާއި ރާއްޖެއާ ދެމެދު ވެވޭ އިންވެސްޓްމަންޓްތަކާ ބެހޭ މުއާހަދާގެ މަޝްވަރާތައް ނިމިފައިވާ ކަމަށާއި، މިހާރު ކުރަމުންދަނީ ގާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކަމަށް މިނިސްޓަރ އޮފް އިކޮނަމިކް ޑިވެލަޕްމަންޓް ޓްރޭޑް އެންޑް ޓްރާސްޕޯޓް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ ބައިލެޓަރަލް އިންވެސްޓްމަންޓް ޓްރީޓީގެ މަޝްވަރާތައް ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރަމުން ދަނީ ގާނޫނީ ގޮތުން ދެ ފަރާތުން ބަލަންޖެހޭ ބެލުންތައް ބެލުމުގެ މަސައްކަތް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އާމްދަނީ އޮންނަނީ ޓުއަރިޒަމް އިންޑަސްޓްރީއަށް ބަރޯސާވެފައި ކަމަށެވެ. އަދި ޓުއަރިޒަމް އިންޑަސްޓްރީ ވަށައިގެން ވަރަށް ބޮޑަށް ތަރައްގީ ކުރެވިފައިވާ ކަމަށާއި، މިގޮތަށް އާމްދަނީ ލިބޭއިރުގައި، ލިބޭ އާމްދަނީން ދެކޮޅުނުޖެހޭ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

"އެހެންވީމާ، ސަރުކާރުން ވިސްނަންޖެހޭ ކޮބައިތޯ އިތުރަށް ކުރެވޭނެ ކަންތައްތަކަކީ. އިތުރު މާކެޓުތަކާއި ދިވެހިރާއްޖެ އައިސޮލޭޓްވެފައެއް ނުބޭއްވޭނެ. ރާއްޖެ އިތުރު މާކެޓުތަކުގެ ތެރެއަށް ވަންނަންޖެހޭނެ. ރާއްޖޭގެ ސަރވިސް، ރާއްޖޭގެ ގުޑްސް އިތުރަށް އެކްސްޕޯޓްކުރެވޭނެ ގޮތްގޮތް ހޯދަންޖެހޭނެ. އިތުރަށް އެކްސްޕޯޓްކުރަން ހުރި ލުއިތައް ހޯދަންޖެހޭނެ. އިންވެސްޓްކުރުމަށްޓަކައި ރާއްޖޭގެ ޚިޔާލުތަކާއި، ރާއްޖޭގެ ރައްޔިތުންގެ، ޒުވާނުންގެ، ވިޔަފާރިވެރިންގެ ވިސްނުންތައް އެ ބޭފުޅުންނަށް ބޭނުންވާ ލެވެލަކަށް ގެންދެވޭނެ ފުރުޞަތު ފަހިކޮށްދިނުމަކީ ސަރުކާރުން ކުރަންޖެހޭނެ ކަމެއް. އެހެންވީމާ، ބޮޑެތި މާކެޓުތަކަށް، ބިޔަ މާކެޓުތަކަށް އެކްސެސް ހޯދުމުގައި ސަރވިސް ސެކްޓަރގަޔާއި މުދަލާއި ޚިދުމަތުގެ ދާއިރާއިން ހޯދަންހުރި ހުރިހާ ފުރުޞަތުތަކެއް ހޯދުމަކީ، އަޅުގަނޑުމެންގެ ސަރުކާރުގެ ވިސްނުމެއް އިނގޭތޯ"، މިނިސްޓަރ ވިދާޅުވިއެވެ. 

އިންޑިއާއާ އެކުގައި ފްރީޓްރޭޑް އެގްރީމެންޓެއްގެ ކަންތަކުގައި މަސައްކަތް ކުރަނީވެސް އެ ސަބަބުތަކަށްޓަކައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ފްރީޓްރޭޑް އެގްރީމެންޓްގެ އެއް ޗެޕްޓާއަށް އަންނާނެ އެއްކަމަކީ ބައިލެޓްރަލް އިންވެސްޓްމަންޓް ޓްރީޓީ ކަމަށް ވިދާޅުވިއެވެ.   

މިނިސްޓަރ ވިދާޅުވީ ދިވެހިރާއްޖެއިން އެއްވެސް މުދަލެއް އެކްސްޕޯޓް ކުރާ ކަމަށް ވާނަމަ، އެއަށް ޒީރޯ ޓެރިފް ހޯދުން، އެއީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެފަދަ މިސާލެއް ދައްކަވައި މިނިސްޓަރ ވިދާޅުވީ އިންޑިއާގެ ވަކި ބަނދަރުތަކަކުން މުދާ ގެނެވޭ ގޮތް ހުރި ކަމުގައިވާނަމަ ޕްރައިވެޓް ސެކްޓަރއަށް އިތުރު ބަނދަރުތަކުން ވެސް މުދާ ގެނެވޭނެ ގޮތް ނެގޯޝިއޭޓްކުރެވިދާނެ ކަމަށެވެ. 

ކިޔުންތެރިންގެ ހިޔާލު