ENGLISH

14 ޖުލައި 2026

Advertisement

ވޯލްޑް ކަޕުގައި ޔަމާލްގެ އެންމެ މޮޅު ކުޅުން ވަރަށް އަވަހަށް ފެންނާނެ: ޑެ ލަ ފުއެންޓޭ

14 ޖުލައި 2026

|

މުޙައްމަދު އަދުހަމް

މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޕެއިނުގެ ކޯޗު، ޑެ ލަ ފުއެންޓޭ ވާހަކަ ދައްކަނީ. --ފޮޓޯ: ރޮއިޓަރސް

ސްޕެއިނުގެ ޒުވާން ތަރި، ލަމީން ޔަމާލްގެ އެންމެ މޮޅު ކުޅުން މިހާތަނަށްއައިއިރު މި މުބާރާތުގައި ނުފެނުނުނަމަވެސް ކުރިއަށް އޮތް ތާނގާއި އެކަން ފެނުން ވަރަށް ކައިރި ކަމުގައި އެ ޓީމުގެ ކޯޗު، ލުއިސް ޑެ ލަ ފުއެންޓޭ ބުނެފިއެވެ.

މެޗުގެ ކުރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ޑެ ލަ ފުއެންޓޭ ވަނީ، ޔަމާލްގެ އުފަންދުވަހުގެ އުފާ ފާޅުކުރުންތައް އެއްފަރާތްކުރުމަށްފަހު ކުރިއަށް އޮތް މުހިއްމު މެޗަށް ސަމާލުކަން ދިނުމަށް އެދިފައެވެ.

ޑެ ލަ ފުއެންޓޭ ބުނިގޮތުގައި، ވޯލްޑް ކަޕުގައި ޔަމާލްގެ އެންމެ މޮޅު ކުޅުން ކުރިއަށް އޮތް ސެމީ ފައިނަލުގައި ފްރާންސާ ދެކޮޅަށް ނުވަތަ އެއަށްވުރެ ބޮޑު މެޗެއްގައި ފެނުމަކީ ވަރަށް އެކަށިގެންވާ ކަމެކެވެ.

އެމެރިކާގެ ޑަލަސްގައި ފްރާންސާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ މެޗުގައި ކުޅުމަކީ އުފުލަންޖެހޭ ބުރައެއްގެ ބަދަލުގައި ލިބޭނެ ރަނގަޅު ފުރުސަތެއްގެ ގޮތުގައި ބަލައިގަތުމަށް ޔަމާލްގެ ކިބައިން ސްޕެއިނުގެ ކޯޗު، ޑެ ލަ ފުއެންޓޭ ވަނީ އެދިފައެވެ.

"އަހަރެން، އޭނާ ގާތު ބުނިން ހާސްވާނެ ކަމެއް ނެތޭ. ޖޯޝާއި ފޯރީގައި މެޗާ ކުރިމަތިލާށޭ. އަހަންނަށް ޔަޤީން ވޯލްޑް ކަޕުގައި ލަމީންގެ އެންމެ ކާމިޔާބު ދުވަސް އަދި އޮތީ ކުރިއަށްކަން. އުއްމީދަކީ އެއީ މާދަމާ ކަމަށްވުން، ނޫނީ ފައިނަލަށް ދެވިއްޖެނަމަ ފައިނަލް މެޗު ކަމަށްވުން." ޑެ ލަ ފުއެންޓޭ ބުންޏެވެ.

ސްޕެއިނުގެ ކޯޗު ޑެ ލަ ފުއެންޓޭ (ކ) ޔަމާލް އަށް އިރުޝާދު ދެނީ. --ފޮޓޯ: ރޮއިޓަރސް

މިދިޔަ އޭޕްރީލް މަހުގެ ފަހުކޮޅު ބާސެލޯނާ އަށް ކުޅެނިކޮށް ޔަމާލް އަށް ލިބުނު އަނިޔާއަކުން މަޑުމަޑުން ރިކަވާވެ، ދާދިފަހުން އެންމެ ރަނގަޅަށް ކުޅުމުގައި ބައިވެރިވާން ފަށާފައިވާއިރު، މި މުބާރާތުގައި މިހާތަނަށް އޭނާ ވަނީ އެއް ލަނޑުޖަހައިފައެވެ.

އެންމެ ފަހުގެ ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގައި ފްރާންސް އަތުން 5-4 ގެ ނަތީޖާއަކުން ސްޕެއިނުން ކުރިހޯދާފައިވީނަމަވެސް ޑެ ލަ ފުއެންޓޭ ބުނީ، ކުރީގެ މެޗާ މި ފަހަރުގެ މެޗު ހުރިހާ ގޮތަކުން ތަފާތުވާނެ ކަމަށެވެ.

"އެ މެޗުތަކުން އަހަރެމެންނަށް ވަރަށް ގިނަ ކަންކަން ދަސްވި. އަހަރެމެން މަސައްކަތްކުރާނީ ކުރީން ކުޅުނު މެޗުތަކުގައި އަހަރެމެންނަށް ރަނގަޅަށް ކުރެވުނު ކަންކަން ތަކުރާރުކޮށް، ގޯސްކޮށް ކުރެވުނު ކަންތައްތައް އިސްލާހުކުރަން." ޑެ ލަ ފުއެންޓޭ ބުންޏެވެ.

ފްރާންސްގެ އެޓޭކުގައި ހިމެނޭ، ކީލިއަން އެމްބާޕޭ، އޮސްމާނޭ ޑެމްބޭލޭ އަދި މައިކަލް އޮލީސޭ ފަދަ ކުޅުންތެރިން ހުއްޓުވާނީ ކިހިނެއްތޯ ސުވާލުކުރުމުން ޑެ ލަ ފުއެންޓޭ ބުނީ، އިދިކޮޅު ޓީމު ވަރަށް ބޮޑަށް ދިރާސާކޮށްފައިވާ ކަމަށެވެ.

މޮރޮކޯއާ ދެކޮޅަށް ފްރާންސް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: އޭޕީ

"އެމީހުން ޓީމުގައި މޮޅު ކުޅުންތެރިން އެބަތިބި، އެކަމަކު އަހަރެމެންގެ ވެސް މޮޅު ކުޅުންތެރިން އެބަތިބި. އެންމެ މުހިންމީ އަހަރެމެންގެ އަމިއްލަ ކުޅުން ދަނޑުމަތީގައި ދައްކައި، އިދިކޮޅު ޓީމުގެ ބާރު ކަނޑުވާލުން. އެއީ ފުޓްބޯޅައަކީ." ޑެ ލަ ފުއެންޓޭ ބުންޏެވެ.

ޑެ ލަ ފުއެންޓޭގެ ވާހަކައިގައިވަނީ، ދެ ޓީމުގެ ތެރެއިން ވަކި ޓީމަކީ ފޭވަރިޓެއްގެ ގޮތުގައި ލޭބަލްކޮށް އެހެން ބުނުމަކީ އެއްވެސް މާނައެއް އޮތް ކަމެއް ނޫން ކަމަށް ބުނެފައެވެ. އޭނާ ބުނީ، ދެ ޓީމަކީވެސް ވަރުގަދަ ދެ ޓީމު ކަމަށާއި، ސްޕެއިނަކީ ފޭވަރިޓެކޭ ބުނިކަމަށްވިޔަސް އެއީ މެޗުގެ ނަތީޖާއާ ގުޅުންހުރި ކަމެއް ނޫން ކަމަށެވެ.

ޑެ ލަ ފުއެންޓޭގެ ވާހަކަ ނިންމާލަމުން ބުނީ، އޭނާގެ ކުޅުންތެރިންނަށް ދޭން ބޭނުންވާ އެންމެ ފަހުގެ މެސެޖަކީ، ދެވަނަ ފަހަރަށް ނުލިބިދާނެ މިފަދަ ފުރުސަތެއްގެ ބޭނުން ހިފުމަށް ކަމަށާއި، އޭނާގެ ޓީމުގެ މޮޅު ކުޅުން ދައްކައި ފައިނަލުން ޖާގަ ހޯދުމަށް ގަދައަޅާ މަސައްކަތްކުރުމަށެވެ.

މުބާރާތުގެ ސެމީ ފައިނަލުގައި ފްރާންސާ ދެކޮޅަށް ސްޕެއިން ކުޅޭ މެޗު ފަށާނީ ރާއްޖެގަޑިން މިރޭ މެންދަމު 12 ޖަހާއިރުއެވެ.

ކިޔުންތެރިންގެ ހިޔާލު