ENGLISH

13 ޖުލައި 2026

Advertisement

ރައީސް، "މަތީ އަރުތަވެރިންގެ އިނާމު 2025" ގެ އެންމެ ޝަރަފްވެރި އެވޯޑުތައް ޙަވާލުކޮށްދެއްވައިފި

13 ޖުލައި 2026

|

ޢަލީ ޝަހީމް

"މަތީ އަރުތަވެރިންގެ އިނާމު 2025" ގެ ފަސްވަނަ ދަންފަޅި ރައީސް ޝަރަފްވެރިކޮށްދެއްވުން. ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، "މަތީ އަރުތަވެރިންގެ އިނާމު 2025"ގެ ފަސްވަނަ ދަންފަޅި ޝަރަފުވެރިކޮށްދެއްވައި، އެންމެ ޝަރަފްވެރި އެވޯޑުތައް ހާސިލުކުރި ދަރިވަރުންނަށް އިނާމު ޙަވާލުކޮށްދެއްވައިފިއެވެ. 

މަތީ އަރުތަވެރިންގެ ފަސް ވަނަ ދަންފަޅީގެ އިނާމު ދިނުމުގެ ރަސްމީ ޖަލްސާ އޮތީ މިރޭ ހުޅުމާލޭގައި ހުންނަ ސެންޓަރ ފޯ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަންގައެވެ. 

އެންމެ ޝަރަފްވެރި އެވޯޑުތައް ހާސިލްކުރި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. 

މި ރަސްމިއްޔާތުގައި ވަނީ، ޘާނަވީ އަދި މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުގެ ވަކި ވަކި މާއްދާތަކުން މުޅި ރާއްޖެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށާއި، ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން "ހައި އެޗީވްމަންޓް އެވޯޑު" ހޯދި ދަރިވަރުންނަށާއި، ޘާނަވީ އިމްތިޙާނުން "އައުޓްސްޓޭންޑިން ޕިއަރސަން އެވޯޑް" އަދި މަތީ ޘާނަވީ އިމްތިޙާނުން "އައުޓްސްޓޭންޑިން ކެމްބްރިޖް ލަރނަރ އެވޯޑް" އާއި "ހައި އެޗީވަރޒް ސްކޮލަރޝިޕް" ހޯދި ދަރިވަރުންނަށްވެސް އިނާމު ހަވާލުކުރައްވާފައެވެ.

މިރޭގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން، އެމަނިކުފާނަށް އޮނަރ ގާޑެއް ވަނީ އަރުވާފައެވެ. އަދި، ދަރިވަރުން ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވައި ހަނދާނީ ހަދިޔާއެއް އަރުވާފައެވެ.

މަތީ އަރުތަވެރިންގެ ހަތަރު ދަންފަޅިއެއް މީގެކުރިން ބާއްވާފައިވާއިރު، މި ރަސްމިއްޔާތުތަކުގައި ދައުލަތުގެ ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވެސް ބައިވެރިވެވަޑައިގެންފައިވެއެވެ. 

ކިޔުންތެރިންގެ ހިޔާލު