ENGLISH
13 ޖުލައި 2026
އެއިޓީން ތާޓީ ކްލަސިކް: ސްޓެލްކޯ އާއި އެޗްޑީސީ ސެމީއަަށް
12 ޖުލައި 2026
|
އެއިޓީން ތާޓީ ކްލަސިކުގައި ސްޓެލްކޯ އާއި ބީއެމްއެލް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
އެންމެ މަޤްބޫލު
ކްލަަބް މޯލްޑިވްސްގެ އަންހެން ޑިވިޝަނުގެ ދެވަަނަ ފަންތީގެ މުބާރާތް، އެއިޓީން ތާޓީ ކްލަސިކް 2026 ގެ ސެމީ ފައިނަލަށް ސްޓެލްކޯ ރެކްރިއޭޝަން ކުލަބާއި، ކުލަބު އެޗްޑީސީ ދަތުރުކޮށްފިއެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ ކްލަސިކް މުބާރާތުގައި 9 ޓީމެއް ވާދަކުރެއެވެ. މި ޓީމުތައް ދެ ގްރޫޕަކަށް ބަހާލާފައިވާއިރު، ގްރޫޕް އޭގައި ފަސް ޓީމު ހިމެނެއެވެ. އަދި ގްރޫޕް ބީގައި ހިމެނެނީ ހަތަރު ޓީމެވެ.
މި މުބާރާތުގެ ގްރޫޕް ބީގައި މިރޭ ކުޅުނު ފުރަތަމަ މެޗުން ސްޓެލްކޯ ވަނީ 3-1 ގެ ނަތީޖާއަކުން ޔުނައިޓެޑް ބީއެމްއެލް ބަލިކޮށްފައެވެ. މި މެޗުގައި ސްޓެލްކޯގެ މަރިޔަމް ޒާނާ ޒަމީރު ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ އައިޝަތު ދީނާ ވަޒީމެވެ. މެޗުގައި ބީއެމްއެލްގެ ހަމައެކަނި ލަނޑު ޖަހައިދިނީ ފާޔިމަތު ޝައިލާން އަފްޒަލެވެ.
އެއިޓީން ތާޓީ ކްލަސިކުގައި އެޗްޑީސީ އާއި އެމްއޭސީއެލް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
މި ގްރޫޕުގެ އަނެއް މެޗުގައި މިރޭ އެޗްޑީސީން ވަނީ ފަސޭހަކަމާއެކު 7-0 ގެ ނަތީޖާއަކުން އެންމެ ފަހުގެ ރަނަރަޕް ޓީމު އެމްއޭސީއެލް ބަލިކޮށްފައެވެ. މި މެޗުގައި އެޗްޑީސީގެ އާމިނަތު ރިސާލާ، ފާތިމަތު ސާލިޔާ އަދި ފިރުޝާނާ ނަސީރު، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ލަނޑު ޖަހާފައެވެ. އެޗްޑީސީގެ އަނެއް ލަނޑަކީ އެމްއޭސީއެލްގެ ފާތިމަތު އަލިއްޔާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މި ނަތީޖާތަކާއެކު ގްރޫޕް ބީން އެޗްޑީސީ އާއި ސްޓެލްކޯއަށް ސެމީގެ ޖާގަތައް ކަށަވަރުވިއިރު، އެ ދެ ޓީމުން ވަނީ ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓް ހޯދާފައެވެ. ލަނޑުގެ ތަފާތުން މިވަގުތު އެއްވަނަ ލިބެނީ އެޗްޑީސީއަށެވެ. ތިންވަނައިގައި އޮތް ބީއެމްއެލް އާއި، ފުލުގައި އޮތް އެމްއޭސީއެލްއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
އެއިޓީން ތާޓީ ކްލަސިކުގައި ހުޅުމާލެ ހޮސްޕިޓަލާއި ހެލްތު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
މީގެ އިތުރުން މި މުބާރާތުގެ ގްރޫޕް އޭގައި މިރޭ ކުޅުނު ފުރަތަމަ މެޗުން ހުޅުމާލެ ހޮސްޕިޓަލް ވަނީ 3-1 ގެ ނަތީޖާއަކުން ހެލްތު ރެކްރިއޭޝަން ކުލަބު އަތުން މޮޅުވެފައެވެ. މި މެޗުގައި ހުޅުމާލެ ހޮސްޕިޓަލުގެ ފާތިމަތު ޝާއިގާ އަބޫބަކުރު ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ހައްވާ މިންހާ އަޙްމަދެވެ. ހެލްތުގެ ހަމައެކަނި ލަނޑު ޖަހައިދިނީ ފާތިމަތު ޒަޔާ އާދަމެވެ.
މި ގްރޫޕުގެ އަނެއް މެޗުގައި އެސްޓީއޯ ރެކްރިއޭޝަން ކުލަބުން ވަނީ 1-0 ގެ ނަތީޖާއަކުން ޒުވާނުން ބާރުވެރިކުރުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ ބަލިކޮށްފައެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އެސްޓީއޯއަށް ކާމިޔާބުކޮށްދިނީ ޝިޔާނާ އަޙްމަދު ޒުހައިރެވެ.
އެއިޓީން ތާޓީ ކްލަސިކުގައި އެސްޓީއޯ އާއި ކުޅިވަރާ ބެހޭ ވުޒާރާ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ
މި ނަތީޖާތަކާއެކު ގްރޫޕް އޭގެ އެއްވަނައިގައި އެސްޓީއޯ އޮތީ ކުޅުނު ތިން މެޗުންވެސް މޮޅުވެ ނުވަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ޕްރިޒަން ކުލަބުން ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓް ހޯދާފައިވާއިރު، ތިންވަނައިގައި އޮތް ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ދެ މެޗުން ތިން ޕޮއިންޓް ލިބިފައެވެ. އަދި ހަތަރުވަނައިގައި އޮތް ކުޅިވަރާ ބެހޭ ވުޒާރާ އާއި، ފުލުގައި އޮތް ހެލްތަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.
މި މުބާރާތުގެ މެޗުތައް ދެން ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެރެއެވެ.