ENGLISH

21 ޖުލައި 2026

Advertisement

އަލުން ބޭނުންކުރެވޭ ރޮކެޓެއް، ޗައިނާގައި ކާމިޔާބުކަމާއެކު ބިމަށް ތިރިކޮށްފި

10 ޖުލައި 2026

|

އާމިނަތު ނުޒްލާ

ޗައިނާގައި ޓެސްޓުކުރި ރޮކެޓް. - ފޮޓޯ: ބީސީސީ

ޗައިނާގެ ޖައްވީ ދިރާސާކުރާ އިދާރާއިން އަލުން ބޭނުންކުރެވޭ ރޮކެޓެއް، ފުރަތަމަ ފަހަރަށް ކާމިޔާބުކަމާއެކު ބިމަށް ތިރިކޮށް، އެ ގައުމުގެ ޖައްވީ ޕްރޮގްރާމުގައި ތާރީޚީ ކުރިއެރުމެއް ހޯދައިފި ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ޗައިނާ އެއަރޯސްޕޭސް ސައިންސް އެންޑް ޓެކްނޮލޮޖީ ކޯޕަރޭޝަނުން ހާމަކުރި ގޮތުގައި، 'ލޯންގް މާޗް 10ބީ' ރޮކެޓް ފޮނުވާލާފައިވަނީ މިދިޔަ ހުކުރު ދުވަހު ޗައިނާގެ ދެކުނުގައި އޮންނަ ހައިނާން ސިޓީން، އެ ގައުމުގެ ގަޑިން މެންދުރުފަހު 12:15 ގައެވެ.

ރޮކެޓްގެ މަތީ ބައި ވަކިވިތާ ގާތްގަނޑަކަށް ހަ މިނެޓު ފަހުން، އޭގެ ބޫސްޓަރު ވަނީ ކޮޅަށް ހުރެގެން ދަތުރުކޮށް، ކަނޑުގެ ސަތަހައިގައި އޮތް ޚާއްޞަ ޕްލެޓްފޯމަކަށް ސަލާމަތްތެރިކަމާއެކު ތިރިކޮށްފައެވެ.

މި ކާމިޔާބީއާއެކު، އަލުން ބޭނުންކުރެވޭ ރޮކެޓް އުފެއްދުމުގައި އެމެރިކާގެ 'ސްޕޭސް އެކްސް' އަދި 'ބްލޫ އޮރިޖިން' ކުންފުނިން ހޯދާފައިވާ ކުރިއެރުންތަކަށް ގޮންޖަހާލުމުގެ ގާބިލުކަން ޗައިނާއަށް ލިބިފައިވާކަން ވަނީ ހާމަވެފައެވެ.

އާންމު ގޮތެއްގައި ރޮކެޓްތަކަކީ އެއްފަހަރު ބޭނުންކޮށްފައި އުކާލާ އެއްޗެކެވެ. ރޮކެޓްގެ ބައިތައް ޖައްވަށް ދަތުރުކުރާއިރު ވަކިވެގެން ގޮސް ހަލާކުވެދާތީ، ޖައްވީ މިޝަންތަކަށް ވަރަށް ބޮޑު ހޭދައެއް ކުރަންޖެހެއެވެ. ނަމަވެސް، ރޮކެޓްގެ އެންމެ އަގުބޮޑު ބައި ކަމުގައިވާ ބޫސްޓަރު އަލުން ބޭނުންކުރެވޭ ގޮތް ހެދުމުން، ސެޓެލައިޓްތައް ފޮނުވުމަށާއި ޖައްވީ ދިރާސާތަކަށް ހިނގާ ޚަރަދު ވަރަށް ބޮޑަށް ކުޑަކުރެވޭނެކަމަށް ކަމާ ގުޅޭ މާހިރުން ގަބޫލުކުރެއެވެ.

އިލޮން މަސްކްގެ ސްޕޭސް އެކްސް ކުންފުނިން 2015 ވަނަ އަހަރު މިފަދަ ރޮކެޓެއް ފުރަތަމަ ފަހަރަށް ބިމަށް ތިރިކޮށްފައިވާއިރު، މިހާރު އެ ކުންފުނިން އަހަރަކު ގާތްގަނޑަކަށް 150 ފަހަރު ރޮކެޓް ފޮނުވައެވެ. އަދި އޭގެ ބޫސްޓަރުތައް އެތައް ފަހަރަކު ބޭނުންކުރެއެވެ.

ޗައިނާއިން މީގެ ކުރިން ފެބްރުއަރީ މަހުވެސް މިފަދަ މަސައްކަތެއް 'ލޯންގް މާޗް 10އޭ' ރޮކެޓް ބޭނުންކޮށްގެން ކުރިއެވެ. ނަމަވެސް އެ ފަހަރު ރޮކެޓް ތިރިކުރެވުނީ ކަނޑުގެ ސަތަހައިގައެވެ. މިފަހަރުގެ 'ލޯންގް މާޗް 10ބީ' އަކީ ސްޕޭސް އެކްސްގެ 'ފެލްކަން 9' އާ އެއްފަދަ ގާބިލުކަމެއް ހުރި ރޮކެޓެކެވެ. މިއީ 16 މެޓްރިކް ޓަނުގެ މުދާ އުފުލުމުގެ ގާބިލުކަން ލިބިފައިވާ ރޮކެޓެކެވެ.

އެހެންނަމަވެސް، ޗައިނާގެ ރޮކެޓް ތިރިކުރާ ގޮތް ސްޕޭސް އެކްސްގެ ރޮކެޓްތަކާ ތަފާތެވެ. ސްޕޭސް އެކްސްގެ ރޮކެޓްތައް އަމިއްލައަށް ބިމަށް ތިރިވާއިރު، ޗައިނާގެ ރޮކެޓްގައި ހުންނަ 'ލޭންޑިންގ ހޫކްސް' ތަކެއް ބޭނުންކޮށްގެން، ޕްލެޓްފޯމެއްގައި ހަރުކޮށްފައިވާ ދަލެއްގައި އަޅުވައިގެން ހިފަހައްޓަނީއެވެ.

މި އުފާވެރި ޚަބަރާއެކު، ޗައިނާގެ ސްޕޭސް ކުންފުނިތަކުގެ ހިއްސާގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެގޮތުން 'ޗައިނާ ސްޕޭސްސެޓް' އަދި 'ޗައިނާ ސެޓެލައިޓް ކޮމިއުނިކޭޝަންސް' ފަދަ ކުންފުނިތަކުގެ ހިއްސާގެ އަގު ވަނީ 10 އިންސައްތައަށް މައްޗަށް ގޮސްފައެވެ. މިއީ އެ ގައުމުގެ މާލީ ބާޒާރުގެ ގަވާއިދުތައް ހުއްދަކުރާ އެންމެ މަތީ މިންވަރެވެ.

ކިޔުންތެރިންގެ ހިޔާލު