ENGLISH

21 ޖުލައި 2026

Advertisement

ދުވާލަކު 20 މިނެޓު ގުދުރަތީ މާހައުލެއްގައި ހޭދަކޮށްލުމުން ސިއްހަތަށް ބޮޑެތި ފައިދާތަކެއް ކުރޭ

07 ޖުލައި 2026

|

އާމިނަތު ނުޒްލާ

ގުދުރަތީ މާހައުލެއްގައި އާއިލާއާއެކު ވަގުތު ހޭދަކުރުން - ފޮޓޯ: ބީބީސީ

ކޮންމެ ދުވަހަކު ވެސް ކުޑަ ވަގުތުކޮޅަކު ގުދުރަތީ މާހައުލެއްގައި ނުވަތަ ގަސްގަހާގެހި ހުންނަ ސަރަހައްދެއްގައި ހޭދަކޮށްލުމަކީ އިންސާނާގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށް ނުހަނު ބޭނުންތެރި ކަމެއްކަން ދިރާސާތަކުން ދައްކައިފިއެވެ.

ބަގީޗާއެއްގެ ތެރޭގައި ހިނގާލުމުން ނުވަތަ މޫދު ކައިރީގައި ވަގުތުކޮޅެއް ހޭދަކޮށްލުމުން ހިތަށް ލިބޭ ހަމަޖެހުމަކީ ހަމައެކަނި އިހުސާސެއް ނޫން ކަމަށާއި، އެއީ ހަށިގަނޑުގެ ބަޔޮލޮޖީއަށް އަންނަ ބަދަލެއް ކަމަށް ސައިންސްވެރިން ބުނެފައިވެއެވެ. އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީގެ ޕްރޮފެސަރެއް ކަމަށްވާ ބެރޮނަސް ކެތީ ވިލިސް ވިދާޅުވާ ގޮތުގައި، ގުދުރަތީ މާހައުލެއްގައި އެންމެ 20 މިނެޓު ހޭދަކޮށްލުމުން ވެސް ހަށިގަނޑުގެ ސްޓްރެސް ހޯރމޯންތައް ދަށްވެ، ލޭގެ ޕްރެޝަރު މިންގަނޑަކަށް ފެތިގެންދެއެވެ.

ގުދުރަތީ މާހައުލުން ސިއްހަތަށް ފައިދާކުރާ މައިގަނޑު ހަތަރު ގޮތެއް ދިރާސާވެރިން ވަނީ ފާހަގަކޮށްފައެވެ.

ނޭނގި ހުރެ ހަށިގަނޑު ހަމަޖެހުމަކަށް އައުން:

ފެހިކަން ގަދަ ގަސްތައް ފެނުމާއި، ދޫނި ސޫފާސޫފީގެ އަޑު އިވުމުން އިންސާނާގެ 'އޮޓޯނޮމިކް ނާވަސް ސިސްޓަމް' ވަގުތުން މަސައްކަތް ފަށައި، ހިތުގެ ވިންދު މަޑުޖައްސާލައި ހަށިގަނޑަށް ހަމަޖެހުން ގެނުވައިދެއެވެ. އިނގިރޭސިވިލާތުގައި 20،000 މީހުން ބޭނުންކޮށްގެން ހެދި ދިރާސާއަކުން ދެއްކި ގޮތުގައި، ހަފުތާއަކު މަދުވެގެން 120 މިނެޓު ގުދުރަތީ މާހައުލުގައި ހޭދަކުރާ މީހުންގެ ނަފްސާނީ ދުޅަހެޔޮކަން މާ ބޮޑަށްވެސް ރަނގަޅެވެ.

ހޯރމޯންތަކަށް އަންނަ ބަދަލު:

ގަސްގަހާގެހީގެ ތެރޭގައި ވަގުތު ހޭދަކުރުމުން ހާސްކަމާއި ކަންބޮޑުވުން އިތުރުކޮށްދޭ ހޯރމޯންތައް ކަމަށްވާ ކޯޓިޒޯލް އާއި އެޑްރެނަލިންގެ މިންވަރު ދަށްވެއެވެ. އަދި ބަލިތަކާ ދެކޮޅަށް މަސައްކަތްކުރާ 'ނެޗުރަލް ކިލަރ ސެލްސް' ނުވަތަ ދިފާއީ ނިޒާމުގެ ސެލްތައް އިތުރުވެ، ހަށިގަނޑުގެ ދިފާއީ ބާރު ވަރުގަދަވެގެންދެއެވެ.

ވަސް ދުވުމުގެ މުހިންމުކަން:

ގަސްގަހާގެއްސާއި ފަސްގަނޑުން ދުވާ ވަހަކީ ސިއްހަތަށް ފައިދާހުރި މާއްދާތަކެއް އެކުލެވޭ އެއްޗެކެވެ. މިސާލަކަށް، ޕައިން ގަސްތަކުން ދުވާ ވަހުގެ ސަބަބުން އެންމެ 90 ސިކުންތުގެ ތެރޭގައި އިންސާނާގެ ސިކުނޑި ހަމަޖެހުމަކަށް ގެނުވައިދޭކަން ވަނީ ސާބިތުވެފައެވެ.

ބަނޑުގެ ސިއްހަތު ރަނގަޅުވުން:

ގުދުރަތީ މާހައުލުގައި ހުންނަ ބައެއް ބެކްޓީރިއާ ތަކަކީ ހަށިގަނޑަށް ފައިދާހުރި 'ގުޑް ބެކްޓީރިއާ' ތަކެކެވެ. މިއީ އަގުބޮޑުކޮށް ގަންނަން ލިބޭ ޕްރޯބަޔޮޓިކްސް އިން ލިބޭ ފައިދާއާ އެއްވަރުގެ ފައިދާއެއް ކުރާ ކަމެކެވެ.

ގުދުރަތީ މާހައުލަކަށް ދިއުމުގެ ފުރުސަތު ނެތް މީހުންނަށް ގޭތެރޭގައި ގަސް އިންދުމާއި، ގުދުރަތީ މަންޒަރުތައް ފެންނަ ފޮޓޯއަށް ބަލާލުމަކީވެސް ސިކުނޑިއަށް ހަމަޖެހުން ލިބޭނެ ކަމެއް ކަމަށް ތަޖުރިބާކާރުން ލަފާދެއެވެ.

ދުވާލަކު އެންމެ 20 މިނެޓު، މެންދުރުގެ ކެއުމުގެ ވަގުތުގައި ނަމަވެސް ބޭރުތެރޭގައި ހޭދަކޮށްލުމަކީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ.

ކިޔުންތެރިންގެ ހިޔާލު