ENGLISH
07 ޖުލައި 2026
ޕެރަގުއޭގެ ސެނެޓަރަށް އެމްބާޕޭގެ ވަރުގަދަ ރައްދެއް
07 ޖުލައި 2026
|
ވޯލްޑް ކަޕުގައި ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ފްރާންސްގެ ކެޕްޓަން އެމްބާޕޭ --- ފޮޓޯ: ރޮއިޓަރސް
އެންމެ މަޤްބޫލު
ޕެރަގުއޭގެ ސެނެޓަރަކު އޭނާއަށް އަމާޒުކޮށް ބުނި ނަސްލީ ތަފާތުކުރުންތަކުގެ ބަަސްތަކަށް ފްރާންސްގެ ތަރި ކީލިއަން އެމްބާޕޭ ވަރުގަދަ ރައްދެއް ދީފިއެވެ. ފީފާ ވޯލްޑް ކަޕް 2026 އިން ޕެރަގުއޭ ކެޓުމާ ގުޅިގެން އެ ޤައުމުގެ ސެނެޓަރު ދެއްކެވި ވާހަކަތަކާ ގުޅިގެން، އެމްބާޕޭ ވަނީ އޭނާއަކީ "ދަށުދަރަޖައިގެ އަންހެނެއް" ކަމަށް ސިފަކޮށްފައެވެ.
އެމެރިކާގެ ފިލަޑެލްފިއާގައި މިދިޔަ ހޮނިހިރު ދުވަހު ކުޅުނު ފޯރިގަދަ މެޗުގައި، އެމްބާޕޭ ކާމިޔާބުކުރި ޕެނަލްޓީއާއެކު 1-0 ގެ ނަތީޖާއަކުން މޮޅުވެ، ފްރާންސް ވަނީ މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފައެވެ.
ޕެރަގުއޭގެ ސެނެޓަރު ސެލެސްޓޭ އަމަރީޔާ، އެކްސްގައި ޝާއިއުކުރި ދިގު އަދި ހުތުރު ބަސްތަކުން ފުރިގެންވާ ލިޔުމެއްގައި ވަނީ އެމްބާޕޭއަކީ "ފްރާންސް މީހަކަށް ވާން އުޅޭ، އިސްތިއުމާރު ކުރެވިފައިވާ ކެމަރޫން މީހެއް" ކަމަށާއި، އޭނާއަކީ "ލިޔަންކިޔަން ނޭނގޭ ވަލު މީހެއް" ކަމަށް ބުނެފައެވެ. އަދި މެޗަށްފަހު ޕެރަގުއޭގެ ކުޅުންތެރިން އޭނާގެ ކުލަޔަށް ނިސްބަތްކޮށް ހަމަލާދޭން ޖެހޭނެ ކަމަށްވެސް ބުންޏެވެ.
މިކަމާ ގުޅިގެން ފްރާންސްގެ ކެޕްޓަން އެމްބާޕޭ ނެރުނު ބަޔާނެއްގައި، އޭނާގެ އަމިއްލަ ނަފްސުގެ އިތުރުން ޕެރަގުއޭގެ ކުޅުންތެރިންގެ ދިފާއުގައިވެސް ވާހަކަދައްކާފައިވެއެވެ.
"މެޑަމް ސެލެސްޓޭ އަމަރިއްލާ، ކަމަނާއަކީ ދަށުދަރަޖައިގެ އަންހެނެއް. އަދި ތިޔަ މަގާމަށް ކުފޫހަމަވާ މީހެއް ނޫން. ކަމަނާއަކީ މުޅި މުބާރާތުގައި ފަޚުރާއި ޝަރަފާއެކު ދަލާއި ލޭ އޮހޮރުވި ޕެރަގުއޭ ތަމްސީލުކުރާ މީހެއް ނޫން،" އެމްބާޕޭ ލިޔެފައިވެއެވެ.
އެމްބާޕޭ އިތުރަށް ބުނެފައިވަނީ، "ކަމަނާގެ ވިސްނުމެއް ނެތް އަމަލުތަކާއި ފާޅުކަން ބޮޑު ނަސްލީ ތަފާތުކުރުންތަކުގެ ސަބަބުން، ޕެރަގުއޭގެ ކުޅުންތެރިން މި ވޯލްޑް ކަޕުގައި ކުރި ތާރީޚީ މަސައްކަތާއި ހިތްވަރު މުޅި ދުނިޔެ މިހާރު ވަނީ ހަނދާން ނައްތާލާފައި. އޭގެ ބަދަލުގައި ދުނިޔެއަށް މި ފެންނަނީ ޤައުމުގެ އަގު ވައްޓާލައި، ގާބިލުކަމެއް ނެތް އަންހެނަކު ދައްކާ ހުތުރު މަންޒަރުތައް." ކަމަށެވެ.
"އޭނާ ފަދަ މީހުންނަށް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ނަފުރަތާއި ނަސްލީ ތަފާތުކުރުން ފެތުރުމުގެ މިނިވަންކަމެއް އަހަރެން ދުވަހަކުވެސް ނުދޭނަން،" އެމްބާޕޭ އިތުރަށް ބުންޏެވެ.
މި މައްސަލަ އިތުރަށް ހޫނުވެފައިވާއިރު، ފްރެންޗް ފުޓްބޯލް ފެޑެރޭޝަނުން ވަނީ ސެނެޓަރުގެ ބަސްތަކަކީ ބަލައިގަނެވޭނެ އަމަލެއް ނޫން ކަމަށް ބުނެ، އޭނާއާ ދެކޮޅަށް ޖިނާއީ ދައުވާ ކުރުމަށް ނިންމާފައިވާކަން އިއުލާންކޮށްފައެވެ.
އެ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "މި ވާހަކަތަކަކީ ކުށްވެރިކުރަންޖެހޭ ޖިނާއީ އަމަލެއް. އެހެން ތަންތަނެކޭވެސް އެއްފަދައިން މި ޤައުމުގައިވެސް އެފަދަ މީހުންނަށް ދައުވާ ކުރެވެންޖެހޭނެ. މި މައްސަލައިގައި ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި މިހާރު ވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް މައްސަލަ ހުށަހަޅާފައި،" ކަމަށެވެ.
އަދި "މިފަދަ ދަށުދަރަޖައިގެ ވާހަކަތަކަކީ އެ ވާހަކަ ދައްކާ މީހުންނާއި އެ ފަތުރާ މީހުންގެ ލަދުވެތިކަން ހާމަކޮށްދޭ ކަމެއް. ފްރާންސްގެ ޤައުމީ ޓީމުގެ ކުޅުންތެރިން ތަމްސީލުކުރަނީ ފްރާންސް. އެހެންކަމުން މިއީ ސީދާ އަޅުގަނޑުމެންގެ ޤައުމަށް ކުރި އިހާނެތިކަމެއް،" ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.