ENGLISH

07 ޖުލައި 2026

Advertisement

ޔޫތު ޗެމްޕިއަންޝިޕް: ކެޔޮދޫ ބަލިކޮށް ނިއު ރޭޑިއަންޓަށް ފުރަަތަމަ މޮޅު

07 ޖުލައި 2026

|

އިސްމާއިލް ޝާހު

ޔޫތު ޗެމްޕިއަންޝިޕުގައި ކެޔޮދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮށްގެން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް 2026 ގައި ކެޔޮދޫ ބަލިކޮށް، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ފުރަތަމަ މޮޅު ހޯދައިފިއެވެ.

މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕުގައި ހަ ޓީމެއް ވާދަކުރާއިރު، އެ ޓީމުތަކަކީ ނިއު ރޭޑިއަންޓާއި، ކެޔޮދޫގެ އިތުރުން އޮޑި ސްޕޯޓްސް ކުލަބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި، ޓީސީ ސްޕޯޓްސް ކުލަބު އަދި ބުރު ސްޕޯޓްސް ކުލަބެވެ. ލީގު އުސޫލުން މުބާރާތުގެ ކުޅުން ކުރިއަށްދާއިރު، ފައިނަލަށް ދަތުރުކުރާނީ ލީގު ބުރު ނިމޭއިރު އެންމެ ކުރީގައި އޮންނަ ދެ ޓީމެވެ.

ޤައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން ނިއު ރޭޑިއަންޓް މޮޅުވީ ފަސޭހަކަމާއެކު 7-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ނިއު ރޭޑިއަންޓުގެ ޒާކީ މުޖުތަބާ ޒާހިރު ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑުތައް ކާމިޔާބުކޮށްދިނީ އަޔާން ހަސަން ޝަރީފް، އަޙްމަދު މާއިން މުޙައްމަދު، މުޙައްމަދު އިޒާން އަލީ، އަބްދުﷲ އާއިޝް އަލީ އަދި އަޙްމަދު ހަމްދާން އަޒްލީނެވެ. މި މެޗުގައި ކެޔޮދޫން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ޕެނަލްޓީއަކުން މުޙައްމަދު ޝައްމާހު ސޮލާހެވެ.

މި މޮޅާއެކު ތާވަލުގެ ތިންވަނައަށް ނިއު ރޭޑިއަންޓް ޖެހިލީ ކުޅުނު ތިން މެޗުން ލިބުނު ފަސް ޕޮއިންޓާއެކުއެވެ. އެއްވަނައިގައި އޮތް މާޒިޔާ އާއި، ދެވަނައިގައި އޮތް އޮޑި ސްޕޯޓްސްއަށް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފައެވެ. އަދި މި މެޗުން ބަލިވި ކެޔޮދޫ އޮތީ ތާވަލުގެ ފަސްވަނައިގައި ތިން މެޗުން ތިން ޕޮއިންޓާއެކުއެވެ.

މި މުބާރާތުގެ މެޗުތައް ދެން ކުޅޭނީ އަންނަ ބުރާސްފަތި ދުވަހެވެ. އެ ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ބުރު ސްޕޯޓްސް އާއި އޮޑި ސްޕޯޓްސް ބައްދަލުކުރާއިރު، އެ ރޭ ކުޅޭ މެޗުގައި ޓީސީ ނުކުންނާނީ ނިއު ރޭޑިއަންޓާ ދެކޮޅަށެވެ.

ކިޔުންތެރިންގެ ހިޔާލު