ENGLISH
21 އޭޕްރީލު 2025
ބަލިމަޑުކަމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަކީ ބަލިމަޑުކަން ހުއްޓުވުމަށް އެޅޭ އެންމެ މުހިންމު ފިޔަވަޅު
27 ޑިސެމްބަރު 2024
|
ކޮވިޑް ބަލިމަޑުކަމުގެ ދުވަސްވަރު ބަލި ހުރިކަން ދެނެގަތުމަށް ޓެސްޓު ކުރަނީ
ކޮވިޑް-19 ގެ ބަލިމަޑުކަމުން ހާމަވާ ފަދައިން، ގައިންގަޔަށް އަރާ ބަލިތަކާއި ބަލިމަޑުކަމުގެ ސަބަބުން އިންސާނުންގެ ދިރިއުޅުމަށް ނުހަނު ބޮޑެތި ގެއްލުންތައް ލިބި، ދުރު މުސްތަޤްބަކުގައި އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށް ނޭދެވޭ އަސަރުތަކެއް ކުރެއެވެ. ދުނިޔޭގެ ޞިއްޙީ ކާރިސާތަކުގެ ސަބަބުން މިހާރު ވެސް ބުރަބޮޑުވެފައިވާ ޞިއްޙީ ނިޒާމުތައް އިތުރަށް ބުރަވެ، ދުނިޔޭގެ ސަޕްލައި ޗެއިންތަކަށް ހުރަސްއެޅި، އަދި ޚާއްޞަކޮށް އަންހެނުންނާއި ކުޑަކުދިންނާއި، އެންމެ ފަގީރު އަދި އެންމެ ނާޒުކު ޙާލަތުގައިވާ ޤައުމުތަކުގެ އިޤްތިޞާދަށް ނުހަނު ބޮޑެތި ގެއްލުންތަކެއް ލިބެއެވެ.
ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު މަހުގެ 27 ވަނަ ދުވަސް ބައިނަލްއަޤްވާމީ ގޮތުން ފާހަގަކުރަނީ ބަލިމަޑުކަމަށް ތައްޔާރުވުމުގެ ދުވަހުގެ ގޮތުގައެވެ. ނާޒުކު ޙާލަތުގައިވާ ނުވަތަ ނާޒުކު ޙާލަތަކަށް ވެއްޓިދާނެ މީހުންނަށް ވާޞިލްވެވޭ، ދެމެހެއްޓެނިވި އަދި ވަރުގަދަ ޞިއްޙީ ނިޒާމުތަކެއް އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ. ބައިނަލްއަޤްވާމީ ސަމާލުކަން ނުލިބިއްޖެނަމަ، ކުރިމަގުގައި ދިމާވެދާނެ ބަލިމަޑުކަމަކީ ކުރީގައި ކުރިމަތިވެފައިވާ ބަލިމަޑުކަމަށް ވުރެ މާ ގަދަފަދަ އަދި ނުރައްކާތެރި ކަމަކަށް ވެދާނެއެވެ.
ބަލިމަޑުކަމާ ބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި، މަޢުލޫމާތު ޙިއްޞާކުރުމާއި، ޢިލްމީ މަޢުލޫމާތާއި އެންމެ ރަނގަޅު އާދަތައް ޙިއްޞާކުރުމާއި، ފެންވަރު ރަނގަޅު ތަޢުލީމާއި، އަދި ރަށު ފެންވަރުގަ އާއި، ޤައުމީ ފެންވަރުގަ އާއި، ސަރަޙައްދީ ފެންވަރުގަ، އަދި ދުނިޔޭގެ ފެންވަރުގައި ހިންގޭ ވަކާލާތުކުރުމުގެ ޕްރޮގްރާމްތަކަކީ ބަލިމަޑުކަން ހުއްޓުވުމަށާއި އެކަމަށް އިޖާބަދިނުމަށް އެޅޭ އެންމެ ފުރިހަމަ ފިޔަވަޅުތަކެވެ.
"ކޮވިޑް-19 އަކީ އިންސާނިއްޔަތަށް ކުރިމަތިވި ހިތާމަވެރި ކަމެއް، ނަމަވެސް އޭގެ ސަބަބުން ޖީލުތަކަށް ފުރުޞަތެއް ވެސް ލިބިގެން ދިޔަ، އެއީ މިހާރަށްވުރެ ހަމަހަމަ އަދި ދެމެހެއްޓެނިވި ދުނިޔެއެއް އަލުން ބިނާކުރުމުގެ ފުރުޞަތު، މި ބަލިމަޑުކަމަށް އަދި އޭގެ ކުރިން ފެތުރިފައިވާ ނުރުހުންތަކަށް ދޭންޖެހޭ ޖަވާބު ބިނާވާންވާނީ އައު އިޖްތިމާޢީ އެއްބަސްވުމަކާއި އައު ދުނިޔޭގެ އެއްބަސްވުމެއްގެ މައްޗަށް. މިގޮތުން އެންމެންނަށް ހަމަހަމަ ފުރުޞަތުތައް ހޯދައިދީ، އެންމެންގެ ޙައްޤުތަކާއި މިނިވަންކަމަށް އިޙްތިރާމްކުރަންޖެހޭ." - އެންޓޯނިއޯ ގުޓާރޭޒް،އ.ދ.ގެ ސެކްރެޓަރީ ޖެނެރަލް
ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގައި ލިބިފައިވާ ތަޖުރިބާތަކާއި އަސާސީ ޚިދުމަތްތައް ހުއްޓުނަ ނުދިނުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށް ބިނާކޮށް ބަލިމަޑުކަން ހުއްޓުވުމުގެ މަސައްކަތް ހަރުދަނާކުރުމަކީ މުހިންމު ކަމެކެވެ. އަދި ކުރިމަގުގައި ދިމާވެދާނެ ކޮންމެ ބަލިމަޑުކަމަކަށް ވީހާވެސް އަވަހަށް އަދި އެންމެ އެކަށީގެންވާ ގޮތެއްގައި އިޖާބަދިނުމަށްޓަކައި ތައްޔާރުވެ ތިބުމުގެ ފެންވަރު މަތިކުރުމަކީވެސް މުހިންމު ކަމެކެވެ. މީގެ އިތުރުން، އިންސާނުންގެ ޞިއްޙަތާއި، ޖަނަވާރުންގެ ޞިއްޙަތާއި، ގަސްގަހާގެހީގެ ޞިއްޙަތާއި، އަދި ތިމާވެށްޓާއި އެހެނިހެން ގުޅުންހުރި ދާއިރާތައް އެއްކޮށްލައިގެން ގެންގުޅޭ "ވަން ހެލްތު" އެޕްރޯޗްގެ މުހިންމުކަން ފާހަގަކުރުމަކީ ވެސް މުހިންމު ކަމެކެވެ.
ބަލިމަޑުކަމަށް އިޖާބަދިނުމުގައި ބައިނަލްއަޤްވާމީ އެއްބާރުލުމާއި ވަކާލާތުކުރުމަކީ މުހިންމު ދައުރެއް އަދާކުރާ ކަންކަމެވެ. ބަލިމަޑުކަން ބެލެހެއްޓުމުގެ ހުރިހާ މަރުޙަލާއެއްގައި ވެސް ކޮންމެ ފަރުދެއްގެ މެދުގައާއި، މުޖުތަމަޢުތަކުގެ މެދުގައާއި، ދައުލަތްތަކުގެ މެދުގައާއި، އަދި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގެ މެދުގައި އޮންނަ ގުޅުމާއި އެއްބައިވަންތަކަމުގެ މުހިންމުކަމާއި، އަދި މިކަމުގައި ޖިންސުގެ ތަފާތުތަކަށް ރިޢާޔަތްކުރުމުގެ މުހިންމުކަން ފާހަގަކުރަން ޖެހެއެވެ.
އދ. ގެ ނިޒާމުގެ ތެރެއިން، ޚާއްޞަކޮށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން، އެ ޖަމްޢިއްޔާގެ މެންޑޭޓާ އެއްގޮތްވާ ގޮތުގެމަތިން، ބަލިމަޑުކަމަށް އިޖާބަދިނުމުގެ މަސައްކަތްތައް ވިލަރެސްކުރުމުގައި މުހިންމު ދައުރެއް އަދާކުރެއެވެ. އަދި 2030 އެޖެންޑާގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި، ގައިންގަޔަށް އަރާ ބަލިތަކާއި ބަލިމަޑުކަމުގެ އަސަރުތައް ހުއްޓުވުމަށާއި، ކުޑަކުރުމަށާއި، އަދި އެކަންކަމާ ކުރިމަތިލުމަށް ކުރެވޭ ޤައުމީ، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މަސައްކަތްތަކަށް އެހީތެރިވެދެއެވެ.
ދުނިޔޭގެ ޞިއްޙީ ގޮންޖެހުންތަކާ ކުރިމަތިލުމުގައި ސަރުކާރުތަކުގެ މައިގަނޑު ދައުރާއި ޒިންމާ އަދާކުރުމުގެ މުހިންމުކަމާއި، އަދި މިކަމުގައި ކަމާގުޅޭ އެހެނިހެން ފަރާތްތަކުގެ، ޚާއްޞަކޮށް ދުނިޔޭގެ ޞިއްޙީ މަސައްކަތްތެރިންގެ ބޮޑު އަޣުލަބިއްޔަތަކީ އަންހެނުން ކަމުގައިވާތީ އަންހެނުންގެ، މުހިންމު ޙިއްޞާ ފާހަގަކުރަން ޖެހެއެވެ.
އދ. ގެ މެންބަރު ޤައުމުތަކުން، ހުރިހާ އެންމެންނަށް ހަމަހަމަ އަދި ތަފާތުކުރުމެއް ނެތި ބައިވެރިވުމުގެ ފުރުޞަތު ކަށަވަރުކޮށްދިނުމަށް އިޤްރާރުވެއެވެ. މިގޮތުން، ބަލިމަޑުކަމުގެ ޝިކާރައަކަށްވުމުގެ އެންމެ ބޮޑު ފުރުޞަތު އޮތް، ނާޒުކު ޙާލަތުގައިވާ ނުވަތަ ނާޒުކު ޙާލަތަކަށް ވެއްޓިދާނެ ފަރާތްތަކަށް ޚާއްޞަ ސަމާލުކަމެއް ދެއެވެ.
އދ. ގެ ޖެނެރަލް އެސެމްބްލީއިން، އދ. ގެ ހުރިހާ މެންބަރު ޤައުމުތަކަށާއި، އދ. ގެ ނިޒާމުގެ ތެރޭގައި ހިމެނޭ އެންމެހައި ޖަމްޢިއްޔާތަކަށާއި، އަދި އެހެނިހެން ދުނިޔޭގެ، ސަރަޙައްދީ އަދި ސަބް-ރީޖަނަލް ޖަމްޢިއްޔާތަކަށާއި، އަމިއްލަ ވިޔަފާރިތަކަށާއި މަދަނީ މުޖުތަމަޢުއަށް، އޭގެ ތެރޭގައި ސަރުކާރު ނޫން ޖަމްޢިއްޔާތަކާއި، ތަޢުލީމީ މުއައްސަސާތަކާއި، އަމިއްލަ ފަރުދުންނާއި، އަދި އެހެނިހެން ކަމާގުޅޭ ފަރާތްތަކަށް ގޮވާލަނީ، ކޮންމެ އަހަރަކުވެސް "ބައިނަލްއަޤްވާމީ ބަލިމަޑުކަމަށް ތައްޔާރުވުމުގެ ދުވަސް" ފާހަގަކުރުމަށެވެ. މި ދުވަސް ފާހަގަކުރަންވާނީ ޤައުމީ އާދަކާދަތަކާއި އިސްކަންދޭ ކަންކަމާ އެއްގޮތްވާ ގޮތުގެމަތިން، އެކަށީގެންވާ ގޮތަކަށް، ތަޢުލީމީ އަދި ހޭލުންތެރިކަން އިތުރުކުރުމުގެ ޙަރަކާތްތަކުގެ ތެރެއިން، ބަލިމަޑުކަން ހުއްޓުވުމާއި، ބަލިމަޑުކަމަށް ތައްޔާރުވުމާއި، އަދި ބަލިމަޑުކަމާ ދެކޮޅަށް އެއްބައިވަންތަކަން ޤާއިމުކުރުމުގެ މުހިންމުކަން ފާހަގަކުރުމުގެ ގޮތުންނެވެ.