ENGLISH

21 އޭޕްރީލު 2025

Advertisement

އާރްޑީސީގެ ހިޔާނަތް: މޫސާ އަލިމަނިކާއި ޔާސިރު ދިރިއުޅޭ ގެ ބަލައި ފާސްކޮށްފި

27 ޑިސެމްބަރު 2024

|

ޢަލީ ޝާހީން

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) އާއި އާރުޑީސީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރު --- ފޮޓޯ: ރާއްޖެ އެމްވީ

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގައި ހިންގި ކަމަށް ބުނާ ޚިޔާނާތުގެ މައްސަލަތަކުގެ ތަޙުޤީޤަށް އެ ކުންފުނީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ދިރިއުޅޭގެއަށް ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަދެ އޭނާ ދިރިއުޅޭ ގެ ބަލައި ފާސްކޮށް ބައެއް ތަކެތި ގެންގޮސްފިއެވެ.

އާރުޑީސީއަކީ އެމްޑީޕީގެ ވެރިކަމުގައި ގިނަ ޚިޔާނާތްތަކެއް ހިންގި ކަމަށް ތުހުމަތު ކުރެވޭ ކުންފުންޏެކެވެ. އެ ވެރިކަން ނިމުނުއިރު އެ ކުންފުނި އޮތީ ވަރަށް ބޮޑަށް ދަރުވާލާފައެވެ.

އާރުޑީސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ޔާސިރުއާ ގުޅުންހުރި ދެ ތަނެއްވެސް ބަލައި އިލެކްޓްރޯނިކް އައިޓަމްތަކެއް ފުލުހުންވަނީ ގެންގޮސްފައެވެ.

ސޯލިހުގެ ވެރިކަމުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރުގެ އެކައުންޓަށް، ޝައްކު އުފެދޭ ގޮތަށް ގިނަ އަދަދަކަށް ފައިސާ ވަދެ 13 މިލިއަން ރުފިޔާ ޖަމާވެފައިވާކަމަށް ބުނާ މައްސަލަ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓު (އެފްއައިޔޫ) އިން ފުލުހުންނަށް ހުށަހަޅާފައިވާތީ އެ މައްސަލައިގެ ތަހުގީގު ފުލުހުން ފެށީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އަދި ސޯލިހުގެ ވެރިކަމުގެ މުއްދަތު ހަމަވާން ތިން ދުވަހަށް ވެފައި ވަނިކޮށް، މިދިޔަ އަހަރުގެ ނޮވެމްބަރު 15 ވަނަ ދުވަހު ފުލުހުން އާރުޑީސީ އަށް ވަދެ ގިނަ އަދަދެއްގެ ލިޔުންތަކެއް ގެންގޮސްފައިވެ އެވެ.

އާރުޑީސީގެ 14 މިލިއަން ރުފިޔާގެ ޚިޔާނާތެއް ފެންމަތިވި އިރު، އެކެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ ވަދެފައިވާ ކަން ވެސް ފަޅާ އެރިއެވެ. މީރާއަށް ފައިސާ ޖަމާވުމުގެ ބަދަލުގައި އެކެއްގެ އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ޖަމާކުރި އިރު، އެ ފައިސާ ދައުރުކުރަން 216 ޓްރާންސެކްޝަން ހިންގިއެވެ. މިކަން ފަޅާ އެރީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގުޅިގެން ހިންގި ތަހުގީގުންނެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ސެޕްޓެމްބަރު 2022 ގައި ކަމަށާއިި އޭރުއްސުރެ މައްސަލައިގެ ޓެކްނިކަލް ކަންތައްތައް ކުރަން ފަށާފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ އެވެ. ފުލުހުންގެ އިދާރާ އިން ވިދާޅުވީ، މިހާތަނަށް ބެލިބެލުމުން އެނގޭ ގޮތުގައި އާރުޑީސީގެ ޚިޔާނާތުގައި ސަރުކާރުގެ ގިނަ މުވައްޒަފުންގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ. އަދި ތިން މީހެއްގެ ބައިވެރިވުން އޮތްކަން ތަހުޤީޤަށް ޔަގީން ކުރެވިފައިވާކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ފުލުހުން ކުރިން ހާމަ ކުރެއްވި ގޮތުގައި، އެ ތިން މީހުންގެ އަމިއްލަ އެކައުންޓަށް އާރުޑީސީގެ 14 މިލިއަން ރުފިޔާ ދައުރު ކޮށްފައިވެ އެވެ. އޭގެ ތެރެއިން އެކެއްގެ އެކައުންޓަށް 11 މިލިއަން އަދި އިތުރު ދެ މީހެއްގެ އެކައުންޓަށް، އެ އިން ކޮންމެ މީހެއްގެ އެކައުންޓަށް އެއް މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށް ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވެއެވެ.

އާރްޑީސީގެ މިހާރުގެ މެނޭޖިންގ ޑިރެކްޓަރު އަލީ ޒުހެއިރު މިދިޔަ އޮގަސްޓް މަހު ރައްޔިތުން މަޖިލީހުގެ ކޮމެޓީގައި ވިދާޅުވީ ސޯލިހްގެ ވެރިކަމުގައި އާރުޑީސީން ވަރަށް ބޮޑެތި ބޭކާރު ހަރަދުތަކެއް ކުރުމުގެ ސަބަބުން ކުންފުންޏާ ހަވާލުވި އިރު، 837 މިލިއަން ރުފިޔާ އިން ދަރާފައި އޮތް ކަމަށެވެ. އަދި އެއްވެސް ލިޔެކިޔުމަކާ ނުލައި އިންޓަނެޓް ބޭންކިން މެދުވެރިކޮށް 161 މިލިއަން ރުފިޔާ ޓްރާންސްފާ ކޮށްފައިވާ މައްސަލައަކާއި އާރުޑީސީގެ އޭރުގެ ސީއެފްއޯ އެކައުންޓަށް 90 މިލިއަން ރުފިޔާ ޖަމާކޮށް، އެ ފައިސާ ވެސް އެފަދަ ގޮތަކަށް ދޫކޮށްފައިވާ މައްސަލަ ކޮމިޓީގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ.

އެމްޑީޕީގެ ވެރިކަމުގައި ކޮރަޕްޝަންގެ އަމަލުތައް ދެން ހިންގި ކަމަށް އެންމެ ބޮޑަށް ތުހުމަތު ކުރެވޭ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި އޭރު ފެނަކައިގެ ޕްރޮކިއުމަންޓް ވެރިޔަކަށް ހުންނެވި މަރްޔަމް ދީނާ ޞާލިޙުގެ މައްޗަށް އިއްޔެ ވަނީ ހިޔާނާތުގެ ދައުވާ އުފުލާފައެވެ.

ކިޔުންތެރިންގެ ހިޔާލު