ENGLISH
21 އޭޕްރީލު 2025
ސުނާމީ ކާރިސާއަށް ފަހު އުފެދިގެންދިޔަ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ ދިވެހިންގެ ޚިދުމަތުގައި
27 ޑިސެމްބަރު 2024
|
ޑިސެމްބަރ 26، 2004 ގައި ކުރިމަތިވި ސުނާމީ ކާރިސާ އަކީ ދިވެހި ރާއްޖޭގެ ތާރީޚުގައި ވެސް ރެކޯޑް ކުރެވިފައިވާ އެންމެ ގެއްލުން ބޮޑު އެއް ކާރިސާއެވެ. އެ ދުވަސްވަރަށް ބަލާއިރު ކާރިސާ އާއި ވިލުންތެރިކަމާއި ހިރާސް ފަދަ ލަފުޒުތައް، ބަސްކޮށާރަކު ނެތެވެ. އެ ކާރިސާއިން ޢިބުރަތް ލިބި އުފަންވީ ހަމައެކަނި އާ ލަފުޒުތަކެއް ނޫނެވެ. ކާރިސީ ހިރާސް ކުޑަކުރުމަށް ކުރާ ފަންނީ މަސައްކަތްތަކަކީ ވެސް، އެ ކާރިސާއަށް ފަހު އުފަންވެ، މިހާރު ތަރައްޤީވަމުންދާ ދާއިރާއެކެވެ.
ސުނާމީ ކާރިސާއަށް 20 އަހަރު ފުރިފައިވާ އިރު ދުވަހުގެ ހަނދާންތައް އަދިވެސް ދިވެހީންގެ ހިތްތަކުން ފިލައިގެނެއް ނުދެއެވެ. ކާރިސާ ހިނގި ދުވަހުން ފެށިގެން ގައުމު އަލުން އާރާސްތުކުރުމުގެ މަސައްކަތް ފެށުނެވެ. ސުނާމީއަށްފަހު ގައުމު އަލުން އާރާސްތުކުރުމުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ، އެން.ޑީ.އެމް.އޭ އަކީ އެއްމެ މުހިއްމު ދައުރެއް އަދާކުރި އެއްފަރާތެވެ. އެއަށްފަހު ރާއްޖެއަށް ދިމާވި ކޮންމެ ކާރިސާއަކުން އަރައިގަތުމުގައި އެން.ޑީ.އެމް.އޭ ގެ ހިއްސާ ވަރަށް ބޮޑެވެ. ސުނާމީއަށްފަހު އުފެދިގެން އައި އެން.ޑީ.އެމް.އޭ ގެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް މިހާތަނަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރެވިފައިވެއެވެ.
އެން.ޑީ.އެމް.އޭ ގެ ބައެއް މުވައްޒަފުން- ފޮޓޯ: އެން.ޑީ.އެމް.އޭ
އެން.ޑީ.އެމް.އޭ އުފައްދާފައި ވަނީ ސުނާމީގެ ކަންކަން މެނޭޖްކުރުމަށް އޭރުގެ ސަރުކާރުން އުފެއްދެވި ޓާސްކް ފޯސްގެ ތެރެއިންނެވެ. އެންމެ ފުރަތަމަ ނޭޝަނަލް އިމަޖެންސީ ރެސްޕޮންސް ސެންޓަރެއް އިސްކަންދަރު ސްކޫލްގައި ގާއިމު ކުރެވުނެވެ. އެތަނުގެ މަސައްކަތް އިތުރަށް ފުޅާވެގެން ގޮސްް ނޭޝަނަލް ޑިޒާސްޓަރ މޭނޭޖްމެންޓް ސެންޓަރު އުފެއްދެވި އެވެ. އެ ތަނުގެ ޗީފް ކޯޑިނޭޓަރަކަށް އޭރުގެ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަަނަލް ސެކިއުރިޓީ އިސްމާޢިލް ޝަފީއު ހަމަޖެއްސެވިއެވެ. އެހިސާބުން ސުނާމީގައި ދިވެހިރާއްޖެއިން ގެއްލުން ލިބުނު ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހުރިހާ މަސައްކަތެއް ހިނގަމުން ދިޔައީ މި މަރުކަޒުގެ ބެލުމުގެ ދަށުންނެވެ. ބޭރުގެ އެކި އެކި ޖަމާއަތްތަކާއި ސަރުކާރުތަކާ ގުޅިގެން ވަރަށް ފުރިހަމަ، އަގުހުރި މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.
އެންމެ ފުރަތަމަ އުފެދުނު ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުގެ ޗީފް ކޯޑިނޭޓަރ އޮނަރަބަލް އިސްމާއިލް ޝަފީއު، އޭރުގެ އދ.ގެ އޭރުގެ ސެކްރެޓަރީ ޖެނެރަލް ކޯފީ އަނާން އާއި އެކު-ފޮޓޯ: އެން.ޑީ.އެމް.އޭ
ކާރިސާތަކުގެ ކަންކަން ބެލެހެއްޓުމުގެ ގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކުރި ފަހުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރުގެ ނަން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީއަށް ބަދަލުކުރިއެވެ. އޭގެ ފަހުން މި އޮތޯރިޓީގެ މަސައްކަތްތައް ފުޅާކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރިޔާސަތު ބަލަހައްޓަވާ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ކައުންސިލުން ދާދިފަހުން ވަނީ "މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ 2024-2030" ފާސްކުރައްވާފައެވެ. މިއީ ދިމާވާ ކާރިސާތަކުގައި ލިބޭ ގެއްލުން ކުޑަކުރުމަށް ގައުމީ ލެވެލްގައި މަސައްކަތް ކުރުމަށްޓަކައި އެކުލަވާލި ވަރަށް މުހިންމު އޮނިގަނޑެކެވެ. މި އޮނުގަނޑުގެ މައިގަނޑު އަމާޒަކީ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން، ރާއްޖެއަކީ ކާރިސާތަކަށް ތައްޔާރުވެފައި ތިބި، ވިލުންތެރި މުޖުތަމައެއް އޮތް ގައުމެއްކަން ކަށަވަރުކުރުމެވެ.
މޯލްޑިވްސް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން ސްޓްރެޓަޖީ ފާސް ކުރެވުނު ބައްދަލުވުމުގެ ތެރެއިން- ފޮޓޯ:އެން.ޑީ.އެމް.އޭ
އެމް.އެމް. ޓީވީ އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެން.ޑީ.އެމް.އޭގެ ޑެޕިއުޓީ ޗީފް އެގްޒެކެޓިވް، އުމަރު ފިކުރީ ވެސް ވަނީ މިއޮނިގަނޑުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
"ރައީސް ޑރ.މުޢިއްޒު މިވަނީ ދިވެހިރާއްޖޭގެ، ކުރިޔަށް އޮތް 6 އަހަރުގެ، ކާރިސާގެ ކަންކަން ބެލެހެއްްޓޭނެ ގައުމީ ސްޓްރެޓަޖީއެއް ފާސް ކުރައްވާފައި. ކާރިސާގެ ހާލަތުގައި މިހާރު ހަރަކާތްތެރިވާ ފަރާތްތަކަށް އެފަރާތްތަކުގެ ޒިންމާ ސާފުކޮށްއެނގޭނެ. އަދި ގައުމީ ލެވެލްގައި މިހާރަށްވުރެ ފުޅާކޮށް ކާރިސާގެ ހާލަތްތަކުގަ ރައްޔިތުންނަށް ޚިދުމަތްތައް ފޯރުކޮށްދުނުމަށް ލިބިގެންދިޔަ އިތުރު ބާރެއް މިފާސް ކުރެވުނު ސްޓްރެޓަޖީ އަކީ" އުމަރު ފިކުރީ ވިދާޅުވިއެވެ.
ދެހާސް ހަތަރު ވަނަ އހަަރުން ފެށިގެން މިހާތަނަށް އައިއިރު އެން.ޑީ.އެމް.އޭގެ މަސައްކަތްތައް ވަނީ އެތައް ގޮތަކުން ތަރައްގީވެފައެވެ. އޭރު ރާއްޖޭގައި ކާރިސާތަކުން ލިބޭ ގެއްލުންތަކުން އަރައިގަތުމަށް ވަކި މުއައްސަަސާއެއް ނެތްއިރު، މިއަދު ގާނޫނަކުން މިކަން ކަށަވަރުވެ ދުރުރާސްތާ އޮނިގަނޑެއްވެސް ވަނީ އެކުލަވާލާފައެވެ. މިހާތަނަށް އެން،ޑީ.އެމް.އޭ އަށް އަައި ކުރިއެރުންތަކާ ބެހޭގޮތުން ވެސް ޢުމަރު ވަނީ ވާހަކަދައްކަވާފައެވެ.
"އަޅުގަނޑުމެން މަސައްކަތް ފެށިއިރު މިކަމަށް ހާއްސަ މުއައްސަސާއެއްނުހުރޭ، އޭގެ ފަހުން މިވަނީ އެކަމަށް ހާއްސަ މުއައްސަސާއެއް އުފައްދަވާ، އެކަމާ ގުޅޭ ގައުމީ ސްޓްރެޓެޖީއެއް އެކުލަވާލެވިފައި. މިއީވެސް ވަރަށް ބޮޑު ކުރިއެރުމެއް. މީގެ އިތުރުން ރާއްޖެއަށް ދިމާވާ ގުދުރަތީ އަރައްކާތަކަކީ ކޮބައިކަން ދެނެގަނެވި، އެކަންކަން ދިމާވީމަ ދޭނެ އިންޒާރުގެ މެސެޖުތަކާ، އެ އިންޒާރުގެ މެސެޖްތައް އަންނާނެގޮތާއި، އެ މެސެޖްތައް ދޭނެ މުއައްސަސާތައް ވެސް މިހާރުވަނީ ކަނޑައެޅިފައި،" އުމަރު ފިކުރީ ވިދާޅުވިއެވެ.
އެން.ޑީ،އެމް.އޭ ގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ބުރަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެ ގޮތުން ސަރުކާރުގެ ފަރާތުން ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުތައް ޕައިލެޓް ކުރުމުގެ މަސައްކަތް ވަނީ ފައްޓަވާފައެވެ. މިގޮތުން ގާއިމް ކުރެވޭ ފުރަތަމަ ރީޖަނަލް ސެންޓަރ ހދ. ކުޅުދުުއްފުށީގައި ގާއިމު ކުރެވިގެންދާނެ ކަމަށްވެސް ޢުމަރު ފާހަގަކުރެއްވިއެވެ.
"މިސަރުކާރުގެ ފަރާތުން ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުތައް ޕައިލެޓް ކުރުމުގެ ޕްރޮގްރާމެއް ކުރިޔަަށް އެބަގެންދޭ. މިކަމުގެ ދަށުން ގާއިމު ކުރެވޭ ފުރަތަމަ މަރުކަޒު ހދ. ކުޅުދުއްފުށީގައި ގާއިމް ކުރެވިގެންދާާނެ. މި މަރުކަޒު ފަރުމާ ކުރެވިފަވަނީ އިމަޖެންސީ ހާލަތްތަކުގައި ބޭނުންވާ އަސާސީ ތަކެތި ރައްކާކުރެވޭނެގޮތަށް، ހާލުގައި ޖެހޭ ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަންވެސްް ފޯރުކޮށްދޭ ގޮތަށް. މީގެ އިތުރުން މި މަރުކަޒުގައި އިމަޖެންސީ ރެސްޕޮންޑާސް ތަމްރީނު ކުރެވިގެންދާނެ،" އުމަރު ފިކުރީ ވިދާޅުވިއެވެ.
ސުނާމީ ކާރިސާއަށްފަހު އުފަންވި އެން.ޑީ.އެމް.އޭ އަކީ ދިވެހީންނަށް އަގުނުކުރެވޭނެ އެތައް ޚިދުމަތެއް ކޮށްދީފައިވާ މުއައްސަސާ އެކެވެ.