ENGLISH
05 ޖުލައި 2026
އެމްބާޕޭގެ ޕެނަލްޓީން ޕެރަގުއޭ ބަލިކޮށް، ފްރާންސް ކުއާޓާއަށް
05 ޖުލައި 2026
|
ވޯލްޑް ކަޕުގައި ޕެރަގުއޭ ކޮޅަށް ޕެނަލްޓީ ފޮނުވާލުމަށްފަހު ފްރާންސްގެ ކެޕްޓަން އެމްބާޕޭ އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގެ ފޯރިގަދަ ކުރިމަތިލުމުގައި 1-0 ގެ ނަތީޖާއަކުން ޕެރަގުއޭ ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލަށް ފްރާންސް ދަތުރުކޮށްފިއެވެ. ފްރާންސުން މުޅި މެޗުގައިވެސް ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނު ނަމަވެސް، އެ ޓީމު މެޗުން މޮޅުވީ ކެޕްޓަން ކީލިއަން އެމްބާޕޭ ކާމިޔާބުކުރި ޕެނަލްޓީއަކުންނެވެ.
އެމެރިކާގެ ފިލަޑެލްފިއާ ސްޓޭޑިއަމުގައި، 68،324 ސަޕޯޓަރުންގެ ކުރިމަތީގައި މިރޭ ކުޅުނު މި މެޗުގައި ފްރާންސްގެ ތަރިންގެ ކުޅުމަށް ހުރަސްއަޅައި، އެ ކުޅުންތެރިން ނުތަނަވަސްކުރުމަށް ޕެރަގުއޭއިން ކުރި މަސައްކަތް މެޗުގެ ބޮޑުބަޔަކަށް ކާމިޔާބުވިއެވެ. ނަމަވެސް މެޗުގެ 70 ވަނަ މިނެޓުގައި ފްރާންސްގެ ހުނަރުވެރިކަން ފެނިގެންދިޔައެވެ. އެއީ ޑެސިރޭ ޑުއޭއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ އެމްބާޕޭ ކާމިޔާބުކުރުމުންނެވެ.
ކުރީގެ މެޗުތަކާ ޚިލާފަށް މި މެޗުގައި ފްރާންސްގެ ފަރާތުން މާ ވަރުގަދަ ހަމަލާތަކެއް ނުފެނުނީ ޕެރަގުއޭއިން ދެއްކި ވަރުގަދަ ޑިފެންސިވް ކުޅުމުގެ ސަބަބުންނެވެ. މުޅި މެޗުގައިވެސް ބޯޅަ ހިފަހައްޓައިގެން ކުޅުނީ ފްރާންސުންނެވެ. މި މެޗުގައި ޕެރަގުއޭއަށް ގޯލާ އަމާޒުކޮށް ފުރަތަމަ ހަމަލާއެއް ފޮނުވާލެވުނީ މެޗުގެ 90 ވަނަ މިނެޓުގައެވެ.
މި މެޗުގައި ކާމިޔާބުކުރި ލަނޑާއެކު އެމްބާޕޭ ވަނީ ހަތް ލަނޑާއެކު މި ފަހަރުގެ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އޮތް އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީއާ އަރާ ހަމަކޮށްފައެވެ. އަދި މިހާތަނަށް ކުޅުނު 19 ވޯލްޑް ކަޕް މެޗުން ޖުމްލަ 19 ލަނޑު ކާމިޔާބުކޮށްފައިވާއިރު، އޭނާ މިހާރު އުޅެނީ 20 ލަނޑު ޖަހައިގެން މި ރިކޯޑު އޮތް މެސީއަށްވުރެ އެންމެ ލަނޑެއް ފަހަތުގައެވެ.
ފްރާންސްގެ ޑެސިރޭ ޑުއޭއަށް ޕެރަގުއޭގެ ޑިއޭގޯ ގޯމޭޒް ކުރި ފައުލް --- ފޮޓޯ: އޭޕީ
ޑިޑިއޭ ޑެޝޯމްޕްސްގެ އިރުޝާދުގެ ދަށުން ކުޅޭ ފްރާންސް ދެން ތައްޔާރުވާނީ އަންނަ ބުރާސްފަތި ދުވަހު އެމެރިކާގެ ފޮކްސްބޮރޯގައި މޮރޮކޯއާ ދެކޮޅަށް ކުޅޭ ކުއާޓާ ފައިނަލް މެޗަށެވެ. މޮރޮކޯ ވަނީ ގަދަ 16 ގެ މެޗުގައި 3-0 ގެ ނަތީޖާއަކުން ކެނެޑާ ބަލިކޮށްފައެވެ.
ފިލަޑެލްފިއާގެ ހޫނުމިން 38 ޑިގްރީގައި ހުރިއިރު، ތޫފާން އަތުވެދާނެތީ މޫސުމީ ނުރައްކަލުގެ އިންޒާރުވެސް އޮތީ ނެރެފައެވެ. ދުނިޔޭގެ ރޭންކިންގެ 41 ވަނައިގައި އޮތް ޕެރަގުއޭއިން މި މެޗަށް ނުކުތީ ދެވަނަ ބުރުގައި ޖަރުމަން ބަލިކުރުމަށްފަހު، އިތުރު ވަރުގަދަ ޓީމެއްގެ މައްޗަށް ކުރި ހޯދުމުގެ އުއްމީދުގައެވެ.
ޕެރަގުއޭއިން މެޗުގައި ބޭނުންކުރީ ވަރުގަދަ ޑިފެންސިވް ރޭވުމެކެވެ. އެގޮތުން ފަސް ޑިފެންޑަރުން ބޭނުންކޮށްގެން ފަހަތަށް ފައިބައިގެން ކުޅުމުގެ އިތުރުން، ދެކުނު އެމެރިކާގެ ޓީމުތަކުން އާންމުކޮށް ފެންނަ ފަދަ ހަރުކަށި ކުޅުމެއް އެ ޓީމުން ދެއްކިއެވެ.
ފްރާންސުން ބޯޅަ ކޮންޓްރޯލް ކުރި ނަމަވެސް، ޕެރަގުއޭގެ ޑިފެންސް ފޫއަޅުވާލަން އުނދަގޫވުމުން އެ ޓީމަށް ޖެހުނީ ދުރުން ހަމަލާތައް އުފައްދާށެވެ. އެގޮތުން މަނޫ ކޯނޭ ފޮނުވާލި ދެ ހަމަލާއެއް ޕެރަގުއޭގެ ކީޕަރު އޮލަންޑޯ ގިލް ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
ޕެރަގުއޭ ކޮޅަށް ފްރާންސްގެ ކެޕްޓަން އެމްބާޕޭ ޕެނަލްޓީ ފޮނުވާލަނީ --- ފޮޓޯ: އޭޕީ
މެޗުގެ ފުރަތަމަ ގަޑިއިރު ހަމަވިއިރު އެދެވޭ ކުޅުމެއް ނުފެނުމުން، ޑެޝޯމްޕްސް ވަނީ ބްރެޑްލީ ބާކޯލާގެ ބަދަލުގައި ޑުއޭ ކުޅުމަށް ނެރެފައެވެ. މި ބަދަލާއެކު މެޗުގެ އޮއިވަރު ބަދަލުވެގެން ދިޔައެވެ. ޑުއޭ ޕެރަގުއޭގެ ޑިފެންޑަރުން ކައިރިން ބޯޅަ ހިފައިގެން ނުކުންނަން އުޅުމުގެ ތެރޭގައި ޑިއޭގޯ ގޯމޭޒް ކުރި ފައުލާ ގުޅިގެން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހު ރެފުރީ ޕެނަލްޓީއެއް ދިނެވެ.
ޕެނަލްޓީ ޖެހުމުގެ ކުރިން ޕެރަގުއޭގެ ކުޅުންތެރިން ޕެނަލްޓީ ސްޕޮޓަށް ގެއްލުންދޭން އުޅުމުން، ޑެމްބެލޭ ވަނީ އެތަން ހިމާޔަތްކޮށްފައެވެ. އަދި އެމްބާޕޭ ފޮނުވާލި ޕެނަލްޓީ ގޯލުގެ ތެރެއަށް ވަދެ، ފްރާންސަށް ކުރިލިބުނެވެ.
މިއީ ފްރާންސްގެ އެންމެ މޮޅު ކުޅުން ފެނުނު މެޗެއް ނޫން ނަމަވެސް، މި މޮޅާއެކު އެ ޓީމުން ވަނީ ޗެމްޕިއަންކަން ހޯދުމުގެ އަމާޒަށް އިތުރު ފިޔަވަޅެއް ކުރިއަށް ޖެހިލާފައެވެ. 1998 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ މި މަރުހަލާގައި ފްރާންސުން ޕެރަގުއޭ ބަލިކުރީ ގޯލްޑަން ގޯލަކުންނެވެ. އެ އަހަރު ފްރާންސުން ވަނީ މުބާރާތުގެ ތަށި އުފުލާލާފައެވެ.