ENGLISH
21 އޭޕްރީލު 2025
ސުނާމީ އަށް ފަހު ޤައުމު އާރާސްތު ކުރުމުގައި އެމްއެންޑީއެފްގެ ދައުރު ބޮޑު
26 ޑިސެމްބަރު 2024
|
ދެހާސް ހަތަރު ވަނަ އަހަރު ދުނިޔެއަށް ކުރިމަތިވި ސުނާމީ ކާރިސާއަކީ، ޖަޒީރާ ރަށްތަކަކުން އުފެދިފައިވާ މި ކުޑަކުޑަ ދިވެހި ރާއްޖެއަށާއި ރާއްޖޭގެ ރައްޔިތުންނަށް، އެ ކާރިސާގެ ސަބަބުން ނަފްސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުންނާއި އަދި އިޤުތިޞާދީ ގޮތުން ވެސް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިގެންދިޔަ ކާރިސާއެކެވެ. މި ކާރިސާއިން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ޓަކައި ޤައުމީ ފެންވަރުގައި ކުރެވުނު މަސައްކަތްތަކުގައި އެންމެ މުހިންމު ރޯލެއް އަދާކުރި އެއް ބަޔަކީ ދިވެހި ސިފައިންނެވެ.
ދެހާސް ހަތަރު ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ 09:23 ގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ސުނާމީ އަރަން ފެށުމާއެކު، ރައްޔިތުންނާއި މުދާ ސަލާމަތް ކުރުމަށް ޤައުމީ ދިފާއީ ބާރުން ހަރަކާތްތެރިވާން ފެށިއެވެ. އެގޮތުން ސުނާމީގެ ސަބަބުން ގިނަ ރަށްތަކެއްގެ މުވާޞަލާތީ ގުޅުންކެނޑިފައި ވުމުން، އުޅަނދުތަކުގައި ރަށްރަށަށް ގޮސް ހާލު ދެނެގަތުމުގެ މަސައްކަތް ކޯސްޓްގާޑުން ވަގުތުން ފެށިއެވެ. ހަމައެއާއިއެކު "ޤައުމީ ކާރިސާގެ ޙާލަތު ވަޒަންކުރުމާއި އެހީ ވިލަރެސްކުރާ މަރުކަޒު" އިސްކަންދަރު ސްކޫލުގައި ޤާއިމްކޮށް، ކާރިސާގައި ރާއްޖޭގެ އެކިކަންކޮޅުތަކަށް ލިބުނު ގެއްލުންތައް އޮޅުންފިލުވައި ހޯދުމުގެ މަސައްކަތް ސިފައިން ފެށިއެވެ.
އެގޮތުން ހާލުގައި ޖެހުނު މާލެއާއި ކައިރި ރަށްތަކުގެ މީހުން ބޭތިއްބުމަށް މާލޭގެ ހަތަރު ސްކޫލެއްގައި "ރިލީފް ސެންޓަރ" ތަކެއް ޤާއިމްކޮށް، އެ ތަންތަނުގައި މީހުން ބައިތިއްބައިގެން ބެލެހެއްޓުމުގެ މަސައްކަތްތަކުގައި ވެސް އިސްވެ ސިފައިން ދިޔައީ ހަރަކާތްތެރި ވަމުންނެވެ. އަދި ހަމައެހެންމެ ސުނާމީއާއި ގުޅުންހުރި ސާފު ތެދު މަޢުލޫމާތު ޢާންމު ރައްޔިތުންނަށް އަވަހަށް ފޯރުކޮށްދިނުމަށް ޓަކައި، ދިވެހިރާއްޖޭގެ އަޑާއި ޓީވީ މޯލްޑިވްސް މެދުވެރިކޮށް ސިފައިން ގެންދިޔައީ، ކާރިސާގެ މައުލޫމާތާއި، ރައްޔިތުންނަށް އެނގެންޖެހޭ އެހެނިހެން މުހިންމު ކަންކަންކަމުގެ މައުލޫމާތު ފޯރުކޮށްދެމުންނެވެ.
ދެހާސް ހަތަރު ވަނަ އަހަރުގެ ޑިސެންބަރު 30 ވަނަ ދުވަހު "ނެޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރ" (އެންޑީއެމްސީ) އުފެއްދެވުމުން، އެ ސެންޓަރުގެ ލޮޖިސްޓިކް ޑިޕާރޓްމެންޓުގައި ވެސް ސިފައިން ދިޔައީ އިސްދައުރެއް އަދާކުރަމުންނެވެ. އެގޮތުން ދަތުރުފަތުރު ހަމަޖެއްސުމާއި، ރާއްޖެއާއި ރާއްޖެއިން ބޭރުންލިބޭ އެހީ، ކަމާބެހޭ ފަރާތްތަކުން ކަނޑައަޅުއްވާ ތަންތަނަށް ފޮނުވުމާއި، ބާޒާރުން ގަންނަންޖެހޭ ތަކެތި ގަތުމަކީ އެސެންޓަރުގައި ސިފައިން ކުރަމުން ދިޔަ ބައެއް މަސައްކަތްތަކެވެ.
ސުނާމީގެ ސަބަބުން އެންމެބޮޑަށް ގެއްލުން ލިބުނު ރަށްތައް ސާފުކުރުމަށް، 2004 ޑިސެންބަރު 31 ވަނަ ދުވަހު ސިފައިންގެ ޓީމުތައް ފުރަން ފެށިއެވެ. ސުނާމީގެ ސަބަބުން ގިނަ ރަށްތަކަކަށް ވަދެނުކުތުމަކީ ދަތިކަމެއް ކަމުގައި ވީ ނަމަވެސް އެރަށްތަކަށް ދަތުރުކޮށް ބޯފެނާއި، ކާބޯތަކެއްޗާއި، އަންނައުނާއި އަދި ޒަރޫރީ ބޭނުންތަކަށް ބޭނުންވާ އެހެނިހެން ސާމާނު ރައްޔިތުންނަށް ފޯރުކޮށްދެމުން ދިއައީ ރެޔާއި ދުވާލު، އަތްވާއި ވާރޭގައި ނުހަނު ލޯތްބާއި އެކުގައެވެ. ސުނާމީ ކާރިސާގެ ސަބަބުން މި މަސައްކަތުގައި ހަރަކާތްތެރިވި ބައެއް ސިފައިންގެ ޢާއިލާގެ މީހުން، ޙާއްޞަކޮށް މައިންބަފައިން ގެއްލި، ގެދޮރު ވީރާނާވެ ގޮސްފައިވާކަން އެނގޭ ހާލު ވެސް އެދުވަހު އެ ސިފައިން އިސްކުރީ ޤައުމީ ވާޖިބެވެ.
ސުނާމީގެ ސަބަބުން ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް ހަމަހަމަކަމާ އެކު އެހީތެރިކަން ފޯރުކޮށްދީ، ރައްޔިތުންގެ ވިއްސިވިހާލިވެފައިވާ ދިރިއުޅުން ޢާންމު ހާލަތަކަށް ގެނެސްދިނުމަށް ޓަކައި 2005 ޖަނަވަރީ 5 ވަނަ ދުވަހު، ރާއްޖެ 7 ސަރަހައްދަކަށް ބަހާލައި، 7 އަތޮޅެއްގައި "ފޯވާރޑް ކޯޑިނޭޝަން ސެންޓަރ" (އެފްސީސީ) ސިފައިން ޤާއިމް ކުރިއެވެ.
އާރާސްތު ކުރުމާއި ބެހޭ ސިފައިންގެ ޓީމުތަކެއް، 2005 އަހަރުގެ ޖަނަވަރީ 6 ވަނަ ދުވަހު، ރާއްޖޭގެ 13 ރަށެއްގައި ހަރަކާތްތެރިވާން ފެށިއެވެ. މި ޓީމުތަކުން ރަށްރަށުގެ މިސްކިތްތަކާއި، ސްކޫލްތަކާއި، ޞިއްޙީ ފަރުވާދޭ ތަންތަންތަނާއި އަދިވެސް އެހެނިހެން މުހިންމު ތަންތަން އިމާރާތް ކޮށްދީފައި ވެއެވެ.
ސިފައިންގެ ބެލުމުގެ ދަށުން ކުރި މުހިންމު އަނެއް މަސައްކަތަކީ، ބޭރުގެ ޤައުމުތަކުންނާއި، އެކި ޖަމާއަތްތަކުން އެހީގެގޮތުގައި ރާއްޖެއަށް ފޮނުވާ ސާމާނު، ހުޅުލެއަށް ބާލައި، ގުދަންކޮށް، ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް ފޯރުކޮށްދިނުމެވެ.
ދެހާސް ހަތަރު ވަނަ އަހަރުގެ ސުނާމީ ކާރިސާގައި، މަސައްކަތްކުރި ސިފައިންގެ ޤުރުބާނީން ދައްކުވައިދީފައި ވަނީ، ސިފައިންގެ ހިތުގައިވާ ޤައުމީ ލޯތްބާއި ޤައުމީ ޖޯޝްއެވެ. ސިފައިންގެ އެއްބައިވަންތަކަމާއި ނުގުޑާފަދަ ޢަޒުމެވެ. ސިފައިންގެ ހިތްތަކުގައި ރައްޔިތުންގެ މައްޗަށް އޮތް ލޯތްބާއި ހަމްދަރުދީއެވެ. ކަމެއް ދިމާވާ ހިނދު، އަތްވާއި ވާރޭގައި، ރެޔާއި ދުވާލު އެއްވެސް ވަރުބަލިކަމެއް ޝަކުވާއެއް ނެތި ރައްޔިތުންގެ ޚިދުމަތުގައި ދެމިތިބޭނެކަމެވެ.