ENGLISH

04 ޖުލައި 2025

Advertisement

ސުނާމީއަށް 20 އަހަރު: އަދިވެސް އެ ހަނދާންތަކާއެކު

26 ޑިސެމްބަރު 2024

|

ޝަރާ އަބްދުﷲ

ސުނާމީ ބިނާ

ދެހާސް ހަތަރު ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވީ ހޯމަ ދުވަހު އިރު އެރީ މުޅި ދުނިޔެއަށް އައި ވަރުގަދަ ބިންހެލުމަކާއެކުގައެވެ. އިންޑޮނޭޝިއާގެ ސުމަޓްރާއަށް ބިންހެލުން އެރިތާ ތިން ގަޑިއިރު ފަހުން ރާއްޖޭގެ ރައްޔިތުންނަށް ވަނީ ދުވަހަކު ހީވެސް ނުކުރާ ވަރުގެ ބޮޑު ކާރިސާއަކާ ކުރިމަތިލާން ޖެހިފައެވެ.

ދިވެހިންގެ ދުވަސްވީ ދިރިއުޅުން އެންމެ ރާޅަކުން ދޮވެލިތާ މިއަދަށް 20 އަހަރު ފުރުނީއެވެ. މި ކަޅު އަނދިރި ދުވަހުގެ ހަނދާނަކީ ދިވެހި ލޭ ހިނގާ ދަރިއެއްގެ ހަނދާނުން ހަމަ ހިލާ ފިލައިގެންދާނެ ދުވަހެއް ނޫނެވެ.  ދެހާސް ހަތަރު ވަނަ އަހަރުގެ ޑިސެމްބަރު މަހު 26 ގައި ކުރިމަތިވި ސުނާމީ ކާރިސާއަކީ ފަހުގެ ތާރީޚެއްގައި ދިވެހިރާއްޖެ ދުށް އެންމެ ބޮޑު ކާރިސާއެވެ. އައްޑިހަ ދެ މީހެއްގެ ފުރާނަ މި ކާރިސާގައި ގެއްލިފައިވާއިރު 24 މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ.

ދެހާސް ހަތަރު ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ އިރު އެރުމާއެކު އާދައިގެ މަތިން ދިވެހިން އެމީހުންގެ ދިރިއުޅުމައިގެން ދިޔައީ ކުރިއަށެވެ. ދުވަހަކީ ސާފު ދުވަހެއް ކަމުން މި ކަހަލަ ކާރިސާއެއް ހިގައިފާނެ ކަމަކަށް ދިވެހިން ތިބީ ތައްޔާރުވެގެންނެއް ނޫނެވެ. އެދުވަހު ހެނދުނު ނުވަ ގަޑި ތޭވީހުގައި، އެއް ކޮޅުން އަރައިގެން އައި ރާޅު، އަނެއް ކޮޅުން ފައިބައިގެން ދިޔައީ މުޅި ރަށްތައް ދޮވެލައިފައެވެ. އެތައް އަހަރެއްގެ ބުރަ މަސައްކަތްތަކެއް ހިފައިގެންނެވެ.

ރަށަށް ރާޅު އަރައި ރަށް ސުންނާފަތިކޮށްލާފައި ދިޔައިރުވެސް ދިވެހިން ތިބީ ވާނުވާއެއްގެ ތެރޭގައެވެ. އޭރު ދިވެހިންނަކަށް މިއީ ސުނާމީއެއް ކަމެއްވެސް ނޭނގެއެވެ. ދިވެހިންނަކީ އޭރު މިކަހަލަ ކާރިސާތަކަށް އެއްވެސް ވަރަކަށް އަހުލުވެރި ބަޔަކަށް ނުވުމުން، ދިވެހިން ތިބީ މި ކާރިސާއިން ސަލާމަތްވުމަށްޓަކައި ކަން ކުރަންވީގޮތް ނޭނގިފައެވެ. އަދި މިއީ ކިހާ ނުރައްކާތެރި ކަމެއް ކަން ވެސް ދިވެހިންނަކަށް އޭރު އެނގިފައެއް ނެތެވެ. އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ވެސް އެލާރޓް ސިސްޓަމެއް އޭރުގެ ސުނާމީ ކާރިސާ ކުރިމަތިވި އިރު ޤާއިމްކޮށްފައެއް ނުވެއެވެ. އެޒަމާނަކީ އެހާ ޓެކްނޮލޮޖީއަށް ދިވެހިން އަހުލުވެރިވި ޒަމާނެއް ނޫންކަމުން މި ކާރިސާ ހިނގިތާ އެއް ދުވަސް ފަހުން ވެސް ރާއްޖޭގެ ބައެއް ރަށްރަށާ ގުޅިފައިވެއެވެ.

މި ކާރިސާއަށްފަހު އޭރުގެ ސަރުކާރާއި ރާއްޖޭގެ މެޓް އޮފީހާ ގުޅިގެން ވަނީ ދުރާލާ އިންޒާރުދޭ ނިޒާމެއް ރާއްޖޭގައި ޤާއިމްކޮށްފައެވެ. މިއީ ކާރިސާއެއް ކުރިމަތިވާނަމަ، ސިސްޓަމުގެ އެހީގައި ދުރާލައި އިންޒާރު މެޓް އޮފީހަށް ލިބޭނެއެވެ. އަދި ރާއްޖެއަށް އަންނަ ބިންހެލުންތަކުގެ މައުލޫމާތު ވަގުތުން ވަގުތަށް ދެނެގަތުމަށްޓަކައި ވަނީ ރެޑް ސްކޮޔާރ ސިސްޓަމެއް ޤާއިމުކޮށްފައެވެ.

މީގެ އިތުރުން، އިންޑޮނީޝިއާގެ ޖަކާރޓާއާ ގުޅައިލާފައިވާ ސިސްމޯ މީޓާ ސިސްޓަމެއް، ހަނިމާދޫ އަދި ކާޑެއްދޫގައި 2007 ވަނަ އަހަރު ވަނީ ޤާއިމުކޮށްފައެވެ. އަދި އެންމެ ފަހުން ޤާއިމުކޮށްފައިވަނީ ސިސްކޮމް ތިން މީޓާ ސިސްޓަމެއް ވެސް ވަނީ ޤާއިމުކޮށްފައެވެ. އެއީ 2008 ވަނަ އަހަރުގެ ކުރީކޮޅުގައެވެ. ރާއްޖެއަށް އަންނަ ބިންހެލުންތަކުގެ މައުލޫމާތު، މި ސިސްޓަމުގެ އެހީގައި ވަގުތުން ވަގުތަށް ލިބި ސަލާމަތީ ފިޔަވަޅުތައް ދުރާލާ އެޅޭނެއެވެ. މުއައްސާސާތައް އެއް ވިއުގައަކުން ގުޅާލެވޭ ފަދަ ހޮޓްލައިނެއްވެސް މެޓް އޮފީހުންވަނީ ތައާރަފްކޮށްފައެވެ. މި ހޮޓްލައިނުގެ ތެރޭގައި އެންޑީއެމްއޭ، ޕޮލިސް، ޕީއެސްއެމް އަދި އެމްއެންޑީއެފް ހިމެނޭއެވެ.

އެލާޓް ސިސްޓަމްތައް ޤާއިމުކުރުމުގެ އިތުރުން މެޓް އޮފީހުންވަނީ ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި އެކި އެކި  މައުލޫމާތު ސެޝަނުތައްވެސް ކުރިއަށްގެންގޮސްފައެވެ.

މި ނުރައްކާތެރި ކާރިސާގެ އެލާޓް އޭރު ރާއްޖޭގެ ރައްޔިތުންނަށް ނުލިބުނު ނަމަވެސް ރާއްޖޭގައި ދިރިއުޅުނު ބައެއް ޖަނަވާރުންނަށް ވަނީ އިހުސާސްކުރެވި ޤުދުރަތީ ގޮތުން އެ ކާރިސާއިން ރައްކާތެރިކަން ހޯދާފައެވެ. ނިސްބަތުން ބަލާއިރު ރާއްޖޭގައި މަރުވެފައިވާ އެއްގަމު ޖަނަވާރުގެ އަދަދު ވަރަށް މަދެވެ. ޖަނަވާރުންނެކޭ އެއްގޮތަށް އިންސާނުންނަށް ވެސް މިފަދަ ކާރިސާއެއް ކުރިމަތިވުމުގެ ކުރިން އެކަމުގެ އިންޒާރު މިހާރު ލިބޭނެއެވެ.

މި ބިރުވެރި ހާދިސާއަށް ކިތަންމެ ގިނަ ދުވަހެއް ވީ ނަމަވެސް ދިވެހިންގެ ހިތުގައި އެ ބިރުވެރި ދުވަސް ބިންވަޅު ނެގިފައި ހުންނާނެ ކަން ޔަޤީނެވެ. އަދި މިއީ ދިވެހި އެއްވެސް ދަރިއަކު ހަޔާތުގައި އަލުން ތަކުރާރުވުމަށް އެދޭނެ ދުވަހެއް ވެސް ނޫންކަން ޔަޤީނެވެ.

ކިޔުންތެރިންގެ ހިޔާލު