ENGLISH
04 ޖުލައި 2025
ދެ މިލިއަން ވަނަ ފަތުރުވެރިޔާއަށް ހޫނު މަރުޙަބާއެއް ކިޔައިފި
26 ޑިސެމްބަރު 2024
|
ދެ މިލިއަން ވަނަ ފަތުރުވެރިޔާ އޮސްޓްރިޔާގެ އަސްޓްރިޑް ޑްރިނެގާ-- ފޮޓޯ/ މިހާރު
ރާއްޖެއަށް މި އަހަރު ޒިޔާރަތްކުރި ދެ މިލިއަން ވަނަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ހޫނު މަރުޙަބާއެއް ކިޔައިފިއެވެ.
މިއީ ރާއްޖޭގެ ބައި ގަރުނުވީ ފަތުރުވެރިކަމުގެ ތާރީހުގައި އެއް އަަހަރުގެ ތެރޭގައި ދެ މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި ފުރަތަމަ ފަހަރެވެ. ދޯހާއިން ގަތަރު އެއާވޭސްގެ ފްލައިޓެއްގައި މިއަދު ހެނދުނު 8:25 ގައި ރާއްޖެ އައި ދެ މިލިއަން ވަނަ ފަތުރުވެރިޔާއަކީ އޮސްޓްރިޔާގެ އަންހެނެކެވެ.
ދެ މިލިއަންވަނަ ފަތުރުވެރިޔާގެ ޝަރަފުހޯދި އަސްޓްރިޑް ޑްރިނެގާ ރާއްޖެ އައީ ފިރިމީހާ އާއި ފިރިހެން ދެ ދަރިންނާއެކުގައެވެ.
ވެލާނާ އެއާޕޯޓުން ދެ މިލިއަންވަނަ ފަތުރުވެރިޔާއަށް މަރުހަބާކީ ދިވެހި ސަޤާފީ ބޮޑުބެރާއެކު އޭނާ އަށް މަރުޙަބާ ކިޔުމަށް ހަދާފައިވާ ލަވައަކުންނެވެ. މާބޮނޑިއެއް ހަދިޔާކުރުމާއިއެކު، ދެ މިލިއަން ވަނަ ފަތުރުވެރިޔާގެ ޝޭޝް ވެސް އޭނާގެ ކޮނޑުގައި އެޅުވިއެވެ. އަސްޓްރިޑްއަށް ވަނީ ހަނދާނީ ހަދިޔާތަކާއި ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ސައި ލެގޫން ރިސޯޓުން ޕެކޭޖެއް ވެސް ދީފަ އެވެ.
މި ރަސްމިއްޔާތުގައި ފަތުރުވެރިކަމާ ބެހޭ ވަޒީރު އިބްރާހީމް ފައިސަލް އާއި އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝިއުރީ އާއި، އެމްއޭސީއެލްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދާއި އިމިގްރޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ދެ މިލިއަން ވަނަ ފަތުރުވެރިންގެ އަމާޒު މި ހާސިލުކުރެވުނީ ރާއްޖޭގައި ފަތުރުވެރިކަން ފެށުނުތާ 52 އަހަރު ފަހުންނެވެ. އަދި އެއް މިލިއަން ފަތުރުވެެރިންގެ އަމާޒު ހާސިލުވިތާ 11 އަހަރު ފަހުންނެވެ.
ރާއްޖޭގެ ފަތުރުވެރިކަން ފެށުނު 1972 ވަނަ އަހަރު ރާއްޖެ އައީ ހާހެއްހާ ފަތުރުވެރިންނެވެ. އަހަރަކު ރާއްޖެ އަންނަ ފަތުރުވެރިކަންގެ އަދަދު، 1985 ވަނަ އަހަރު ފުރަތަމަ ފަހަރަށް ލައްކަ އަކަށް އެރުމަށް 13 އަހަރު ހޭދަވިއެވެ.
ރާއްޖެއަށް އެންމެ ފުރަތަމަ ބައިލައްކަ ފަތުރުވެރިން އައީ 2003 ވަނަ އަހަރެވެ. ފަތުރުވެރިކަން ފެށިތާ 31 އަހަރު ފަހުން، އެ އަހަރު 563،593 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.
ފުރަތަމަ ފަހަރަށް، އަހަރެއްގެ ތެރޭގައި އެއް މިލިއަން ފަތުރުވެރިން ޒިޔާރަތްކުރީ 2013 އަހަރެވެ. އެ އަހަރު 1.1 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.