ENGLISH
21 ޖުލައި 2026
އިންސާނުން ބިރުގަންނަކަން އަސްތަކަށް އެނގޭކަން ދިރާސާއަކުން ދައްކައިފި
30 ޖޫން 2026
|
އަހަށް އިންސާނުން ބިރުގަންނަކަން އިހުސާސްކުރެވޭ - ފޮޓޯ: ހޯސް އެންޑް ހައުންޑް
އެންމެ މަޤްބޫލު
އިންސާނުން ބިރުގަންނަ ވަގުތު ހަށިގަނޑުން ބޭރުވާ ވަސް ދެނެގަތުމުގެ ގާބިލުކަން އަސްތަކަށް ލިބިގެންވާކަން އައު ދިރާސާއަކުން ދައްކައިފިއެވެ.
ސައިންޓިފިކް ޖާނަލް "ޕްލޯސް ވަން" އިން ކުރިއަށް ގެންދިޔަ މި ދިރާސާއިން ހާމަވި ގޮތުގައި، ބިރުގަނެފައި ތިބޭ މީހުންގެ ވަސް ދުވުމުން އަސްތައް ސިހޭލެއް އަވަސްވެ، އެފަދަ މީހުންނާ މެދު ސަމާލުވެ ރައްކާތެރިވެއެވެ.
ސައިންޓިފިކް ޖާނަލް "ޕްލޯސް ވަން" ގައި ޝާއިޢުކޮށްފައިވާ މި ދިރާސާ ކުރިއަށް ގެންގޮސްފައިވަނީ ފްރެންޗް އިންސްޓިޓިއުޓް ފޯ ހޯސް އެންޑް ރައިޑިންގ ގެ ދިރާސާވެރިއެއް ކަމަށްވާ ޕްލޮޓިން ޖާޑަޓްގެ އިސްނެގުމުގެ މަތިންނެވެ.
މި ދިރާސާ ހެދުމަށްޓަކައި، ދިރާސާގައި ބައިވެރިވި މީހުން ބިރުވެރި ފިލްމެއް ބަލަމުންދިޔަ ވަގުތާއި، އުފާވެރި ފިލްމެއް ބަލަމުންދިޔަ ވަގުތު އެމީހުންގެ ކިހިލިފަތުން ދާހިއްލާފައިވާ ކޮޓަން ޕެޑްތަކެއް ސައިންސްވެރިން އެއްކުރިއެވެ. އެއަށްފަހު، މި ޕެޑްތައް 43 އަންހެން އަހެއްގެ ނޭފަތް ކައިރީގައި ބަހައްޓައިގެން އަސްތަކުގެ އަމަލުތައް ހުރިގޮތް ދިރާސާކުރިއެވެ.
ދިރާސާގެ ނަތީޖާއިން ދެއްކި ގޮތުގައި، ބިރުގަނެފައި ތިބި މީހުންގެ ވަސް ޖެހުމުން އަސްތައް މާ ފަސޭހައިން ސިހޭގޮތްވެއެވެ. އަދި އާދަޔާހިލާފު ތަކެއްޗާ ކައިރިވުމަށް ޖެހިލުންވެ، އިންސާނުންނާ ދުރަށް ދިއުމަށް މަސައްކަތް ކުރިކަން ފާހަގަކުރެވުނެވެ. މީގެ އިތުރުން، އަސްތަކުގެ ހިތުގެ ވިންދާއި، ސްޓްރެސް ހޯރމޯންއެއް ކަމަށްވާ ކޯޓިޒޯލްގެ މިންވަރަށް ވެސް ބަދަލު އައިސްފައިވާކަން ލެބޯޓްރީ ޓެސްޓްތަކުން ސައިންސްވެރިން ވަނީ ކަށަވަރުވެފައެވެ.
މި ދިރާސާގައި ބައިވެރިވި ފްރެންޗް ނެޝަނަލް ރިސާޗް އިންސްޓިޓިއުޓްގެ ރިސާޗް ޑިރެކްޓަރ ލިއާ ލަންސާޑް ވިދާޅުވި ގޮތުގައި، މިއީ އެއް ނަސްލެއްގެ މަޚްލޫޤެއްގެ އިހުސާސްތައް އަނެއް ނަސްލެއްގެ މަޚްލޫޤަކަށް ފޯރުކޮށްދޭ "އިމޯޝަނަލް ކޮންޓޭޖަން" ނުވަތަ އިހުސާސްތައް ފެތުރޭކަމުގެ ހެއްކެކެވެ. އޭނާ އިތުރަށް ވިދާޅުވީ، އަސްތަކަށް އަހަރެމެންގެ އަޑު ނީވުނަސް ނުވަތަ އަހަރެމެން ނުފެނުނަސް، އަހަރެމެންގެ އިހުސާސްތައް ވަހުގެ ޒަރީއާއިން އަސްތަކަށް ދެނެގަނެވޭނެކަމަށެވެ.
މި ހޯދުމުގެ ސަބަބުން އަސް ދުއްވާ މީހުންނާއި އަސް ގެންގުޅޭ މީހުންނަށް މުހިންމު ފިލާވަޅެއް ލިބިގެންދެއެވެ. އެއީ އަސް ދުއްވާއިރު އަމިއްލަ ނަފްސު ހަމަޖެހިގެން ހުރުމުގެ މުހިންމުކަމެވެ. އިންސާނާ ބިރުގަންނަނަމަ، އެކަން އަހަށް އިހުސާސްވެ، އަހުގެ އަމަލުތަކަށް އޭގެ ނޭދެވޭ އަސަރު ކުރާނެތީއެވެ.
ސައިންސްވެރިން ދެން ދިރާސާކުރުމަށް ނިންމާފައިވަނީ އިންސާނުންގެ އެހެނިހެން އިހުސާސްތައް ކަމަށްވާ މާޔޫސްވުމާއި، ފޫހިވުން ފަދަ ކަންކަންވެސް އަސްތަކަށް ދެނެގަނެވޭތޯ ބެލުމަށެވެ. އަދި އަސްތަކުގެ ހަށިގަނޑުން ބޭރުވާ ވަސް އިންސާނުންނަށް ދެނެގަނެވޭތޯ ބެލުމަށްވެސް ދިރާސާކުރުމަށް ވަނީ ރާވާފައެވެ.
ސްކޮޓްލޭންޑްގެ ރޯޔަލް ޑިކް ސްކޫލް އޮފް ވެޓެރިނަރީ ސްޓަޑީޒްގެ ލެކްޗަރާ ޖެމާ ޕިއަރސަން ވިދާޅުވީ، އަސްތަކަކީ ޝިކާރަކުރެވޭ ޖަނަވާރުތަކަކަށް ވާތީ، މާހައުލުގައި ހުންނަ މިފަދަ ނިޝާންތަކުން ނުރައްކާ ދެނެގަތުމަކީ އަސްތަކުގެ ތަބީއަތުގައި ހުންނަ ކަމެއް ކަމަށެވެ. ނަމަވެސް އަސްތައް ހަމައެކަނި ވަހަށް ބަރޯސާ ނުވާނެ ކަމަށާއި، އަސްތަކަށް ފެނުމާއި އިވުމުގެ ހިއްސު ވެސް ބޭނުންކުރާނެ ކަމަށް އޭނާ ބުނެފައިވެއެވެ.