ENGLISH

04 ޖުލައި 2025

Advertisement

"ވިލުންތެރި 20" މައުރަޒު ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުޙައްމަދު ލަތީފް އިފްތިތާހުކޮށްދެއްވައިފި

26 ޑިސެމްބަރު 2024

|

އާމިނަތު މައިހާ

ރަޢީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުޙައްމަދު ލަތީފް ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް

ދެހާސް ހަތަރުވަނަ އަހަރުގެ ސުނާމީ ކާރިސާއަށް 20 އަހަރު ފުރުމާއި ގުޅިގެން ބާއްވާ "ވިލުންތެރި 20" މައުރަޒު ރަޢީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުޙައްމަދު ލަތީފް އިފްތިތާހުކޮށްދެއްވައިފިއެވެ. 

ސުނާމީކާރިސާގައި ލިބުނު ގެއްލުންތަކުން ދިވެހިން އަރައިގަތް ގޮތާއި، އެދުވަހުގެ ހަނދާންތައް އާކުރުމަށް ބާއްވާ މި މައުރަޒު ނައިބު ރައީސް ހުސެއިން މުޙައްމަދު ލަތީފް އިފްތިތާހުކޮށްދެއްވީ މިއަދު ހެނދުނު ނޭޝަނަލް އާރޓް ގެލެރީގައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މި ކާރިސާއަކީ ރާއްޖެއަށް މިހާތަނަށް ކުރިމަތިވި އެންމެ ހިތާމަވެރި އަދި އެންމެ ބިރުވެރި ހާދިސާ ކަމަށެވެ. 

ރަޢީސުލްޖުމްހޫރިއްޔާގެ ނައިބު ހުސެއިން މުޙައްމަދު ލަތީފް މައުރަޒު ބައްލަވާލައްވަނީ / ފޮޓޯ: ރައީސް އޮފީސް

ވިލުންތެރި ފަތިހަކަށް ޤައުމު ގެންދެވުނީ ކާރިސާގެ ވަގުތުގައި ދިވެހީން ދެއްކި ލާމަސީލު މިސާލުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެކަން ހާސިލްކުރެވުނީ ދިވެހި ދަރީން އެކަކު އަނެކެއްގެ ގައިން ނެރުނު ހިތްވަރުންކަމާއި، ދިވެހި ސިފައިންނާއި ފުލުހުން މި ކާރިސާއިން އަރައިގަތުމަށް ކުރެވުނު މަސައްކަތުގައި ބައިވެރިވި އެންމެހާ ފަރާތްތަކުން ޤައުމީ ޚިދުމަތުގައި ދެއްކި ގުރުބާނީގެ ފުރިހަމަ މިސާލުން ކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.

"މިއަދު އިފްތިތާހުކުރެވިގެން މިދާ ރާއްޖޭގެ ފުރަތަމަ ކާރިސީ ހިރާސް ކުޑަކުރުމުގެ އިސްތިރާޖް ހަގީގަތަކަށް ހައްދަވައިދެއްވުމުގައި، އަޅުގަނޑުމެންގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވި އިރުޝާދާއި، މިކަމުގައި އެމަނިކުފާނު ދެއްވި އެހީތެރިކަމަށް އެމަނިކުފާނަށް ފަށްފަށުން ޝުކުރު އަދާކުރަން. ވެރިކަމަށް ވަޑައިގެންނެވިތާ އަހަރަކާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މިފަދަ އިސްތިރާޖެއް އެކުލަވާލެއްވުމުން ދައްކުވައިދެނީ އެމަނިކުފާނުގެ ސިޔާސަތު ބައްޓަންކުރެއްވުމުގައި މި ކަންކަމަށްދެއްވާ އަހައްމިއްޔަތުކަން ޔަގީން." - ނައިބު ރަޢީސް ހުސެއިން މުޙައްމަދު ލަތީފް

މި މައުރަޒު ކުރިއަށްދާނީ މިއަދުން ފެށިގެން މި މަހު 29 ވަނަ ދުވަހުގެ ނިޔަލަށެވެ. 

ކިޔުންތެރިންގެ ހިޔާލު