ENGLISH
30 ޖޫން 2026
ޑޮލަރު އެބަހުރިތަ؟ ބީއެމްއެލްއިން ހުޅުވައިލީ އިންވެސްޓުކޮށްގެން ފައިދާ ހޯދުމުގެ ރަނުގެ ފުރުސަތެއް
30 ޖޫން 2026
|
ބީއެމްއެލްއިން ފީނަގައިގެން ދޭ ޑޮލަރުގެ ހިދުމަތްތަކުގައި އިންވެސްޓުކުރަން ފުރުސަތު ހުޅުވާލައިފި
އެންމެ މަޤްބޫލު
ބޭންކް އޮފް މޯލްޑިވްސްއިން ކުރިއަށްގެންދާ ވިޔަފާރި މުއާމަލާތްތަކުގައި ޑޮލަރުން އިންވެސްޓުކޮށްގެން ފީގެ ގޮތުގައި އާމްދަނީ ހޯދޭން ފުރުސަތު އެ ބޭންކުން ހުޅުވައިލައިފިއެވެ.
ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިގޮތަށް އިންވެސްޓުކުރުމަށް ބިއްކާ ޑޮލަރުން ވިޔަފާރިކޮށްގެން ލިބޭ އާމްދަނީން ބޮޑު ފައިދާއެއް އިންވެސްޓުކުރާ ފަރާތަށް ދިނުމަށް އެ ބޭންކުން ނިންމާފައިވާ ކަމަށެވެ. އަދި އިންވެސްޓުކުރުމުގެ ފުރުސަތު ހުޅުވައިލަނީ އެކި މިންވަރަށް ފައިދާ ލިބޭ އިންވެސްޓުމެންޓު ޕޫލުތަކެއް ކޮންމެ ދުވަހަކު އިންވެސްޓުކުރެވޭ ގޮތަށް ކަމަށް ބޭންކުން ބުންޏެވެ.
އެ ބޭންކުން ބުނެފައިވަނީ މިފަދައިން ހުޅުވައިލާ ކޮންމެ ޕޫލެއްގެ މައުލޫމާތު އޮންލައިންކޮށް އިންޓަނެޓް ބޭންކިންއާއި މޯބައިލް ބޭންކިން އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި އިންވެސްޓުކުރުމުގެ މުއާމަލާތްވެސް އޮންލައިންކޮށް ފަސޭހަކަމާއެކު ކުރިއަށްގެންދެވޭނެ އިންތިޒާމުތައް އިންޓަނެޓް ބޭންކިންއާއި މޯބައިލް ބޭންކު އެޕްލިކޭޝަން މެދުވެރިކޮށް ފަހިކޮށްދެވިފައިވާނެ ކަމަށް ބޭންކުން ބުނެފައިވެއެވެ.
މިގޮތަށް ޑޮލަރު އިންވެސްޓުކުރުމުން ކަސްޓަމަރުގެ އެކައުންޓަށް އެ ޑޮލަރަށްވާ ދިވެހި ރުފިޔާ ވަގުތުން ޖަމާކުރާނެއެވެ. އަދި އިންވެސްޓުމެންޓުގެ ފައިދާގެ ގޮތުގައި ލިބޭނެކަމަށް ކަނޑައަޅާފައިވާ އަދަދު ޖެހިގެން އަންނަ ދުވަހު ކަސްޓަމަރުގެ އެކައުންޓަށް ބޭންކުން ޖަމާކުރާނެކަމަށާއި، އެކި މިންވަރުގެ ފައިދާ އިންވެސްޓަރުންނަށް ލިބޭ ގޮތަށް ޕްލޭނުކޮށްފައިވާއިރު، 25 އިންސައްތައާ ހަމައަށް ފައިދާ ހޯދުމުގެ ފުރުސަތު ފަހިކޮށްދޭނެކަމަށްވެސް ބީއެމްއެލްއިން ބުނެފައިވެއެވެ.
މި ހިދުމަތް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ މުޙައްމަދު ޝަރީފު ވިދާޅުވެފައިވަނީ ބޭންކުގެ ޑެބިޓް އަދި ކްރެޑިޓު ކާޑުތަކުން ކުރާ މުއާމަލާތްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. މަހެއްގެ މައްޗަށް މިފަދަ މުއާމަލާތްތަކަށް ބޭންކުން ވިއްކަމުން އައި ޑޮލަރުގެ އަދަދު ފަސް އަހަރު ތެރޭ 3.7 ގުނަ އިތުރުވެ، އެވެރެޖުކޮށް މަހެއްގެ މައްޗަށް 39.3 މިލިއަން ޑޮލަރު ބޭންކުން އެ މުއާމަލާތްތަކަށް ވިއްކަމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެ ހިދުމަތް ހޯދާ ކަސްޓަމަރުންގެ އަދަދު އެ މުއްދަތުގައި ދެގުނަ އިތުރުވެފައިވާކަން ފާހަގަކުރެއްވިއެވެ.
ޝަރީފު ވިދާޅުވި ގޮތުގައި ކޮންމެ މަހަކުވެސް 250،000 އާއި ތިންލައްކައާ ދެމެދުގެ އަދަދަކަށް މީހުން ދިވެހި ރުފިޔާ ކާޑުތައް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ މުއާމަލާތްތަައް ހިންގަމުންދެއެވެ.
"މީގެ އެންމެ މުހިންމު ސަބަބަކީ ދިވެހިން ބޭރުގެ ގައުމުތަކުން އޮންލައިންކޮށް މުދާ ގަތުމުގެ މުއާމަލާތްތައް (ކްރޮސް-ބޯޑަރ އީ-ކޮމާސް) އިތުރުވެގެން ދިޔުން. މިއީ ރާއްޖެއިން ޑިޖިޓަލް އީޖާދުތައް ހަލުވިކަމާއެކު ބަލައިގަންނަމުންދާ ކަމުގެ ހެއްކެއް. ޑިޖިޓަލްކޮށް ފައިސާ ދެއްކުމުގެ ނިޒާމުތަކަށް އައި ކުރިއެރުންތަކާއި، ދުނިޔޭގެ އޮންލައިން ބާޒާރުތައް ފުޅާވުމުގެ އިތުރުން، މުވާސަލާތީ އަދި ލޮޖިސްޓިކްސް ނިޒާމަށް އައި ބޮޑެތި ކުރިއެރުން ތަކުގެ ސަބަބުން، ބޭރުގެ ގައުމުތަކުން ވިޔަފާރިކުރުން ވަނީ ކުރިއަށްވުރެ ބޮޑަށް ލުއިފަސޭހަވެ، އަގުތައް ވެސް ހެޔޮވެފައި. ދިވެހިން އަންނަނީ މިފަދަ ޓެކްނޮލޮޖީގެ ކުރިއެރުންތައް މެދުނުކެނޑި ބަލައިގަންނަމުންން. އަދި ބޭރުން މުދާ ގަތުމަށް ކުރަންޖެހޭ ހޭދަ ކުޑަވަމުން ދިއުމަކީ މި އާދަ އިތުރަށް ހަލުވިވެގެން ދިޔަ މުހިންމު ސަބަބެއް،" ޝަރީފު ވިދާޅުވިއެވެ.
ކާޑުގެ ވިޔަފާރިއަކީ ބޭންކަށް ވަރަށް ބޮޑު ފައިދާއެއް ލިބޭ ވިޔަފާރިއެއްކަން ފާހަގަކުރައްވަމުން ސީއީއޯ ވިދާޅުވީ އެ މުއާމަލާތްތަކަށް ޑޮލަރު ވިއްކޭނީ ބޭންކަށް ޑޮލަރުން ލިބޭ އާމްދަނީއިންނާއި، ބޭންކަށް ޑޮލަރު ގަނެވޭ މިންވަރަކުން ކަމަށެވެ. ވޭތުވެދިޔަ 36 މަސްތެރޭ އާއްމު ފަރުދުންގެ ބޭނުންތަކާއި ކާޑުތަކުން ކުރާ މުއާމަލާތްތަކަށް 1.6 ބިލިއަން ޑޮލަރު ބޭންކުން ވިއްކާފައިވާކަން ހާމަކުރައްވަމުން ޝަރީފު ވިދާޅުވީ އެ ފައިސާގެ 60 އިންސައްތަ ފައިސާއަކީ ކާޑުގެ މުއާމަލާތްތަކަށް ދޫކުރި ނުވަތަ ވިއްކި ޑޮޮަލަރު ކަމަށެވެ.
މި މުއާމަލާތްތަކަށް ޑޮލަރު ދޫކުރާ މިންވަރު އިތުރުވަމުންދާ ނިސްބަތަށް ބަލާއިރު އެ އަދަދަށް ޑޮލަރު ވިއްކުމަކީ ދެމެހެއްޓެނެވި ގޮތެއްގައި ބޭންކަށް ކުރެވޭނެ ކަމަކަށްނުވި ނަމަވެސް ގިނަ ބަޔަކު ބޭނުންކުރާ އެފަދަ ހިދުމަތެއް ހުއްޓައިލުމަކީ ބޭންކުން ބޭނުންވާ ގޮތެއް ނޫންކަމަށް ސީއީއޯ ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވި ގޮތުގައި ބޭންކުން ތައާރަފުކުރި އިންވެސްޓުމެންޓު އުސޫލުގެ މަގުސަދަކީ މިފަދަ މުއާމަލާތްތަކަށް އިންވެސްޓުކުރާ ފަރާތްތަކަށް ރަނގަޅު ފައިދާއެއް ލިބޭނެ ނިޒާމެއްގެ ތެރެއިން ބޭންކުން ދޭ ކާޑުގެ ހިދުމަތްތައް ކުރިއަށްގެންދިއުމަށް ބޭނުންވާ ޑޮލަރު ލިބޭ އިންތިޒާމެއް ހަމަޖެއްސުމެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ދެމެހެއްޓެނެވި ގޮތެއްގައި މި ޚިދުމަތް ދިނުމަށް. އެހެންކަމުން ވަރަށްވެސް މުހިންމު ބޭނުމަކަށް އަމާޒުކޮށް ޑޮލަރުން އިންވެސްޓްކުރާ ފަރާތްތަކަށާއި، ކާޑުގެ ޚިދުމަތް ބޭނުން ފަރާތްތަކަށާއި،އަދި ބޭންކަށްވެސް ފައިދާ ހުރި ނިޒާމެއް އަޅުގަނޑުމެން މި ގާއިމްކުރީ. ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން މިފަދަ ރަނގަޅުފައިދާއެއް ލިބޭ އިންވެސްޓްމެންޓް ޕޫލްތަކުގައި އިންވެސްޓްކުރުމުން، އީކޮމާސް ރީޓެއިލް ސައިޓްތަކުން ކުރާ މުޢާމަލާތް ތަކާއި ފީނަގާ އެހެން ބައެއް މުޢާމަލާތްތަކުގައި އިންވެސްޓް ކުރުމަށްފަހު އެ މުޢާމަލާތްތަކުން ލިބޭ ފީ އެ މުޢާމަލާތް ހިންގުމުގެ ޚަރަދު ކެނޑުމަށްފަހު އިންވެސްޓް ކުރާ ފަރާތަށް މިދެނީ.،" މިހާރު ތައާރަފުކުރި އިންވެސްޓުމެންޓު އުސޫލު ކުރިއަށްގެންދާ ގޮތަށް އަލިއަޅުވައިލައްވަމުން ޝަރީފު ވިދާޅުވިއެވެ.
މި އިންތިޒާމު ހަމަޖެހުމުން ބޭންކަށް ޑޮލަރު ލިބުމާއެކު، ކަސްޓަމަރުންގެ ޟަރޫރީ ބޭނުންތަކަށް އެ ޑޮލަރު ފޯރުކޮށްދެވޭނެކަމަށާއި، ކާޑު ޕޭމެންޓުތަކާއި، އީކޮމާސް ވިޔަފާރިތަކާއި މުދާ އިމްޕޯޓުކުރުން ފަދަ ކަންކަމަށް އެ ލިބޭ ޑޮލަރު ދޫކުރެވޭނެކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި ބޭންކުގެ މާލީ ކަންކަން ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށްގެންދިއުމާއެކު، ކަސްޓަމަރުންނާއި އިންވެސްޓަރުންނަށްވެސް އެކަމުން މަންފާވާނެ ކަމަށް ވިދާޅުވިއެވެ.