ENGLISH
04 ޖުލައި 2025
ދިވެހިންނަކީ ޤައުމަށް ދިމާވާ ކޮންމެ މުހިންމު ޙާލަތެއްގައި، އެއް ޢާއިލާއެއްގެ ބަދަހިކަން ދައްކާ ބައެއް: ރައީސް
26 ޑިސެމްބަރު 2024
|
ދިވެހިންނަކީ ޤައުމަށް ދިމާވާ ކޮންމެ މުހިންމު ޙާލަތެއްގައި، އެއް ޢާއިލާގެ ބަދަހިކަން ދައްކާ، އުޚުއްވަތްތެރި، އެކުވެރި، އޯގާތެރި، ހެޔޮލަފާ ރައްޔިތުންތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާން މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
ދިވެހީންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ސުނާމީ ކާރިސާގައި ނިޔާވި މީހުންނާއި ގެއްލުނު މީހުންގެ ހަނދާނުގައި މިއަދު ހެނދުނު ގެނައި ސުކޫތުގައި ވެސް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ސަރުކާރުގެ އިސްބޭފުޅުންނާއި ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުން އަދި މާލެ ސަރަހައްދުގެ އޮފީސްތަކުގެ މުވައްޒަފުން ވެސް އޮފީސްތަކުން ބޭރަށް ނުކުމެވަޑައިގެން މި ސްކޫތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ސުނާމީގެ ރާޅު 2004 ވަނަ އަހަރު ރާއްޖެއަށް އެރިކަމަށް ރިކޯޑްކުރެވިފައިވަނީ ޑިސެމްބަރު 26، 2004 ވަނަ ދުވަހުގެ ހެނދުނު 9:23 ގައެވެ.
ސުނާމީއަށް މިއަދު 20 އަހަރު ފުރިގެން ދާއިރު، މި ހިތާމަވެރި ކާރިސާގައި ރާއްޖޭގައި އޭރު މީހުން ދިރިއުޅުނު 199 ރަށުގެ ތެރޭން މީހުން ދިރިއުޅޭ 9 ރަށެއް ފިޔަވައި އެހެން ހުރިހާ ރަށަކަށް މި ސުނާމީގެ އަސަރު ކޮށްފައިވެއެވެ. އަދި 82 ދިވެހިން ނިޔާވެ، 26 ދިވެހިން ވީނުވީއެއް ނޭނގި ގެއްލި، 15000 މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. ރާއްޖޭގެ 13 ރަށެއް މުޅިން ހުސްކުރަން ޖެހުނެވެ. ސުނާމީގައި، ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ 62 އިންސައްތައިގެ ގެއްލުން ލިބުނެވެ. މީގެ އިތުރުން 450 މިލިއަން ޑޮލަރުގެ ގެއްލުން އިގްތިސާދަށް ލިބުނެވެ.
އެދުވަހު ހާލުގައިޖެހުނު ފަރާތްތަކަށް އެހީވުމުުގެ ގޮތުން ދިވެހިން ދައްކުވައިދިން ހިތްވަރާއި ވިލުންތެރިކަން ފާހަގަ ކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 26 ވަނަ ދުވަސް، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައި ދަނީ ފާހަގަކުރަމުންނެވެ.