ENGLISH
29 ޖޫން 2026
ދިފާޢީ ޚިދުމަތްތައް ހަރުދަނާކޮށް ވަރުގަދަކޮށްދެެއްވާނެ ކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
29 ޖޫން 2026
|
މިރޭގެ ރަސްމިއްޔާތުގައި ރައީސް ވާހަކަފުޅު ދައްކަވަނީ
އެންމެ މަޤްބޫލު
ދިފާޢީ ޚިދުމަތްތައް ހަރުދަނާކޮށް ވަރުގަދަކުރުމަކީ ޤައުމީ ޚިދުމަތެއްގެ ގޮތުގައި އިޚްލާސްތެރިކަމާއެކު ސަރުކާރުން ފުރިހަމަކޮށްދެއްވަމުން ގެންދަވާނެކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ދިވެހި ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުމުގެ މުނާސަބަތުގައި، ޒުވާނުންގެ މަރުކަޒު ހޯލުގައި މިރޭ އޮތް ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅުދައްކަވަމުންނެވެ.
މިރޭގެ ރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، ކޮންމެ ދުވަހަކުމެ ޤައުމުގެ ހަމަޖެހުން ދަމަހައްޓާ، ދިވެހި ޤައުމުގެ ތަންފީޒީ ބާރުގެ ގޮތުގައި ފުލުހުން ދެއްވާ ޚިދުމަތަކީ ވަރަށް ވަރުގަދަ ޤައުމީ ޚިދުމަތެއް ކަމަށާއި، ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކުން ވެވަޑައިގަންނަވަނީ ވަރުގަދަ ޤުރުބާނީއެއް ކަމުގައި ސިފަކުރެއްވިއެވެ.
ހަމަމިއާއެކު، އެތައް އަހަރެއްވަންދެން މޫލަމުންދިޔަ، ނުރަނގަޅު އެތައް އާދައަކުން މުޖުތަމަޢު ސަލާމަތްކޮށް، ހަމަޖެހުމާއި ރައްކާތެރިކަން ޤާއިމުކުރުމުގައި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ މުއައްސާސާގެ ހައިސިއްޔަތުން، ގިނަ މަސައްކަތްތަކެއް ދިވެހި ފުލުހުން ކުރައްވަމުން ގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިމަސައްކަތްތައް ކުރިއަށް ގެންދަވަނީ އެތައް ގޮންޖެހުމަކާއެކުގައި ކަމަށާ، ނަމަވެސް ހިތްހަމަޖެހިވަޑައިގެން ފުރިހަމަ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދެއްވާ، ރައްޔިތުންވެސް ބަލައިގަންނަ ފަދަ ޚިދުމަތެއް ދިވެހި ފުލުހުންގެ ފަރާތުން ލިބެމުންދާނެކަން ކަށަވަރުކުރުމަށްޓަކައި ކުރައްވަންޖެހިވަޑައިގަންނަވާ ކޮންމެ ކަމެއްވެސް ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. އެގޮތުން، ޤާނޫނީ ބަދަލުތައް ގެނައުން ކަމުގައިވިޔަސް، ނުވަތަ ޒަމާނީ އުމްރާނީ ބަދަލުތަކާއި، އިންސާނީ ވަސީލަތުގެ ތަރައްޤީ ފަދަ ދާއިރާތަކުން ކަންކަން ފުރިހަމަކޮށްދެއްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޚިދުމަތް ދިނުމުގައި ހުރަސްތަކެއް އެބަހުރިކަމަށާ، އެންމެ ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މާލޭ ސަރަޙައްދުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދޭނެ އިތުރު މަރުކަޒަކާއި، ޒަމާނީ ފެންވަރުގެ ހެޑްކުއާޓަރެއް ގާއިމުކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި ދ.ވާނީގައި ހިންގާ ފުލުހުންގެ ތަމްރީނުދޭ މަރުކަޒަކީ އެންމެ ޒަމާނީ ފެންވަރުގައި ތަމްރީނުދެވޭ ތަނަކަށް ހައްދަވާނެކަމުގައިވެސް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ. ހަމަމިއާއެކު، ފުލުހުންގެ އަމިއްލަ އިމާރާތްތަކުގައި ފުލުހުންގެ ޚިދުމަތްތައް ދެވޭނެ އުމްރާނީ ވަސީލަތްތައް ބިނާކުރުމަށް މިހާރު ކުރިއަށްދާ މަޝްރޫޢުތައް، އަންނަ އަހަރުތެރޭގައި ނިންމާލުމަކީ އަމާޒެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.
ފުލުހުން ކުރައްވާ ގުނާ ޢަދަދުނުކުރެވޭހާ ގިނަ މަސައްކަތްތަކަކީ، މާނަހުރި، ދާއިމީ ބަދަލެއް މުޖުތަމަޢަށް އަންނާނެ ކަންތައްތަކެއް ކަމަށާއި، އެއީ އިޚްލާސްތެރިކަމާއި، ހެޔޮނިޔަތާ، ޤައުމީ ލޯތްބާއެކު ކުރައްވާ ކަމަކަށް އެކަންކަން ވާތީކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ކުރިއަށް އޮތް ދުވަސްތަކުގައި ބޯހިޔާވަހިކަމުގައި އިތުރު ފަހި ފުރުޞަތުތައް ފުލުހުންނާއި ފުލުހުންގެ ޢާއިލާތަކަށް ހޯދައިދިނުމަކީ ސަރުކާރުގެ ސިޔާސަތުކަމުގައި ވިދާޅުވެ، އަމަލީ ގޮތެއްގައި ރަނގަޅު ނަތީޖާތަކެއް ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަންދެއްވަމުންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރުން ފާހަގަކުރުމަށް މިރޭ އޮތް ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައީސުލްޖުމްހޫރިއްޔާގެ ކުލަ ހާސިލުކުރެއްވި ފުލުހުންނަށް، ކުލަ ހަވާލުކޮށްދެއްވާ، ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ހާސިލުކުރެއްވި ފުލުހުންނަށް މެޑަލް ހަވާލުކޮށްދެއްވާފައެވެ. އަދި ދިގު މުއްދަތެއް ވަންދެން މުއައްސަސާއަށް ޚިދުމަތްކޮށްދެއްވާފައިވާ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން ދެވުނު ހަނދާނީ ފިލާ ހަވާލުކޮށްދެއްވާ، ދިވެހި ޤައުމަށާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ދިގު މުއްދަތަކަށް އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު އަގުނުކުރެވޭފަދަ ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާތީ، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވުނު ހަނދާނީ ފިލާ ހަވާލުކޮށްދެއްވީވެސް ރައީސުލްޖުމްހޫރިއްޔާއެވެ.
މިރޭގެ ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގަތެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ރަސްމިއްޔާތަށް ވަޑައިގަތުމުން މަރުހަބާ ވިދާޅުވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙްސާނާއި ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް "އޮނަރ ގަރޑް"އެއް ވަނީ އަރުވާފައެވެ.
މި ރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިންނާއި، މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން، ބޭރު ޤައުމުތަކުގެ ޑިޕްލޮމެޓިކް މަންދޫބުން ބައިވެރިވެވަޑައިގަތެވެ.
ދިވެހި ފުލުހުންގެ ޚިދުމަތަށް 93 އަހަރު ފުރިފައި ވަނީ މިއަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހުއެވެ.