ENGLISH

21 އޭޕްރީލު 2025

Advertisement

ދިވެހި ރެޑް ކްރެސެންޓްގެ ފެށުން: 2004ގެ ސުނާމީ ކާރިސާ

26 ޑިސެމްބަރު 2024

|

އާމިނަތު މައިހާ

ފޮޓޯ: މޯލްޑިވްސް ރެޑް ކްރެސެންޓް

ދެހާސް ހަތަރުވަނަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހު މުޅި ދުނިޔެ ސިއްސުވާލީ ބޮޑު ބިންހެލުމަކާއެކުގައެވެ. އިންޑޮނީޝިއާގެ ސުމަތުރާއަށް އައި މި ބިންހެލުމާ ގުޅިގެން ބޮޑު ސުނާމީއެއް އުފެދުނެވެ. މި ކާރިސާވެގެން ދިޔައީ ރާއްޖެ ދުށް އެންމެ ބިރުވެރި ކާރިސާއަށެވެ. އެތައް ބައެއްގެ ގެދޮރު ގެއްލި މާލީ ބޮޑެތި ގެއްލުންތަކަކާ ވެސް ކުރިމަތިލާން ޖެހުނެވެ.

މި ކާރިސާއަށް ފަހު އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ބޭރުގެ ޖަމިއްޔާ، ޖަމާއަތްތަކާ، ރާއްޖޭގެ ވޮލަންޓިއަރުން ގުޅިގެން އެހީގެ މަސައްކަތްތައް ފެށިއެވެ. އެހީ ފޯރުކޮށްދިނުމުގައި ވަނީ ބައިނަލްއަގްވާމީ ރެޑް ކްރޮސްއާއި، ދިވެހިރާއްޖޭގެ ސްކައުޓް ޖަމިއްޔާ އަދި ގާލް ގައިޑް ބައިވެރިވެފައެވެ. 

މި ކާރިސާގައި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސްގެ އެހީތެރިކަން ވެސް ލިބުނެވެ. ދިވެހި ރެޑް ކްރެސެންޓްގެ ފެށިގެން އައީ ސުނާމީ ކާރިސާ އަށް ފަހުއެވެ. ބައިނަލްއަގްވާމީ އަދި ގައުމީ ފެންވަރެއްގައި ހިންގާ ރާއްޖޭގެ ރެޑް ކްރެސެންޓުގެ މި ހަރަކާތަށް ގިނަ ބައެއްގެ ސަމާލުކަން ލިބި، ދަރުމަވެރިންގެ ގޮތުގައި މަސައްކަތް ކުރާނެ ގިނަ ފަރާތްތަކެއް ލިބުނެވެ.

އެހެންކަމުން 2005 އާއި 2009 ވަނަ އަހަރާ ދެމެދު ދިވެހި ރެޑް ކްރެސެންޓް އުފެއްދުމުގެ އަމަލީ މަސައްކަތް ފެށިއެވެ. އަދި އޭޕްރިލް 28، 2009 ގައި ރެޑް ކްރެސެންޓް އުފައްދަން ރައްޔިތުން މަޖިލީހުން ފާސްކޮށް، އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބިލް ތަސްދީގު ކުރައްވާ ގެޒެޓްކުރައްވައިފައެވެ. ދިވެހި ރެޑް ކްރެސެންޓް ރަސްމީކޮށް އުފެދިގެން އައީ އޯގަސްޓް 16، 2009 ގައި ބޭއްވި ދިވެހި ރެޑް ކްރެސެންޓްގެ އާންމު ޖަލްސާއަށް ފަހު އެވެ. 

ދިވެހި ރެޑް ކްރެސެންޓަކީ [ގާނޫނު ނަމްބަރު 7/2009] ގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މިނިވަން، ވޮލަންޓަރީ، ހިއުމެނިޓޭރިއަން ޖަމިއްޔާއެކެވެ.

ދިވެހި ރެޑް ކްރެސެންޓުގެ މިޝަން އަކީ "ނިކަމެތިންނަށް އިންސާނީ ޚިދުމަތް ފޯރުކޮށްދިނުމުގައި ވޮލަންޓިއަރކޮށް، ބައިވެރިވުމާއި ބައިވެރިކުރުމެވެ."

އެމްއާރުސީގެ ވިޝަން އަކީ "އިންސާނީ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީތެރިވެދޭ ނަމޫނާ ނޭޝަނަލް ސޮސައިޓީއަކަށް ވުމެވެ."

އެމްއާރުސީ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީސް (އައިއެފްއާރުސީ)ގެ ފުރިހަމަ މެމްބަރެއްގެ ގޮތުގައި ބަލައިގަތީ 9 ނޮވެމްބަރު 2011 ގައެވެ.

އެމްއެމް ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ޑެޕިއުޓީ ޗީފް، އުމަރު ފިކުރީ ވިދާޅުވީ ވިލުންތެރި މުޖްތަމައެއް ގާއިމްކުރުމަށްޓަކައި ބައިނަލްއަގްވާމީ ރެޑް ކްރޮސް އަދި ރެޑް ކްރެސެންޓާ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ސުނާމީ ކާރިސާއިން އެނގިގެން ދިޔަ ކަމަށެވެ.

"ސުނާމީ ކާރިސާ އައިއިރު ބައިނަލްއަގްވާމީ ރެޑް ކްރެސެންޓް އަދި ރެޑް ކްރޮސް މޫވްމަންޓުގެ އެއްވެސް ނޭޝަނަލް ސޮސައިޓީއެއް ނެތް ދިވެހިރާއްޖޭގަ ގާއިމްކުރެވިފައެއް. އޭގެ ސަބަބުން އެހެން ގައުމުތަކުގެ ރެޑް ކްރޮސް، ރެޑް ކްރެސެންޓްތަކުން ދިވެހިރާއްޖެ އައިސް މަސައްކަތްކުރަން ބައެއް ގޮންޖެހުންތަކެއް ހުރި، އެކަމަކު ގޮންޖެހުންތައް ދޫކޮށް، އެ ބޮޑީތަކުން ދިވެހިރާއްޖެ އައިސް ވަރަށް ބޮޑެތި މަސައްކަތްތަކެއްކުރި،" - އުމަރު ފިކުރީ

އެގޮތުން އޭނާ ފާހަގަކުރެއްވީ، ރެޑް ކްރެސެންޓްގެ ތާރީޚުގައި ވެސް ހިނގި އެންމެ ބޮޑު އެއް ޕްރޮޖެކްޓަކީ ރ. ދުވާފަރު ތަރައްގީކުރުމުގެ މަޝްރޫޢު ކަމަށެވެ.

"އެއް ރަށެއް ނަގައިގެން އެތަނުގައި މީހުން ދިރިއުޅޭނެ ގެދޮރު ހެދުމާއި، މުނިސިޕަލް ސާވިސެސްއަށް ދޭނެ އާންމު ޚިދުމަތްތަކުގެ އިމާރާތްތައް ގާއިމްކުރުމާ، ސްކޫލް، ފެނާއި ނަރުދަމާ ގާއިމްކުރުމާއި މި ހުރިހާ ކަމެއް އެއް ޕްރޮޖެކްޓެއްގައި ކުރުމަކީ މިހާތަނަށް އެބޭފުޅުން ހިންގި އެންމެ ބޮޑު އެއް ޕްރޮޖެކްޓް" - އުމަރު ފިކުރީ

ފާއިތުވި 15 އަހަރުގެ ތެރޭގައި އެމްއާރުސީއަކީ ރާއްޖޭގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ޖަމްޢިއްޔާއެވެ. އެމްއާރްސީން ވަނީ އިމަޖެންސީ ރެސްޕޮންސް، ޑިޒާސްޓާ ޕްރިޕެއާޑްނެސް، އެޕިޑެމިކް ޕްރިޕެއާޑްނެސް އެންޑް ރެސްޕޮންސް، ފަސްޓް އެއިޑް، މެންޓަލް ހެލްތު އެންޑް ސައިކޯސޯޝަލް ސަޕޯޓް، ޕޭޝަންޓް ޓްރާންސްޕޯޓް ސާވިސަސް، ސޯޝަލް ކެއާ އެންޑް އިންކްލޫޝަން، ޕްރޮމޯޓިން ހެލްތީ ލިވިން އަދި ޔޫތު އެމްޕަވަރމަންޓްގެ ދާއިރާއިން ކާމިޔާބު ޕްރޮގްރާމްތަކާއި އިންޓަވެންޝަންތަކާއި ކެމްޕެއިންތައް ކުރިއަށް ގެންގޮސްފައެވެ.

"ފުރަތަމަ އަޅުގަނޑުމެން ވެސް އެބޭފުޅުން ވެސް މަސައްކަތްކުރެއްވީ ކާރިސާތަކަށް އިޖާބަދިނުމުގައި އަޅުގަނޑުމެންދޭ ޚިދުމަތްތައް ރަނގަޅުކުރުމަށް، އަޅުގަނޑުމެންނަށް ރަނގަޅު މިންވަރަކަށް އެ ޚިދުމަތްތައް ދެވެން ފެށުމާ އެއްކޮށް ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކުރެވޭ މަސައްކަތްތައް ވެސް އަޅުގަނޑުމެން ދެބައި މީހުން ގުޅިގެން ކުރުމުގެ ކަންތައްތައް މިހާރު މިވަނީ އިތުރަށް ފުޅާކޮށްފައި،" - އުމަރު ފިކުރީ

އެގޮތުން ކުރިޔަށް އޮތް ދެ އަހަރު ތެރޭގައި 15 ރަށެއްގެ ކާރިސީ ހިރާސް ކުޑަކުރުމުގެ ޕްލޭންތައް އެކުލަވާލާނެއެވެ. ހަމަ އެއާއެކު ސިއްހީ އެހީ ދޭނެ ޓީމުތަކާއި، ފަޔަރ ފައިޓްކުރެވޭނެ ވޮލަންޓިއާ ޓީމުތައް ރަށްރަށުގައި ގާއިމްކޮށްގެން ކޮމިއުނިޓީ އިމަޖެންސީ ރެސްޕޮންސް ޓީމުތައް ވެސް ކުރިއަށް އޮތްތާނގައި ގާއިމް ކުރެވޭނެއެވެ. 

އެމްއާރްސީ އަކީ ރާއްޖޭގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އެންމެ ބޮޑު ޖަމިއްޔާއެވެ.

އެމްއާރުސީން މިހާރު ދަނީ ރަށު ފެންވަރުގައި ނެޓްވޯކްތައް ބިނާކުރުމަށް ބޭނުންވާ ގާބިލްކަމާއި ޢިލްމާއި ހުނަރު އިތުރުކޮށް، އެކި ދާއިރާތަކުގެ މުއައްސަސާތައް އެއްތަންވެ، މިހާރަށްވުރެ ރަނގަޅަށް މަސައްކަތް ކުރެވޭނެ ގޮތްތައް ފަހިކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު