ENGLISH

26 ޖޫން 2026

Advertisement

މުޅި މެޗު ފުރިހަމައަށް ކުޅެން ޑޮކޫ ތައްޔާރެއް ނޫން: ގާސިއާ

26 ޖޫން 2026

|

އިސްމާއިލް ޝާހު

ބެލްޖިއަމްގެ ފަރިތަކުރުންތަކުގެ ތެރެއިން ފޯވާޑް ޖެރެމީ ޑޮކޫ --- ފޮޓޯ: ރޮއިޓަރސް

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ޖީގައި ނިއުޒީލެންޑާ ދެކޮޅަށް ކުޅޭ މުހިންމު މެޗުގައި، ފޯވާޑް ޖެރެމީ ޑޮކޫ މުޅި މެޗު ފުރިހަމައަށް ކުޅެން ތައްޔާރު ނޫން ކަމަށް ބެލްޖިއަމްގެ ކޯޗު ރޫޑީ ގާސިއާ ބުނެފިއެވެ. އޭނާ މެޗަށް ތައްޔާރު ނޫން ކަމަށް ބެލެވެނީ ބަލިވެ އުޅުމަށްފަހު އަދި އަލަތު ދަރިއަކު ލިބުމާ ގުޅިގެން ޓީމާ ދުރުގައި ހުރުމަށްފަހު އެނބުރި އައުމުންނެވެ.

އުމުރުން 24 އަހަރުގެ ޑޮކޫއަށް، މުބާރާތުގެ މެދުތެރެއިން އޭނާގެ ދަރިފުޅު "ޕްރެއިސް" އުފަންވި ވަގުތު އާއިލާގެ ކައިރިއަށް ދިޔުމުން، ފްރާންސްގެ ލެކިއުޕޭ މީޑިއާގެ ޕްރެޒެންޓަރު ފްރާންސް ޕިއެރޯންގެ ފާޑުކިޔުންތައް އަމާޒުވިއެވެ.

މި މުބާރާތުގައި މިސްރާ ދެކޮޅަށް ކުޅެ 1-1 ގެ ނަތީޖާއަކުން އެއްވަރުވި މެޗުގައި ޑޮކޫ ކުޅުނު ނަމަވެސް، އީރާނާ ދެކޮޅަށް ކުޅުނު މެޗުގައި އޭނާ ބައިވެރިވެފައެއް ނުވެއެވެ. އެއީ ފަރިތަކުރުންތަކުގެ ތެރޭގައި ނޭވާލުމުގެ ދަތިތަކެއް ކުރިމަތިވުމާ ގުޅިގެންނެވެ.

ނޫސްވެރިންނާ ވާހަކަދައްކަވަމުން ކޯޗު ގާސިއާ ބުނީ، "ޑޮކޫ އެނބުރި އައީ މީގެ ތިން ދުވަސް ކުރިން. އެހެންކަމުން އޭނާއަށް މިއަދުގެ ފަރިތަކުރުންތަކުގައި ބައިވެރިވެވުނީ ކުޑަ މިންވަރަކަށް. ހަތް ދުވަސް ވަންދެން ފަރިތަކުރުންތަކާ ދުރުގައި ހުރުމަކީ އޭގެ އަސަރު ކުރާނެ ކަމެއް."

ގާސިއާ އިތުރަށް ބުނީ ޑޮކޫ އެނބުރި އައުމަކީ ލިބުނު ބޮޑު އުފަލެއް ކަމަށާއި، އޭނާއަށް މުޅި މެޗު ފުރިހަމައަށް ނުކުޅެވުނު ނަމަވެސް، ކުޅުމުގެ ތެރެއަށް ނުކުމެ މެޗުގެ ނަތީޖާއަށް ބަދަލު ގެނައުމުގެ ގާބިލުކަން އޭނާގެ ކިބައިގައި ހުންނާނެ ކަމަށެވެ. އަދި ބެލްޖިއަމްގެ މުޅި ކުޅުން ބިނާވެފައި އޮންނަނީ އެންމެ ކުޅުންތެރިއަކަށް ނޫން ކަމަށާއި، އެ ޓީމުގެ ހަގީގީ ބާރަކީ އެކުވެރިކަމާއި ޓީމެއްގެ ގޮތުގައި ކުރާ މަސައްކަތް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.

މީގެ އިތުރުން، މި މުބާރާތުގައި އަދި ލަނޑެއް ކާމިޔާބުކުރެވިފައި ނުވާ ފޯވާޑް ރޮމެލޫ ލުކާކޫއަށްވެސް މުޅި މެޗު ފުރިހަމައަށް ކުޅެވޭނެ ފަދަ ފިޓްނަސްއެއް ނެތް ކަމަށް ބުންޏެވެ. "ލުކާކޫއަށް 90 މިނެޓު ކުޅުމަކީ އުނދަގޫ ކަމެއް. އޭނާ ފުރަތަމަ އެގާރައިގައި ހިމެނި ނަމަވެސް މެޗުގެ ތެރެއިން ބަދަލުކުރަން ޖެހޭނެ. އަދި ބެންޗުން ކުޅެން އެރި ނަމަވެސް އޭނާގެ ފަރާތުން އެހީތެރިކަން ލިބޭނެ،" ގާސިއާ ވިދާޅުވިއެވެ.

ބެލްޖިއަމްގެ ޑިފެންޑަރު ބްރެންޑަން މެޗެލޭ ބުނީ، ޑޮކޫއަށް ދަރިއަކު ލިބުމުން ޓީމުގެ ހުރިހާ ކުޅުންތެރިންވެސް ތިބީ ވަރަށް އުފަލުން ކަމަށެވެ. އަދި އޭނާ އެނބުރި އައުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށްވެސް މެޗެލޭ ފާހަގަކުރިއެވެ.

މި ގްރޫޕްގެ އެއްވަނަ ހޯދާނެ ކަމަށް ގިނަ ބަޔަކު ލަފާކުރި ނަމަވެސް، މާދަމާގެ މެޗަށް ބެލްޖިއަމް ނުކުންނައިރު އޮތީ ދެ ޕޮއިންޓާއެކު ގްރޫޕުގެ ތިންވަނައިގައެވެ. ހަތަރު ޕޮއިންޓާއެކު މިސްރު އެއްވަނައިގައި އޮތްއިރު، އީރާނަށްވެސް ދެ ޕޮއިންޓް ލިބިފައިވެއެވެ. ނަމަވެސް ޖެހި ލަނޑުގެ ތަފާތުން އީރާން އޮތީ ބެލްޖިއަމްގެ ކުރީގައެވެ. ނިއުޒީލެންޑް އޮތީ އެންމެ ޕޮއިންޓަކާއެކު ގްރޫޕްގެ ފުލުގައެވެ.

ކިޔުންތެރިންގެ ހިޔާލު