ENGLISH
26 ޖޫން 2026
ވޯލްޑް ކަޕުން ކެޓުމާއެކު ޝިކް ޤައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
26 ޖޫން 2026
|
ޗެކިއާގެ ފޯވާޑް ޕެޓްރިކް ޝިކް ---
އެންމެ މަޤްބޫލު
ޗެކިއާގެ ފޯވާޑް ޕެޓްރިކް ޝިކް، ބައިނަލްއަގުވާމީ ފުޓްބޯޅަ ކުޅުން ހުއްޓާލިކަން އިއުލާންކޮށްފިއެވެ. އޭނާ މި ނިންމުން ހާމަކުރީ ފީފާ ވޯލްޑް ކަޕް 2026 އިން އެ ޤައުމު ކަޓައިގެން ދިޔަތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.
އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ޖަރުމަނުގެ ބަޔާ ލެވަކޫސަންއަށް ކުޅެމުން އަންނަ އުމުރުން 30 އަހަރުގެ ޝިކް ބުނީ، އޭނާގެ ޤައުމީ ޓީމުގެ ސަފުހާ މިއަދު ނިމުމަކަށް އައީ ކަމަށެވެ.
ޝިކް ޤައުމީ ޓީމަށް ފުރަތަމަ ކުޅެފައިވަނީ 2016 ވަނަ އަހަރުގެ މެއި މަހު މޯލްޓާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގައެވެ. އޭނާ ވަނީ ޤައުމީ ޓީމަށް 56 މެޗު ކުޅެދީ، ޖުމްލަ 26 ލަނޑު ކާމިޔާބުކޮށްފައެވެ. ޤައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ލަނޑެއް ޖެހި ނަމަވެސް، އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ކުރިއަށްދާ ވޯލްޑް ކަޕުގައި އޭނާއަށް ލަނޑެއް ކާމިޔާބެއް ނުކުރެވުނެވެ.
ގްރޫޕް އޭގެ ފަހު މެޗުގައި މެކްސިކޯއާ ދެކޮޅަށް ޝިކް ކުޅެން އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ. އެ މެޗުން 3-0 ގެ ނަތީޖާއަކުން ބަލިވެ، ޗެކިއާ މުބާރާތުން ކެޓީ ގްރޫޕްގެ އެންމެ ފުލުގައި އޮވެ، އެންމެ ޕޮއިންޓަކާއެކުގައެވެ.
"އަހަންނަށް ގައުމީ ޓީމުގެ ޖާޒީގައި ހޯދުނު ކާމިޔާބީތަކާމެދު ފަޚުރުވެރިވޭ،" ޝިކް ބުންޏެވެ. "ނަމަވެސް ހަމައެއާއެކު، ފާއިތުވި އަހަރުތަކުގައި ފެނިގެންދިޔަ މިންވަރަށްވުރެ މާ ބޮޑެތި ކުރިއެރުންތަކެއް ޗެކް ފުޓްބޯޅައަށް ހޯދޭނެކަމުގެ އިހުސާސް ކުރެވޭ."
ޝިކް ވަނީ އެންމެ ފަހުން ބޭއްވި ދެ ޔޫރޯ މުބާރާތުގައިވެސް ކުޅެފައެވެ. 2020 ވަނަ އަހަރުގެ ޔޫރޯގައި އޭނާ ވަނީ ފަސް ލަނޑު ޖަހައިގެން، ޕޯޗުގަލްގެ މަޝްހޫރު ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯއާ އެއްވަރަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ކުރި ހޯދާފައެވެ.
ޝިކްގެ އެންމެ ފާހަގަކޮށްލެވޭ އެއް ލަނޑަކީ ޔޫރޯ 2020 ގައި ސްކޮޓްލޭންޑް އަތުން 2-0 އިން މޮޅުވި މެޗުގައި ޖެހި ދެވަނަ ލަނޑެވެ. ދަނޑުގެ މެދު ރޮނގު ކައިރިން، ގޯލްކީޕަރު ކުރިއަށް ނިކުމެ ހުރިތަން ބަލާފައި އޭނާ ފޮނުވާލި ދުރު ހަމަލާ ގޯލުގެ ތެރެއަށް ވަނީ ވަރަށް ރީތި ކާވްއަކާއެކުގައެވެ. އެ މުބާރާތުގައި ޗެކިއާ ވަނީ ކުއާޓާ ފައިނަލާ ހަމައަށް ދަތުރުކޮށްފައެވެ.