ENGLISH

21 އޭޕްރީލު 2025

Advertisement

ކޯޓު އަމުރެއްގެ ދަށުން ފަޒީލްގެ ފޯނު ހިފަހައްޓައިފި

25 ޑިސެމްބަރު 2024

|

ހަސަން އާމިރު

ބިންވެރިޔާ ސްކީމުގެ އުސޫލުން ބޭރުން ހުޅުމާލެ އިން ބިން ހޯދި ކަމަށް ބުނާ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ފަޒީލް ރަޝީދުގެ ފޯނު ކޯޓު އަމުރެއްގެ ދަށުން ފުލުހުން މިރޭ ހިފަހައްޓައިފި އެވެ.

މީޑިއާތަކަށް ފުލުހުން ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ފަޒީލްގެ ފޯނު ހިފެހެއްޓީ ބިން ވެރިޔާ ހައުސިން ސްކީމްއާ ގުޅުންހުރި މައްސަލައެއްގައި ކަމަށެވެ. 

އުސޫލުންތަކުން ބޭރުން، ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވަނީސް ފަޒީލް އަށް ހުޅުމާލެ އިން ބިމެއް ލިބިފައިވާ މައްސަލައިގެ ތަހުޤީޤު ފުލުހުން ފެށި އިރު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވީ ފަޒީލްގެ ކޮއްކޮ އިބްރާހިމް ފަޒުލް ރަޝީދެވެ. 

މި މައްސަލަތައް ފަޅާއެރުމާ އެކު ފަޒުލް އާއި ފަޒީލް ވަނީ އެ މީހުން ތިއްބެވި މަޤާމުތަކުން ސަސްޕެންޑްކޮށްފަ އެވެ. އަދި ފަހުން ފަޒުލް ވަނީ، މިނިވަންކަމާ އެކު ތަހުޤީޤު ކުރިއަށް ގެންދިއުމަށް ޖާގަ ދިނުމުގެ ގޮތުން އެޗްޑީސީގެ އެމްޑީގެ މަޤާމުން އިސްތިޢުފާ ދެއްވައިފަ އެވެ. 

ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ، ފަޒުލް ދިރިއުޅުއްވާ ގެ ބަލައި ފާސްކޮށް ބައެއް ތަކެތި ގެންގޮސްފައެވެ.

ބިންވެރިޔާ ސްކީމަށް ޝަރުތު ހަމަނުވާ ބަޔަކަށް ހުޅުމާލެއިން ބިންތަކެއް ދިން ކަމަށް ބުނާ މައްސަލައިގެ އިތުރުން ވިނަރެސް ފްލެޓް ދިނުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގި ކަމަށް ތުހުމަތު ކުރާ މައްސަލަ އާއި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓު ދިނުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ތުހުމަތުކުރެވޭ މައްސަލަ ފުލުހުންނާއި އޭސީސީން ވެސް އަންނަނީ ތަހުގީގުކުރަމުންނެވެ. އެ މައްސަލަތައް ތަހުޤީޤު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ވެސް ވަނީ އަމުރުކުރައްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު