ENGLISH
21 ޖުލައި 2026
ސްކްރީން ދޫކޮށްލައި އަމިއްލަ މަސައްކަތްތަކުގައި ޝާމިލްވުމުން ލިބުނު ބޮޑު އުފާ
26 ޖޫން 2026
|
ހެލީ ތައްޔާރުކޮށްފައިވާ ޕްލޭ ހައުސްގައި އޭނާއާއި އޭނާގެ ދަރިފުޅު-- ފޮޓޯ: ބީބީސީ
އެންމެ މަޤްބޫލު
ފޯނާއި ޓެކްނޮލޮޖީގެ ވަސީލަތްތަކަށް ހުސްކުރާ ވަގުތު މަދުކޮށް، އަމިއްލަ އަތުން ތަކެތި ތައްޔާރުކުރުމަށް އިސްކަންދިނުމަކީ ދަރިންނާ އޮންނަ ގުޅުން ބަދަހިކުރުމަށް ލިބުނު އެންމެ ބޮޑު ހިތްވަރެއްކަމަށް ދެ ކުދިންގެ މަންމައެއް ކަމަށްވާ ހޭލީ އޮރޮކް ބުނެފިއެވެ.
ޕީޕަލް މެގަޒިންއަށް ދިން އިންޓަވިއުއެއްގައި ހޭލީ ބުނީ، ފޯނުގައި ހޭދަކުރާ ވަގުތުތައް މަދު ކުރުމަށްފަހު، އެ ވަގުތުތައް ކުދިންނާއެކު އަމިއްލަ މަސައްކަތްތަކުގައި ހޭދަކުރަން ފެށުމަކީ އޭނާގެ ހަޔާތުގައި ނިންމި އެންމެ ރަނގަޅު ނިންމުން ކަމަށެވެ.
ހޭލީ ވަނީ މީގެ ތިން އަހަރު ކުރިން، އޭނާގެ ގޭގެ ގޯތިތެރޭގައި ކުޑަކުދިން ކުޅޭނެ " ޕްލޭ ހައުސް ވިލެޖް" އެއް ހެދުމުގެ މަސައްކަތް ފަށާފައެވެ. ހޭލީ ބުނީ އެ މަސައްކަތް އޭނާ ފެށީ ވަރަށް ބޮޑު އުއްމީދާއެކު ކަމަށެވެ.
ކުރިން މެޑިކޯ ލީގަލް ޑެތު އިންވެސްޓިގޭޓަރެއްގެ ވަޒީފާ އަދާކުރި ހޭލީ، ވަޒީފާއިން ވަކިވީ އޭނާގެ ދަރިފުޅަށް ބަނޑުބޮޑުވުމާ ގުޅިގެންނެވެ. ދަރިފުޅަށް ދިމާވި ސިއްހީ ބައެއް މައްސަލަތަކުގެ ސަބަބުން ވަޒީފާއަށް ދިއުމަށް ހޭލީ އަށް ދަތިވިއެވެ. އެހެންކަމުން މި ހުސްވަގުތުތަކުގައި އޭނާ އިސްކަންދިނީ އޭނާގެ އުފެއްދުންތެރިކަން ބޭނުންކޮށްގެން ކުދިންނަށް އުފާވެރި މާހައުލެއް ބިނާކުރުމަށެވެ.
ޕްލޭ ހައުސްގައި ހޭލީގެ ދަރިފުޅު ފޮތް ކިޔަނީ-- ފޮޓޯ: ބީބީސީ
އިންސްޓަގްރާމްގައި "bonesandbuilds" ގެ ނަމުގައި އޭނާ ހިންގާ ޕޭޖުން ފެންނަނީ ބޭނުންކޮށްފައި ހުންނަ ބައު ކުޅޭގެތައް ހޯދައިގެން، އޭގައި ކުލަލައި އާބާތުރަ ފިލުވައިގެން ހިތްގައިމު ތަންތަނަށް ބަދަލުކުރާ މަންޒަރެވެ. ހޭލީ ބުނި ގޮތުގައި މި މަސައްކަތުގެ ތެރެއިން އޭނާގެ ކުޑައިރުގެ ހަނދާންތައް އާވެ، ކުދިންގެ ޚިޔާލީ ދުނިޔެއާ އޭނާއަށް ގުޅިލާމެހެވޭ ކަމަށެވެ.
ހޭލީ ބުނީ، އޭނާގެ މަސައްކަތަކީ ހަމައެކަނި ކުދިންނަށްޓަކައި ކުރާ ކަމެއް ނޫން ކަމަށާއި ، އެއީ އެންމެންނަށް އެކުގައި ކުރުމަށް ލިބޭ ވަރަށް ބޮޑު ތަޖުރިބާއެއް ކަމަށެވެ. އިތުރަށް ހޭލީ ބުނީ މިއީ އަގުބޮޑު މަރާމާތުތަކެއް ކުރުމަށްވުރެ ބޮޑަށް، ގޭތެރޭގައި އަމިއްލަ އުފެއްދުންތެރިކަން އިތުރުކުރުމަށް އެހެން މީހުންނަށް ދޭ ހިތްވަރެއް ކަމަށެވެ.
މި މަސައްކަތުގެ ސަބަބުން ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، ގިނަ ބަޔަކު ދަނީ ހޭލީގެ މި މަސައްކަތުން ހިތްވަރު ލިބިގެން، ސްކްރީންތަކާ ދުރުވެ އަމިއްލަ އަތުން ކަންކަން ކުރުމުގެ އާދަ އަލުން އަށަގަންނުވަމުންނެވެ. ހޭލީ ބުނާ ގޮތުގައި މި "ޕްލޭ ހައުސް ވިލެޖް" އަކީ ދުވަހަކުވެސް ނިންމާލާނެ މަޝްރޫއެއް ނޫނެވެ. ސަބަބަކީ އެތަނުން ލިބޭ އުފަލާއި ކުދިންނާއެކު ކުރެވޭ ހަނދާންތަކަކީ އަބަދުވެސް ދިރިދިރި ހުންނާނެ ކަމަކަށް ވާތީއެވެ.