ENGLISH

21 ޖުލައި 2026

Advertisement

ވަޓްސްއެޕްގެ އެންމެ އިސްވެރިޔަކަށް އިންޑިއާގެ މަޝްހޫރު ވިޔަފާވެރިޔާ ކުނާލް ޝާހް

26 ޖޫން 2026

|

އާމިނަތު ނުޒްލާ

ކުނާލް ޝާހް-- ފޮޓޯ:ބީބީސީ

ދުނިޔޭގައި އެންމެ މަގުބޫލު އެއް މުވާސަލާތީ އެޕްލިކޭޝަން ކަމަށްވާ ވޯޓްސްއެޕް ހިންގުމާ، އިންޑިއާގެ ފިންޓެކް ކުންފުނި 'ކްރެޑް' ގެ ބާނީ ކުނާލް ޝާހްއާ ހަވާލުކޮށްފިއެވެ. މިއީ އިންޑިއާގެ ފަންނީ މާހިރަކު، ދުނިޔޭގެ ފެންވަރުގެ މިފަދަ ބޮޑު ކުންފުންޏެއްގެ އެންމެ އިސް މަގާމަށް އައްޔަންކުރި ފުރަތަމަ ފަހަރެވެ.

މެޓާ ކުންފުނިން ކުނާލް ޝާހް މި މަގާމަށް އައްޔަންކޮށްފައިވަނީ، މެޓާއިން 'ކްރެޑް' ކުންފުންޏަށް 900 މިލިއަން ޑޮލަރުގެ އިންވެސްޓްމަންޓެއް ކުރިކަން އިއުލާންކުރުމާ ގުޅިގެންނެވެ. މި އިންވެސްޓްމަންޓާއެކު ކްރެޑްގެ އަގު މިހާރު ވަނީ 4.5 ބިލިއަން ޑޮލަރަށް އަރާފައެވެ.

ކުނާލް ޝާހަކީ އިންޑިއާގެ ސްޓާޓަޕް ދާއިރާގައި ވަރަށް ބޮޑު އިތުބާރެއް ހޯދާފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ފުރަތަމަ މަގުބޫލުކަން ހޯދީ 2010 ވަނަ އަހަރު އުފެއްދި 'ފްރީޗާޖް' އިންނެވެ. އޭގެ ފަހުން 2018 ގައި އުފެއްދި 'ކްރެޑް' އަކީ، ކްރެޑިޓް ކާޑު ބިލް ދައްކާ ފަރާތްތަކަށް އަގު ބޮޑު އިނާމު ލިބޭ ގޮތަށް ފަރުމާކޮށްފައިވާ ކާމިޔާބު ޕްލެޓްފޯމެކެވެ.

މުމްބާއީއަށް އުފަން ކުނާލް ޝާހަކީ ފަލްސަފާގެ ދާއިރާއިން ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އާއިލީ ވިޔަފާރިއަށް ދިމާވި މާލީ ދަތިތަކާ ގުޅިގެން، ކިޔަވަމުން އެކި ކަހަލަ ވަޒީފާތައް އަދާކޮށް، އަމިއްލަ މަސައްކަތުން ކުރިއަށް ވަޑައިގެންނެވި ބޭފުޅެކެވެ.

މެޓާގެ ސީ.އީ.އޯ މާކް ޒަކަބާގް ވިދާޅުވީ، ކުނާލް ޝާހް ހޮވީ އޭނާގެ ކަންކަން އުފެއްދުމުގެ ގާބިލުކަމާއި ދުނިޔެއަށް ހުޅުވިފައިވާ ތަސައްވުރެއް އޮތުމުންނެވެ. ވަޓްސްއެޕުން މިހާރު އަމާޒު ހިފާފައިވަނީ ހަމައެކަނި މެސެޖު ކުރާ އެޕެއްގެ ބަދަލުގައި، ފައިސާ ފޮނުވުމާއި، ވިޔަފާރި މުއާމަލާތްތަކާއި، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރާ ވަސީލަތަކަށް އެޕްލިކޭޝަން ބަދަލުކުރުމަށެވެ.

ތިން ބިލިއަނަށްވުރެ ގިނަ މީހުން ބޭނުންކުރާ ވަޓްސްއެޕްގެ އެންމެ ބޮޑު މާކެޓަކީ އިންޑިއާއެވެ. ކުނާލް ޝާހްގެ ތަޖުރިބާގެ އެހީގައި، ވަޓްސްއެޕްގެ ވިޔަފާރި އިތުރަށް ފުޅާކުރުމަކީ މެޓާގެ މައިގަނޑު މަގްސަދެވެ. މިއީ ދުނިޔޭގެ ޓެކްނޮލޮޖީ ދާއިރާގައި އިންޑިއާގެ ބާނީންނަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި މާހިރުން ސިފަކުރެއެވެ.

 

ކިޔުންތެރިންގެ ހިޔާލު