ENGLISH
26 ޖޫން 2026
ޕޭޕަލް ގެނެވުނީ ސަރުކާރުން އިސްވެކުރި ބުރަ މަސައްކަތުން؛ ރައީސްގެ ޚާއްސަ ޝުކުރު އުރީދޫއަށް
26 ޖޫން 2026
|
ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ޕްލެޓްފޯމް ކަމަށްވާ ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފުކުރުން --
އެންމެ މަޤްބޫލު
ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ޕްލެޓްފޯމް ކަމަށްވާ ޕޭޕަލްގެ ޚިދުމަތް ރާއްޖެއަށް ތަޢާރަފުކުރެވުނީ ސަރުކާރުން އިސްވެ ކުރި ބުރަ މަސައްކަތުން ކަމަށާ އެ ކަމުގައި އުރީދޫ މޯލްޑިވްސް އިން ދިން ޚާއްސަ އިސްކަމާއި އެހީތެރިކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފާހަގަ ކުރައްވައިފި އެވެ.
ސިލްސިލާ ޕޮޑްކާސްޓް "ނޭޝަން ޗެޓް"ގެ ދެވަނަ އެޕިސޯޑްގައި މިރޭ ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ބައިނަލްއަޤްވާމީ މިފަދަ ޕްލެޓްފޯމްތަކާއި ސީދާ ސަރުކާރުން މުޢާމަލާތްކުރުމުން އެއީ ކުރާ ކަންކަމެއް ނޫން ކަމަށް ދެކެވުނު ނަމަވެސް އެމަނިކުފާނުގެ ވިސްނުންފުޅަކީ އެއީ ނޫން ކަމަށެވެ.
ރާއްޖޭގައި ބްރިޖެއް ނޭޅޭނެއޭ ބުނި ބަޔަކުވެސް އުޅުނުކަން ފާހަގަކޮށް ރައީސް ވިދާޅުވީ ސަރުކާރުގެ އެންމެ ކުރީކޮޅު ޕޭޕަލްއާ ވާާހަކަ ދައްކާ އެ ޚިދުމަތް ތަޢާރަފު ކުރެވޭނެ މަގެއް ހޯދުމަށް އެކަމުގެ މައުލޫމާތު ހޯދާ ސަރުކާރުން ފަހިކޮށްދޭން ޖެހޭ ކަންކަން ބެއްލެވި ކަމަށެވެ. އެގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަން ފާހަގަ ކުރެއްވި އެވެ.
އަދި ސަރުކާރުން ފަހިކޮށްދޭންޖެހޭ ހުރިހާ ކަމެއް ފަހިކޮށް ދެއްވިކަން ފާހަގަ ކުރެއްވި އެވެ. ލޯކަލް ޕަރޓްނަރެއް ޚިޔާރުކުރީ ޕޭޕަލް އިންކަން ފާހަގަކޮށް ރައީސް ވިދާޅުވީ މި ޚިދުމަތް ރާއްޖެ ގެނައުމަށް އުރީދޫން ކުރީ ތަޢުރީފު ޙައްޤު މަސައްކަތްތަކެއް ކަމަށެވެ.
"އުރީދޫއިން ވަރަށް ވަރަށް ބޮޑު ކޮމިޓްމަންޓެއް ދިން. އަބަދުވެސް އަޅުގަނޑު އެކަން ފާހަގަކުރާން,"
ރައީސް މިރޭ ވިދާޅުވީ ޕޭޕަލްގެ ތެރެއިން އިތުރު ކަންތައްތައް ފަހިކޮށް ދިނުން މަސައްކަތް ކުރަމުން ގެންދަވާ ކަމަށެވެ.
"މިއީ ފެށުމެއް. މިއާއެކު އިތުރު ޚިދުމަތްތައް ގެނައުމާއި އަދި ޕޭޕަލްގެ ތެރެއިން އިތުރު ކަންތައްތައް ފަހިކޮށް ދިނުން ކުރިއަށް އޮތީ. ޑިޖިޓަލް އިކޮނޮމީއެއް ޤާއިމުކުރުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު ވަޢުދެއް," ރައީސް މިރޭ ވިދާޅުވި އެވެ.
ދިގު އިންތިޒާރަށް ފަހު، ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ޕޭމަންޓް ޕްލެޓްފޯމް ކަމަށްވާ ޕޭޕަލްގެ ހިދުމަތް ރާއްޖެއަށް ތައާރަފުކުރީ އުރީދޫ އާއި އެމްފައިސާ ގުޅިގެންނެވެ.
އުރީދޫ އާއި ޕޭޕަލްއާ ދެމެދު މިދިޔަ އޮކްޓޯބަރު މަހު ވަނީ ރަސްމީކޮށް ޕާޓްނާޝިޕް ގާއިމްކޮށްފަ އެވެ. މި ހިދުމަތް ބޭނުންކުރެވޭނީ އުރީދޫގެ 'އެމްފައިސާ' ވޮލެޓް ޕޭޕަލްއާ ލިންކު ކޮށްގެންނެވެ. މީގެ އިތުރުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވެސް ވަނީ ޕޭޕަލް މެދުވެރިކޮށް ރާއްޖެއަށް ފައިސާ ގެނައުމުގެ ނުވަތަ "އިންވާޑް ރެމިޓެންސް" ގެ ހުއްދަ އުރީދޫ ފިންޓެކްއަށް މިދިޔަ އަހަރުގެ ފަހުކޮޅު ދީފައެވެ.
މި ހިދުމަތް ރަސްމީކޮށް ފެށުމާއެކު، ރާއްޖޭގެ ޑިޖިޓަލް އިގުތިސާދު އާ އުސްމިންތަކަކަށް ދަތުރުކޮށް، ބޭރުގެ ޕްލެޓްފޯމްތަކުގައި މަސައްކަތްކުރާ ދިވެހިންނަށް އެކަމުގެ ފައިދާ ސީދާ ގޮތެއްގައި ލިބެން ފަށާނެއެވެ.
މިއީ ޑިޖިޓަލް ޓެކްނޮލޮޖީގެ ދާއިރާއިން ރާއްޖޭގެ އިގްތިސާދަށް ތަރައްގީ ގެނައުމަށް ކުރަމުންދާ މަސައްކަތުގެ މައިގަނޑު އެއް ލަނޑުދަނޑި ހާސިލުވުންކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.