ENGLISH

24 ޖޫން 2026

Advertisement

މާލީ ވަޒީރަށް މަޖިލީހުން ރުހުން ދީފި

24 ޖޫން 2026

|

އައިމިނަތު ޝަފާ

މާލީ ވަޒީރުކަމަށް ހަސަން ޒަރީރު އައްޔަންކުރެއްވުން، ފޮޓޯ: ރައީސް އޮފީސް

މާލީ ވަޒީރުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އައްޔަންކުރައްވާފައިވާ ހަސަން ޒަރީރަށް ރުހުންދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

ޤާނޫނުއަސާސީގައި ބަޔާންކުރާ ގޮތުން ވަޒީރުކަމަށް ބޭފުޅަކު އައްޔަންކުރެއްވުމަށްފަހު އެ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވަން ރައީސަށް ލާޒިމުވާނެއެވެ. ވަޒީރުގެ ފުރިހަމަ ބާރުވެރިކަން އެ ބޭފުޅަކަށް ލިބިވަޑައިގަންނަވަނީ މަޖިލީހުން ރުހުންދިނުމުންނެވެ. 

ޒަރީރުގެ ނަންފުޅަށް ރުހުން ހޯއްދެވުމަށް ރައީސް މަޖިލީހަށް ފޮނުއްވުމުން އޭނާއަށް ރުހުންދިނުމާމެދު ގޮތެއް ނިންމުމުގެ ކުރިން ނަންފުޅު ދިރާސާކުރުމަށް މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވިއެވެ. އެ ކޮމިޓީން މައްސަލަ ދިރާސާކުރުމަށްފަހު ޒަރީރަށް ރުހުން ދިނުމަށް ނިންމީ ކޮމިޓީގައި ބައިވެރިވަވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. 

ކޮމިޓީން މިގޮތަށް ފާސްކޮށް، މަޖިލީހުގެ ތަޅުމަށް ހުށަހެޅުއްވުމުން މަޖިލީހުން މާލީ ވަޒީރަށް ރުހުން ދޭން ފާސްކުރީ ޖަލްސާގައި ވޯޓުދެއްވި 49 މެންބަރުންގެ އިއްތިފާގުންނެވެ.

އައު މާލީ ވަޒީރަކީ އެކައުންޓިންގެ ދާއިރާއިން ފުރަތަމަ ޑިގުރީ ހާސިލުކުރެއްވުމަށްފައހު ފައިނޭންސްގެ ދާއިރާއިން މާސްޓާ އޮފް ފައިނޭންސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ތައުލީމު ހާސިލުކުރެއްވީ މެލޭޝިޔާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީގައެވެ. 

ފުރަތަމަ ޑިގުރީގައި އެކްސެލެންޓް އެވޯޑު ހާސިލުކުރެއްވުމުގެ އިތުރަށް ޒަރީރުވަނީ ޑީންސް ލިސްޓުގައި ހިމެނިވަޑައިގަތުމާއެކު، މާސްޓާސްގައި އެންމެ ރަނގަޅު ދަރިވަރުގެ މަގާމު ހާސިލުކުރައްވާފައިވެއެވެ. 

އިނގިރޭސިވިލާތުގެ ޗާޓާޑް އިސްޓިޓޫޓްގެ މެނޭޖުމެންޓު އެކައުންޓެންޓްސްއިން އޭނާއަށް ޗާޓާޑް މެނޭޖްމެންޓު އެކައުންޓެންޓުގެ މަގާމު އަދި އޮސްޓްރޭލިއާގެ ސީޕީއޭއން ސަޓިފައިޑް ޕްރެކްޓިސިން އެކައުންޓެންޓުކަންވެސް އޭނާއަށް ލިބިވަޑައިގެންފަައިވެއެވެ. 

މީގެ ކުރިން އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަނުގެ އިތުރަށް ބޭންކް އޮފް މޯލްޑިވްސްގެ ޗެއާޕާސަންކަމާއި، ވިލާ ޝިޕިން އެންޑް ޓްރޭޑިން ކޮމްޕެނީގެ ޑިރެކްޓާ އޮފް ފައިނޭންސްގެ މަގާމުވެސް އަދާކުރެއްވިއެވެ. އަދި އޯގަސްޓު 2010 އިން ފެށިގެން ސެޕްޓެންބަރު 2019 ވަނައާ ދެމެދުގައ ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްްސޭޝަންގެ މަގާމު އަދާކުރެއްވިއެވެ. 

އޭގެ ކުރިން ފިނޭންސް މިނިސްޓްރީގެ ޗީފް ޕަބްލިކް އެކައުންޓްސް އެގްޒެކެޓިވް އަދި އޮޕަރޭޝަންސް މެނޭޖާ ޕަބްލިކް ފައިނޭންސް ރިފޯމް ޕްރޮޖެކްޓުގެ މަގާމު 2007 ވަނަ އަހަރުން ފެށިގެން 2010 ވަނަ އަހަރުގެ ނިޔަލަށް އަދާކުރެއްވިއެވެ. 

ކިޔުންތެރިންގެ ހިޔާލު