ENGLISH

24 ޖޫން 2026

Advertisement

ފާމަސީތަކުގެ ސްޓޮކް ގުނިޔަސް ކުރިއެކޭ އެއްގޮތަށް ބޭސް ލިބޭ: ސްޓޭޓް ފާމާ

24 ޖޫން 2026

|

އައިމިނަތު ޝަފާ

ބޭސްފިހާރައެއް.

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ހިންގަމުން އައި ފާމަސީތައް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓްފާމާ) އަށް ބަދަލުކުރުމުގެ ގޮތުން އެ ފާމަސީތަކުގައި ހުރި ސްޓޮކް ގުނިޔަސް ކުރިއެކޭވެސް އެއްގޮތަށް ބޭސް ލިބުމުގައި އެއްވެސް ދަތިކަމެއް ނާންނާނެކަމަށް އެކުންފުނިން ބުނެފިއެވެ. 

ފާމަސީތައް ސްޓޭޓްފާމާގެ ދަށަށް ބަދަލުކުރުމުގެ ގޮތުން އެސްޓީއޯއިން ހިންގަމުން އައި ފާސަމީތައް ތިން ދުވަހަށް ބަންދު ކުރަން ނިންމާފައިވާކަން އެކުންފުނިން ހާމަކުރީ ރޭގެ ވަގުތެއްގައެވެ.

އެސްޓީއޯ ހެލްތް ކެއާ އިން ހިންގާ ފާމަސީތައް ތިން ދުވަހަށް ބަންދުކުރުމަށް ނިންމުމާއި ގުޅޭގޮތުން އެ ކުންފުނިންރޭ ބުނީ އެސްޓީއޯގެ ދަށުން ހިންގަމުން އައި ފާމަސީތައް ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައިސް ކޯޕަރޭޝަން ލިމިޑެޓްގެ ދަށަށް ބަދަލުކުރަން މި މަހުގެ 24 އާއި 25 އަދި 26 ވަނަ ދުވަހު އެ ފާމަސީތަކުގައި ހުރި އިންވެންޓްރީ ކައުންޓް ކުރިއަށް ގެންދަން ފާމަސީތައް ބަންދުވާނެ ކަމަށެވެ.

ނަމަވެސް އިމަޖެންސީ ހާލަތުގައި  ބޭސް ލިބޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

މިކަމާ ގުޅޭގޮތުން "އެމްއެމްޓީވީ" އަށް މައުލޫމާތު ދެއްވަމުން ސްޓޭޓްފާމާގެ މެނޭޖިން ޑިރެކްޓަރު ޑރ. ޝާހު މާހިރު ވިދާޅުވީ ސްޓޮކް ގުނުމުގެ މަސައްކަތް ކުރިއަށްދާއިރު ހިދުމަތްދިނުމުގައި ކުޑަ ލަސްކަމެއް ދިމާވިނަމަވެސް ހިދުމަތް މެދުނުކެނޑި ކުރިއަށްދާނެކަމަށެވެ. 

" މިހާރު ހަމަ ކޮންމެ ރަށަކުން ވެސް ލިބެންޖެހޭ ބޭހެއް އެސްޓީއޯ ފާމަސީތަކުން ލިބޭނެގޮތަކަށް އަޅުގަނޑުމެން ކުރިއަށްގެންދާނީ، އިމަޖެންސީ ބޭސް ވެސް ލިބޭނެކަމަށް ދެއްތޯ އެސްޓީއޯއިން ބުނީ، ސިޓީގައި އިންނަ ކޮންމެ ބޭހަކީވެސް މުހިންމު ބޭހެއް، އެހެންވީމަ ބޭސް ލިބުމުގައި ތާށިކަމެއް ނާންނާނެހެން ސްޓޮކް ގުނުމާއި ފާމަސީތައް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްމި ގެންދަނީ،". ޝާހު ވިދާޅުވިއެވެ. 

އެސްޓީއޯއިން ހިންގަމުން އައި ފާމަސީތައް ޖުލައި ފުރަތަމަ ދުވަހުން ފެށިގެން ސްޓޭޓްފާމާގެ ދަށަށް ބަދަލުކޮށް ހިދުމަތްދޭން ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެސް ޝާހު ވިދާޅުވިއެވެ. 

ރައްޔިތުންނަށް ފަސޭހައިން ބޭސް ލިބުމުގެ އިންތިޒާމުތައް ފަސޭހަކޮށްދިނުމަށްޓަކައި ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑްގެ ނަމުގައި މި ކުންފުނި އުފައްދާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ. ކުންފުނި އުފެއްދުމުގެ މައިގަނޑު މަގްސަދަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސްގެ އިތުރުން މެޑިކަލް އިކުއިޕްމަންޓްތައް ގަނޑުކޮށް ގަނެ، ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމެވެ. އަދި މިތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުމަކީ ވެސް މި ކުންފުނީގެ މަސައްކަތެކެވެ. 

ކިޔުންތެރިންގެ ހިޔާލު