ENGLISH
21 އޭޕްރީލު 2025
މާލޭގެ އެންމެ ކާރޫބާރޫ ބޮޑު ސަރަހައްދުތަކުން 150 ސައިކަލް ޓޯވކޮށްފި
25 ޑިސެމްބަރު 2024
|
ފުލުހުން މާލެ މަގުމަތީގައި ހަރަކާތްތެރިވަނީ
މަގުތައް ތަރުތީބުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 150 ސައިކަލެއް މާލޭގެ ކާރުބާރު ބޮޑު މަގުތަކުން ޓޯކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މާލޭގެ މަގުތަކުގައި ތޮއްޖެހުން ކުޑަކުރުމަށްޓަކައި ޤަވައިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް ޓޯވކުރުމުގެ މަސައްކަތް ފުލުހުން ފައްޓަވައިފައިވަނީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުއެވެ.
ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ޓޯވ ކުރަން ފަށާފައިވަނީ، ބޮޑުތަކުރުފާނު މަގު، އަމީނީ މަގު، މަޖީދީ މަގު، އޯކިޑް މަގު، އަމީރު އަޙްމަދު މަގު އަދި ސޯސަން މަގުގެ އިތުރުން، އައިޖީއެމްއެޗް އަދި ވިލިމާލެ ފެރީ ޓާމިނަލް ސަރަހައްދުން ކަމަށް ދިވެހި ފުލުހުންގެ ޙިދުމަތުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ ދަތުރުފަތުރަށާއި ޕަބްލިކް ޓްރާންސްޕޯރޓަށް ދަތިވާގޮތަށް ޤަވަޢިދާ ޚިލާފަށް ޕާކުކޮށްފައި ހުންނަ އުޅަނދުތައް މި އޮޕަރޭޝަންގެ ދަށުން ޓޯވކުރާނެކަމަށާ އަދި މިހާތަނަށް ޖުމްލަ 159 އުޅަނދު ޓޯވް ކޮށްފައިވާ ކަމަށެވެ. ޓޯވްކޮށްފައި ވަނީ މުޅިން ވެސް ސައިކަލް ކަމަށް ފުލުހުން ވިދާޅުވިއެވެ.
ޓޯވކުރާ އުޅަނދުތައް އަނބުރާ ގެންދިއުމަށް ވެރިފަރާތަށް 7 ދުވަހުގެ މުއްދަތެއް ދީ އެކަން އިޢުލާންކުރާ ކަމަށާ އަދި ދެ މަސް ދުވަސްތެރޭ އެ އުޅަނދުތައް ނުގެންގޮސްފިނަމަ، ރަޖިސްޓްރީ ބާޠިލުކުރުމަށް ދަތުރުފަތުރާބެހޭ ވުޒާރާއަށް ހުށަހަޅުއްވާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި ރަޖިސްޓްރޭޝަން ބާޠިލުކުރާ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ވެސް ކުރާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
މަގުތައް ތަރުތީބު ކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ޢާންމުންގެ ފަރާތުން އެއްބާރުލުން ދިނުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ. އަދި އެކަމުގައި ޢާންމުންގެ ފަރާތުން ލިބޭ އެހީތެރިކަމަށް ފުލުހުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.