ENGLISH

21 ޖުލައި 2026

Advertisement

ދުނިޔެއިން ނެތިދިއުމުގެ ބިރު އެންމެ ބޮޑުވެފައިވާ އޮރެންގްއޫޓާންގެ ހަތް އިންސައްތަ މަރުވެއްޖެ

14 ޖޫން 2026

އިންޑޮނޭޝިޔާގެ ސުމަޓްރާ އައިލެންޑަށް ކުރިމަތިވި ހަތަރު ދުވަހުގެ ގަދަ ވާރެއާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި، ދުނިޔެއިން ނެތިދިއުމުގެ ބިރު އެންމެ ބޮޑުވެފައިވާ އެއް ޖަނަވާރު ކަމަށްވާ ޓަޕަނޫލީ އޮރެންގްއޫޓާން (Tapanuli orangutans) ގެ އާބާދީގެ ބޮޑުބައެއް ނެތިގޮސްފައިވާ ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ.

މި ދިރާސާގައި ބަޔާންކޮށްފައިވާ ގޮތުގައި، މިދިޔަ ނޮވެމްބަރު މަހު ކުރިމަތިވި މޫސުމީ ކާރިސާގައި 58 އޮރެންގްއޫޓާން ވަނީ މަރުވެފައެވެ. މިއީ ޓަޕަނޫލީ އޮރެންގްއޫޓާން ބާވަތުގެ މުޅި އާބާދީގައި ހިމެނޭ 800 އެއްހާ ޖަނަވާރުގެ ތެރެއިން ގާތްގަނޑަކަށް ހަތް އިންސައްތައެވެ. ދިރާސާ ކުރި ފަރާތްތަކުން ބުނާ ގޮތުގައި މިއީ ވަރަށް ދަށް އަދަދެކެވެ. ސަބަބަކީ ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގަސްތަކަށް ލިބުނު ގެއްލުމާއި ކާނާ މަދުވުމުގެ ސަބަބުން މަރުވި ޖަނަވާރުތަކުގެ އަދަދު މީގައި ހިމަނާފައި ނުވާތީއެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ސުމަޓްރާއަށް އެރި "ސައިކްލޯން ސެންޔާ" އަކީ 2025 ވަނަ އަހަރު ދެކުނު އިރުމަތީ އޭޝިއާގައި ހިނގި އެންމެ ނުރައްކާތެރި ތަބީޢީ ކާރިސާއެވެ. މި ކާރިސާގައި 1,000 އަށްވުރެ ގިނަ މީހުން މަރުވިއެވެ. މި ތޫފާނަށްފަހު، އެ ސަރަހައްދުން ޓަޕަނޫލީ އޮރެންގްއޫޓާން ފެންނަ މިންވަރު ވަރަށް ބޮޑަށް މަދުވުމުން، އެ ސޫފިތައް ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ތެރޭގައި އޮޔާގޮސްފައިވާ ކަމަށް ބެލެވިފައެވެ.

ބްރޫނާއީގެ 'ބޯނިއޯ ފިއުޗާސް' ގެ މެނޭޖިންގ ޑިރެކްޓަރު ޕްރޮފެސަރ އެރިކް މެއިޖާޑް ވިދާޅުވި ގޮތުގައި، ތޫފާނަށްފަހު ފެނުނު މަރުވެފައިވާ އޮރެންގްއޫޓާންތަކުގެ ހަށިގަނޑުތަކަށް ބަލާއިރު، ބިންގަނޑު ކަނޑައިގެން ދިއުމުގެ ބާރުގަދަކަމުން އެސޫފިތަކަށް ސަލާމަތްވާނެ އެއްވެސް ފުރުސަތެއް ލިބިފައެއް ނުވެއެވެ. އަދި ބައެއް ޖަނަވާރުތަކުގެ މަސްގަނޑު މޫނުމަތިން ކަށިތަކާ ހަމައަށް ނެތިގޮސްފައިވާ ކަން އޭނާ ފާހަގަކޮށްފައިވެއެވެ.

ލިވަޕޫލް ޖޯން މޫރް ޔުނިވަރސިޓީގެ ޕްރޮފެސަރ ސަރްގޭ ވިޗް ވިދާޅުވީ، ކޮންމެ އަހަރަކު މި ޖަނަވާރުގެ އާބާދީގެ އެއް އިންސައްތައަށްވުރެ ގިނައިން މަރުވާނަމަ، މި ބާވަތުގެ ޖަނަވާރު މުޅިން ނެތިގެންދާނެ ކަމުގެ ބިރު އެބަ އޮތްކަމަށެވެ. އެހެންކަމުން އެއްފަހަރާ ހަތް އިންސައްތަ ނެތިދިއުމަކީ މި އާބާދީއަށް އުފުލޭވަރަށްވުރެ މާ ބޮޑު ގެއްލުމެއް ކަމަށްވެސް ސަރްގޭ ފާހަގަކޮށްފައިވެއެވެ.

މި ނުރައްކާތެރި ހާލަތާ ގުޅިގެން، އިންޑޮނޭޝިޔާ ސަރުކާރުން މިހާރު ވަނީ ސުމަޓްރާގެ ބަޓަންގް ޓޯރޫ ސަރަހައްދުގައި ކުރިއަށްގެންދާ މައިނިންގް އާއި ހައިޑްރޯޕަވަރު ފަދަ ބޮޑެތި މަޝްރޫޢުތައް ވަގުތީ ގޮތުން ހުއްޓާލާފައެވެ. މީގެ ބޭނުމަކީ މި ޖަނަވާރުތަކަށް ހުރި ނުރައްކާތައް އިތުރަށް ދިރާސާކުރުމެވެ.

މި ދިރާސާ ނިންމާލަމުން ސައިންސްވެރިން ބުނެފައިވަނީ، ޓަޕަނޫލީ އޮރެންގްއޫޓާންތައް ސަލާމަތްކުރުމަށްޓަކައި ބައިނަލްއަޤްވާމީ އެހީތެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކުރާ ރޭވުންތަކެއް ބޭނުންވާ ކަމަށެވެ. އެހެންނޫންނަމަ، މިއީ މި ޒަމާނުގައި ދުނިޔެއިން މުޅިން ނެތިގޮސްދާނެ ފުރަތަމަ 'ގްރޭޓް އޭޕް' (Great Ape) ބާވަތަށް ވެދާނެ ކަމަށެވެ.