ENGLISH

21 ޖުލައި 2026

Advertisement

ވަގަށް ނެގި އިންގްލެންޑް ޓީމުގެ ތަކެތީގެ އަގަކީ 18 ހާސް ޑޮލަރު

14 ޖޫން 2026

|

ސުވެއިދާ ހުސެއިން

އިންގްލެންޑް ޓީމުގެ ފަރިތަކުރުންތަކުގެ ތެރެއިން ---

ވަގަށް ނަގާފައިވާ އިންގްލެންޑް ޓީމުގެ މެޗުތަކުގައި ބޭނުންކުރާ ސާމާނުތަކުގެ އަގު 18 ހާސް އެމެރިކާ ޑޮލަރަށް އަރާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

މިތަކެތި ވަގަށް ނަގާފައިވަނީ ފްލޮރިޑާގައި އޮތް ޕްރީ-ޓޯނަމެންޓް ބޭސްއިން، މިސޫރީގެ ސްވޯޕް ސޮކަރ ވިލެޖުގައި ހުންނަ ފަރިތަކުރުންތައް ކުރިއަށްގެންދާ މަރުކަޒަށް އިންގްލެންޑް ޓީމުގެ ސާމާނުތައް އުފުލުމުގެ ތެރޭގައެވެ.

ޖެކްސަން ކައުންޓީގެ ޕްރޮސެކިއުޝަން އޮފީހުން ހާމަކުރި ގޮތުގައި، އިންގްލެންޑް ގައުމީ ޓީމުގެ ސާމާނު އުފުލި ވެހިކަލަކުން 18،000 އެމެރިކާ ޑޮލަރު (13،500 ޕައުންޑް) ގެ ތަކެތި ވަނީ ވަގަށް ނަގާފައެވެ.

މި ހާދިސާއާ ގުޅިގެން މުސްތަފާ ސާލިކް އަދި އިރްފާން ކަމާލް ކިޔާ ދެ މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ.

ވަގަށް ނެގި ތަކެތީގެ ތެރޭގައި ހަތަރު ޖޯޑު ފުޓްބޯޅަ ބޫޓާއި، ބޯޅައަކާއި، ގޯލްކީޕަރު އަންގީގެ އިތުރުން ތަމްރީނު ކިޓް ހިމެނެއެވެ. މީގެ އިތުރުން 15،000 ޑޮލަރުގެ އަގުހުރި، ސޮއިކޮށްފައިވާ ތިން ޖާޒީވެސް ވަނީ ވަގަށް ނަގާފައެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ވަގަށް ނެގި ތަކެތީގެ ބޮޑު ބައެއް މިހާރު ވަނީ އަނބުރާ ހޯދިފައެވެ.

ވަގަށް ނެގި ތަކެތީގެ ތަފުސީލީ ލިސްޓު:

  • ޖުމްލަ 1،340.60 ޑޮލަރުގެ އަގުހުރި ހަތަރު ޖޯޑު ބޫޓު
  • ޖުމްލަ 1،139.50 ޑޮލަރުގެ އަގުހުރި ފަސް ޖޯޑު ފައިވާން
  • 5،000 ޑޮލަރުގެ އަގުހުރި، ސޮއިކޮށްފައިވާ ރަތް ކުލައިގެ ޖާޒީއެއް
  • ކޮންމެ އެއްޗެއް 5،000 ޑޮލަރަށް މަގުކުރެވޭ، ސޮއިކޮށްފައިވާ ހުދު ކުލައިގެ ދެ ޖާޒީ
  • 214.50 ޑޮލަރުގެ އަގުހުރި ވޯލްޑް ކަޕް ބޯޅައެއް
  • 160.87 ޑޮލަރުގެ އަގުހުރި ގޯލްކީޕަރު އަންގި
  • ގަދަ ނޫކުލައިގެ ހަތަރު ގަމީސް 
  • ގަދަ ނޫކުލައިގެ ހަތަރު ސޯޓު 
  • މަޑު ނޫކުލައިގެ ދިގު އަތް ޖެހި ހަތަރު ގަމީސް
  • މަޑު ނޫކުލައިގެ ކުރު އަތް ޖެހި ހަތަރު ގަމީސް 
  • ސްޓަފްޑް ލަޔަންސް 
  • 40 ޑޮލަރުގެ އަގުހުރި މަލްޓިފަންކްޝަނަލް ޕަވަރ ސްޓްރިޕްތަކެއް
  • 149.95 ޑޮލަރުގެ އަގުހުރި ޖޭބީއެލް ސްޕީކަރެއް
  • 99.99 ޑޮލަރުގެ އަގުހުރި ނައިކީ އެއަރ ބޫޓެއްގެ ލެގޯ ސެޓެއް

މި މައްސަލައިގައި ހިމެނޭ ސާލިކް އަދި ކަމާލްގެ މައްޗަށް އުފުލާފައިވަނީ ވަގަށް ނަގާފައިވާ މުދާ ބެލެހެއްޓުމުގެ ދައުވާއެވެ. މިއީ މިސޫރީގެ ގާނޫނުތަކުގެ ދަށުން "ކްލާސް ޑީ" ދަރަޖައިގެ ޖިނާއީ ކުށެކެވެ. ކުށް ސާބިތުވެއްޖެނަމަ އެއް އަހަރާއި ހަތް އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ޖެކްސަން ކައުންޓީގެ ޕްރޮސެކިއުޓަރ މެލީސާ ޖޯންސަން ވިދާޅުވީ، ވޯލްޑް ކަޕަށް ޒިޔާރަތްކުރާ ފަރާތްތަކާއި، މުބާރާތުގައި ވާދަކުރުމަށް އައިސްތިބި ބައިނަލްއަގުވާމީ ޓީމުތަކަށް އަމާޒުކޮށް ހިންގާ އެއްވެސް ޖިނާއީ އަމަލަކަށް ޖެކްސަން ކައުންޓީން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި މި މައްސަލަ ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ތަހުގީގުކޮށް، ދައުވާ އުފުލިކަމަށްޓަކައި ކެންސަސް ސިޓީގެ ފުލުހުންނަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.

ކެންސަސް ސިޓީގެ މޭޔަރު ކުއިންޓަން ލޫކަސް ވިދާޅުވީ އެކި ސްޓޭޓުތަކަށް ފެތުރިފައިވާ މި ތަހުގީގު ކާމިޔާބުކަމާއެކު ނިންމައި، ގެއްލުނު މުދާ ހޯދައިދިނުމުގައި ފުލުހުން ކުރި މަސައްކަތަށްޓަކައި އުފާކުރާ ކަމަށެވެ. އަދި ކެންސަސް ސިޓީއަށް އަންނަ ހުރިހާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ކުށްކުރާ ފަރާތްތަކަށް އަވަސް ފިޔަވަޅު އަޅާނެކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު