ENGLISH

10 ޖޫން 2026

Advertisement

އަހަރުގެ މިހާތަނަށް ސްކޭމްގެ މައްސަލަތަކުގައި ގެއްލުނު ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދި

10 ޖޫން 2026

|

އާމިނަތު ނުޒްލާ

ސްކޭމް އެލާރޓް-- ފޮޓޯ: މަނީ މެނޭޖްމެންޓް

އަހަރުގެ މިހާތަނަށް ސްކޭމް މައްސަލަތަކުގައި ގެއްލުނު ތިން މިލިއަނަށްވުރެ ގިނަ ރުފިޔާ އަނބުރާ ހޯދާފައިވާކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނެފިއެވެ.

އެންޓި ސްކޭމް ސެންޓަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އަހަރުގެ މިހާތަނަށް ސްކޭމްގެ 954 މައްސަލަ ރިޕޯޓު ކޮށްފައިވެއެވެ.

މި މައްސަލަތަކުގައި 9،212،916.93 ރުފިޔާ ގެއްލުނެވެ. އޭގެތެރެއިން ހޯދިފައިވަނީ 3،242،609.91 ރުފިޔާއެވެ.

އަހަރުގެ މިހާތަނަށް ފުލުހުންނަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިން ވިޔަފާރި (އީ-ކޮމާސް)ގެ މައްސަލަތަކެވެ. އެބާވަތުގެ 535 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

ފުލުހުންނަށް ރިޕޯޓުކުރި ސްކޭމްގެ ބާވަތްތައް:

  • އީ-ކޮމާސް: 535 މައްސަލަ
  • އޮޅުވާލައިގެން އެހެން މީހެއްގެ އަތުން ފައިސާ ހޯދި: 157 މައްސަލަ
  • ފައިސާ މާރުކުރުމުގެ މައްސަލަތައް: 144 މައްސަލަ
  • ސައްހަނޫން މުއާމަލާތް: 57

ފުލުހުންގެ އެންޓި ސްކޭމްގެ ސެންޓަރުން އާންމުކޮށްފައިވާ މައުލޫމާތުތަކުން ދައްކާގޮތުގައި ސްކޭމްގެ މައްސަލަތަކުގައި އެންމެ ގިނައިން ބޭނުންކޮށްފައިވަނީ ފޯންކޯލާއި، އައިބޭއާއި، އޮންލައިންކޮށް މެސެޖު ކުރެވޭ މަންސަތަކާއި، ފިޝިން ލިންކުތަކުގެ އިތުރުން ފޭސްބުކް މާކެޓް ޕްލޭސް އެވެ.

ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވެ ތިބުމުގެ ގޮތުން އިތުބާރުކޮށް ފައިސާ ދިނުމުގެ ކުރިން އެ ފަރާތެއްގެ ސައްހަކަން އަބަދުވެސް ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތު އެއްވެސް ގޮތަކަށް ހިއްސާނުކުރުމަށާއި އެޕްލިކޭޝަންތަކުގެ ޓޫ ފެކްޓަރ އޮތެންޓިކޭޝަން ހެދުމަކީ މިފަދަ މައްސަލަތަކުން ރައްކާތެރިވެ ތިބުމަށް އެޅިދާނެ މުހިންމު ފިޔަވަޅެކެވެ.

އަދި ސްކޭމަރުން ކާމިޔާބުވަނީ މިފަދަ މައްސަލަތަކުގައި ހަނުހުރުމުން ކަމަށްވާއިރު، މިފަދަ މައްސަލަތައް އަވަހަށް ފުލުހުންނަށް ރިޕޯޓްކުރުމަކީ ފައިސާ އަނބުރާ ހޯދުމަށް ފަސޭހަވެގެންދާނެ ކަމެކެވެ.

މަކަރާއި ހީލަތުގެ މައްސަލަތައް ރިޕޯޓުކުރުމަށް ނޭޝަނަލް އެމަރޖެންސީ ކޯލް ސެންޓަރު 911 ނުވަތަ 125 (އެކްސްޓެންޝަން 2020) އަށް ގުޅުއްވައި، ނުވަތަ [email protected] އަށް އީމެއިލް ކުރުމުން އެހީތެރިކަން ލިބިގެންދާނެ އެވެ.

ކިޔުންތެރިންގެ ހިޔާލު