ENGLISH
10 ޖޫން 2026
ކްރެޑިޓް ކާޑުތަކުން އިތުރު ފީއެއް ނުނަގާ: ދުވަހުން ދުވަހަށް ކަނޑައަޅާފައިވާ ލިމިޓަށް ދިމާވާ ދަތިތަކަށް ބޭންކުން ދަނީ ހައްލެއް ހޯދަމުން
10 ޖޫން 2026
|
ބޭންކް އޮފް މޯލްޑިވްސް
އެންމެ މަޤްބޫލު
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރުފިޔާ ކާޑު ބޭނުންކޮށްގެން ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރުމުން މިހާރު ނަގަމުންދާ 30 އިންސައްތައިގެ ފީގެ އިތުރަށް 10 އިންސައްތަ އިތުރުކޮށް، ޖުމްލަ 40 އިންސައްތަ ފީގެ ގޮތުގައި ނަގަމުންދާ ކަމަށް ބުނެ ފަތުރަމުންދާ ހަބަރުތައް އެ ބޭންކުން ދޮގުކޮށްފިއެވެ.
މީގެ އިތުރުން ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކުން 30 އިންސައްތައިގެ ފީއެއް ނަގާ ކަމަށް ބުނެ ފަތުރާ ވާހަކަތައްވެސް ބޭންކުން ވަނީ ދޮގުކޮށްފައެވެ.
ބޭންކުން ބުނީ ކޮންމެ ދުވަހަށް ކަނޑައަޅާފައިވާ ބަޖެޓް ހަމަވުމުން މުއާމަލާތްތައް ފެއިލްވާ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި މަސް ނިމުމުގެ ކުރިން އެކަމަށް ހައްލެއް ލިބޭނެ ކަމަށެވެ.
ހަގީގަތަކީ ކޮބައިތޯ؟
ބޭންކުން ކަނޑައަޅާފައިވާ ފީތަކުގެ ތާވަލުގައިވާ ގޮތުން ރާއްޖެއިން ބޭރުން ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުން ކުރާ ކްރޮސްބޯޑަރ މުޢާމަލާތް ތަކުގައި، އެ މުޢާމަލާތަކީ އެމެރިކާ ޑޮލަރު ނޫން އެހެން ފައިސާއަކުން ކުރާ މުޢާމަލާތެއްނަމަ، ނުވަތަ އެ މުޢާމަލާތެއް ކުރަނީ ދިވެހި ރުފިޔާގެ އެކައުންޓަކުން ނުވަތަ ދިވެހި ރުފިޔާއިން ފައިސާދައްކާ ކްރެޑިޓް ކާޑަކުން ނަމަ، %10 އާއި ހަމައަށް ކްރޮސްބޯޑަރ ޓްރާންސެކްޝަން ފީއެއް ނަގާނެއެވެ. އަދި ކަނޑައެޅިފައިވާ ވަކި މާޗެންޓްތަކުން ކުރާ މުޢާމަލާތްތަކަށް، މި ފީ %30 އާއި ހަމައަށް ނެގުމުގެ އިޚްތިޔާރު އޮންނާނެއެވެ.
މިކަންކަން އިތުރަށް ސާފުކޮށްދެމުން ބޭންކުން ބުނެފައިވަނީ، ބޭންކުގެ ކާޑު ޚިދުމަތް ފެށުނީއްސުރެ ވެސް 10 އިންސައްތައާ ހަމައަށް ނަގާ ފީ އަންނަނީ ނަގަމުންނެވެ. މިއީ ހުރިހާ މުއާމަލާތަކުން ސީދާ 10 އިންސައްތަ ނަގާ ފީއެއް ނޫނެވެ. އޭގެ ބަދަލުގައި، ކާޑުގެ ބާވަތަށް ބަލައި 10 އިންސައްތައާ ހަމައަށް އެކި މިންވަރަށް ނަގާ ފީއެކެވެ. މިއީ ބައިނަލްއަގުވާމީ ބޭންކިންގް ނިޒާމުގައި އާންމުކޮށް އަމަލުކުރާ އުސޫލެއް ކަމަށްވާ "އޮޕްޝަނަލް އިޝުއަރ ފީ" (OIF) އެވެ.
މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން، 30 އިންސައްތައިގެ ފީ ނަގަނީ ހަމައެކަނި ކަނޑައެޅިފައިވާ ވަކި ޚާއްޞަ މާރޗަންޓުންނާ އެކު ކުރެވޭ މުއާމަލާތްތަކުންނެވެ. މި ފީ ތައާރަފުކުރީ 1 ޖުލައި 2024 ގައެވެ. އެއީ އަމިއްލަ ބޭނުންތަކަށް ދޫކޮށްފައިވާ ކާޑުތައް ބޭނުންކޮށްގެން، ބޭރުގެ އީ-ކޮމާސް ޕްލެޓްފޯމްތަކުގައި ވިޔަފާރީގެ މުއާމަލާތްތައް ހިންގުން މަދުކުރުމަށެވެ. މި ފީ ނަގަނީ ކަނޑައެޅިފައިވާ އެންމެ 6 ވެބްސައިޓަކުން ކުރާ މުއާމަލާތްތަކުންނެވެ. އަދި ކްރެޑިޓް ކާޑު މުއާމަލާތްތަކުން މި ފީ ނުނަގާކަން ބޭންކުން ފާހަގަކުރެއެވެ.
މީގެ އިތުރުން، 10 އިންސައްތައާއި ހަމަޔަށް ނަގާ ފީ އާއި 30 އިންސައްތައާއި ހަމަޔަށް ނަގާ ފީއަކީ އެކުއެކީގައި ނަގާ ދެ ފީއެއް ނޫނެވެ. މުއާމަލާތުގެ ބާވަތަށް ބަލައި، ނަގާނީ މީގެ ތެރެއިން ކޮންމެވެސް އެއް ފީއެކެވެ.
މި ފީތައް ނެގުމުގެ ބޭނުމަކީ ކޮބައި؟
މި ފީތަކަކީ އޮޅުމަކުން ނުވަތަ ސިއްރިއްޔާތުގައި ނަގާ ފީތަކެއް ނޫނެވެ. މިއީ ރާއްޖޭން ބޭރުގެ މުއާމަލާތްތައް ކުރުމުގައި ބޭންކުން ކުރަންޖެހޭ ޚަރަދުތަކާއި، ފައިސާ ބަދަލުކުރުމުގެ ޚަރަދުތަކާއި، ބޭރު ފައިސާ ފޯރުކޮށްދިނުމަށް ބޭންކުން ކުރަންޖެހޭ މަސައްކަތްތަކަށް ނަގާ ފީއެކެވެ. ދުނިޔޭގެ އެއްވެސް ބޭންކަކަށް ނުވަތަ ކާޑު ނެޓްވޯކަކަށް، މިފަދަ ޚަރަދުތަކާ ނުލައި ބައިނަލްއަގުވާމީ މުއާމަލާތްތައް ފަހިކޮށްނުދެވޭނެއެވެ.
ބޭރު ފައިސާ ފޯރުކޮށްދިނުމަށް ބޭންކުން ކުރާ މަސައްކަތް:
މިދިޔަ ނޮވެމްބަރު 11 ވަނަ ދުވަހު ބީއެމްއެލް އިން ވަނީ ޑެބިޓް ކާޑުތަކުގެ ލިމިޓްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. މިހާރު ކަސްޓަމަރުންނަށް ބޭސްފަރުވާއާއި ދަތުރުފަތުރުގެ ޚަރަދުތަކަށް މަހަކު 3,000 ޑޮލަރާ ހަމައަށް ބޭނުންކުރެވެއެވެ. އަދި އޮންލައިން ވިޔަފާރިތަކަށް 250 ޑޮލަރާއި، އޭޓީއެމް އިން ފައިސާ ނެގުމަށް 150 ޑޮލަރު ބޭނުންކުރެވޭނެއެވެ.
މި އަދަދު 16 ސެޕްޓެންބަރު 2020 އިން ފެށިގެން 1 ޖުލައި 2025 އާ ހަމަޔަށް އޮތީ މިހުރިހާ ކަމަކަށް ޖުމްލަ 250 ޑޮލަރާ ހަމައަށެވެ.
މި އަހަރުގެ ފުރަތަމަ ފަސް މަސްދުވަހުގެ ތެރޭގައި ބޭންކުން ވަނީ ޖުމްލަ 345 މިލިއަން ޑޮލަރު ވިއްކާފައެވެ. މީގެ ތެރެއިން 147 މިލިއަން ޑޮލަރަކީ ވިޔަފާރިތަކަށް ދޫކުރި ފައިސާއެވެ. އަދި 198 މިލިއަން ޑޮލަރަކީ ކާޑު މުއާމަލާތްތަކަށް ދޫކުރި ފައިސާއެވެ.
މިހާރު ހުރި ގޮންޖެހުންތައް:
ރުފިޔާ ކާޑު ބޭނުންކޮށްގެން އޮންލައިންކޮށް ކުރާ މުއާމަލާތްތައް އިންތިހާއަށް އިތުރުވުމާ ގުޅިގެން، ބޭރުގެ މާރޗަންޓުންނަށް ކާޑު ނެޓްވާރކްތައް މެދުވެރިކޮށް ފައިސާ ދެއްކުމަށް ބޭންކަށް ގިނަ އަދަދެއްގެ ބޭރު ފައިސާ ބޭނުންވެއެވެ. މިކަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށްޓަކައި، ބޭންކުން ވަނީ ކޮންމެ ދުވަހަށް އީކޮމާސް ބައެއް ސައިޓްތަކަށް ބޭނުންކުރެވޭނެ ވަކި ބަޖެޓެއް ކަނޑައަޅާފައެވެ. ކަސްޓަމަރުންނަށް ދަތިތަކާ ދިމާވަނީ އެ ދުވަހަކަށް ކަނޑައަޅާފައިވާ ބަޖެޓް ހަމަވުމުން މުއާމަލާތްތައް ފެއިލްވާތީއެވެ. ނަމަވެސް، ޑޮލަރު އެކައުންޓްތަކާ ގުޅިފައިވާ ކާޑުތަކުން ކުރާ މުއާމަލާތްތަކަށް މިފަދަ އެއްވެސް ހުރަހެއް ނޯވެއެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި، ރާއްޖޭގައި ހިންގާ އެހެން ބޭންކުތަކާ އަޅާބަލާއިރު، ރުފިޔާ ކާޑުން ބޭރުގެ މުއާމަލާތްތައް ކުރުމަށް އެންމެ ބޮޑު ލިމިޓެއް ދެނީ އެ ބޭންކުންނެވެ. އަދި ޑޮލަރުން މުއާމަލާތް ކުރަން ބޭނުންވާ ފަރާތްތަކަށް، އެއްވެސް ލިމިޓެއް ނެތް ޑޮލަރު ކާޑު ބޭނުންކުރުމަކީ މިވަގުތަށް އޮތް އެންމެ ފަސޭހަ ހައްލެވެ.