ENGLISH

10 ޖޫން 2026

Advertisement

މިހާރު ދުނިޔޭގެ އެއްވެސް ތާކުން ނެރޭ ރިޕޯޓަކު ރާއްޖެ ދަރަނިވެރިވާނެއޭ ނޯންނާނެ: ޒަމީރު

10 ޖޫން 2026

|

އައިމިނަތު ޝަފާ

ކުރީގެ ވަޒީރު ޒަމީރު ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެން އެޅުއްވި މާލީ ހަރުދަނާ ފިޔަވަޅުތަކުގެ ނަތީޖާއެއްގެ ގޮތުން މިހާރު ދުނިޔޭގެ އެއްވެސް ތާކުން ނެރޭ ރިޕޯޓަކު ރާއްޖެ ދަރަނިވެރިވާނެއޭ ނޯންނާނެކަމަށް ކުރީގެ މާލީ ކަންކަމާއި އާއްމު ވިޔަފާރިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޕީއެންސީން ރޭ ބޭއްވި އެ ޕާޓީގެ ހަރުގެ ޖަލްސާގައި ޒަމީރު ވިދާޅުވީ ގައުމު ދަރުވާނުލާ މި ހިސާބަށް ގެނެސްދެއްވީތީ އެކަމަށް ރައީސް މުއިއްޒަށް ރައްޔިތުން ތާއީދުކުރަން ޖެހޭނެކަމަށެވެ. 

"އެހެންނޫންނަމަ އަޅޫގަނޑުމެން އޮންނާނީ ސިލޯނު އޮތް ހާލަތުގައި. މިހާރު ދުނިޔޭގެ އެއްވެސް ތާކުން ނެރޭ ރިޕޯޓަކު ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖެ ދަރަނިވެރިވާނެއޭ ނޯންނާނެ. ނޯންނާނެ އެނގޭތޯ. މިފަދަ ބޭފުޅަކާ އެއްކޮށް ތިބެ އަންނަ އިންތިހާބު ކާމިޔާބުކުރާނީ އިރާދަކުރެއްވިއްޔާ،". ޒަމީރު ވިދާޅުވިއެވެ. 

ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ މި ސަރުކާރުން ދެ އަހަރާއި ބައިގެ ތެރޭގައި އެއް ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނި ދައްކާފައިވާ ކަމަށެވެ. އަދި މި ހަނގުރާމައިގެ ހާލަތުގައިވެސް ރައީސް މުއިއްޒު ގެންގުޅުއްވި ޕްލޭނަކީ ރަނގަޅު ސިޔާސަތެއްކަން ހާމަވަނީ ފިޗް ރޭޓިންގައި އެއް ދަރަޖަ މައްޗަށް ގޮސްފައި އޮތުމުންކަމަށް ޒަމީރު ވިދާޅުވި އެވެ.

ހަނގުރާމައިގެ ހާލަތުގައިވެސް ރައްޔިތުންނަށް ލުއި ފަސޭހަކޮށްދިނުމަށް މިހާރުވެސް ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވިއެވެ. 

ވާހަކަފުޅު ނިންމަވާލައްވަމުން ޒަމީރު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުގެ އިގްތިސާދީ ބަދަލުތަކަކީ ދުނިޔެއިން ބަލައިގަނެފައިވާ އަދި ރައްޔިތުންނަށްވެސް ވަރަށް ފައިދާހުރި ޕޮލިސީތަކެއް ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު