ENGLISH

10 ޖޫން 2026

Advertisement

ވިޔަފާރިތަކަށް އަމާޒުކޮށްގެން ފުވައްމުލައް ސިޓީގައި އެންގޭޖެމެންޓް ޕްރޮގްރާމްއެއް ފަށައިފި

10 ޖޫން 2026

|

އާމިނަތު ނުޒްލާ

އެސްއެމްއީ ޑީޖިޓަލްއިން ކުރިއަށް ގެންދިޔަ މައުލޫމާތުގެ ސެޝަންއެއްގެ ތެރެއިން-- ފޮޓޯ: އެސްއެމްއީ ޑިޖިޓަލް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީ އެހީތެރިކަން ހޯދައިދިނުމަށާއި، އެފަދަ ވިޔަފާރިތައް ކުރިއެރުވުމަށް އެސްއެމްއީ ޑިޖިޓަލް އިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ފުވައްމުލައް ސިޓީގައި އެންގޭޖްމަންޓް ޕްރޮގްރާމެއް  މިއަދު ފަށައިފިއެވެ.

އެސްއެމްއީ ޑިޖިޓަލް އިން ބުނީ، ފުވައްމުލައް ސިޓީގައި މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދާއި މާދަމާ ކަމަށެވެ.

މި ޕްރޮގްރާމްގައި މޯލްޑިވްސް އިސްލާމިކް ސޯޝަލް ފައިނޭންސް އިނީޝިއޭޓިވް (މިސްފީ) ގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފުކޮށްފައިވާ އިސްލާމިކް މައިކްރޯ ފައިނޭންސިންގ އަށް އާންމުން އަހުލުވެރިކުރުމަށް މައުލޫމާތު ހިއްސާކޮށް މަޝްވަރާކުރެވޭނެ ކަމަށް އެސްއެމްއީ ޑިޖިޓަލްއިން ބުނެފައިވެއެވެ. މީގެ އިތުރުން މާލީ ހޭލުންތެރިކުރުވުމުގެ ސެޝަންތަކާއި، ކަސްޓަމަރުންނާ ވަކިވަކިން ބައްދަލުކޮށް މަޝްވަރާކުރުމާއި، އަދި ވަގުތުން ވަގުތަށް ފައިނޭންސިންގ އެޕްލިކޭޝަންތައް ހުށަހަޅައިދިނުމަށް އެހީތެރިވެދިނުން ހިމެނޭނެކަމަށްވެސް އެސްއެމްއީ އިން ބުންޏެވެ.

އެސްއެމްއީ ޑިޖިޓަލް އިން މިހާރު އެޕްލިކޭޝަން ބަލައިގަންނަމުންދާ މި ޕްރޮޑަކްޓަކީ މާލީ އެހީތެރިކަން ހޯދުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭ އާންމު ފަރުދުންނާއި، ވިޔަފާރިވެރިންނަށާއި އަލަށް ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ފަސޭހައިން ފައިނޭންސް ލިބޭނެ މަގު ފަހިކޮށްދިނުމަށް ތައާރަފްކޮށްފައިވާ ޕްރޮޑަކްޓެކެވެ.

ފުވައްމުލަކުގެ ޕްރޮގްރާމަށްފަހު، މި މަހު 13 އިން 18 އަށް އެސްއެމްއީ ޑިޖިޓަލްއިން އައްޑޫ ސިޓީއަށް ޒިޔާރަތްކުރުމަށް ހަމަޖެހިފައިވެއެވެ. އެސްއެމްއީ ޑިޖިޓަލް އިން ބުނީ، މި ދަތުރުގައި ރަށު ކައުންސިލްތަކާއި، ޖަމިއްޔާ ޖަމާއަތްތަކާއި، އަދި ކަމާގުޅޭ އެހެނިހެން ފަރާތްތަކާ ބައްދަލުކޮށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމުގައި ގުޅިގެން މަސައްކަތް ކުރެވިދާނެ ގޮތްތަކާ މެދު މަޝްވަރާ ކުރެވިގެންދާނެކަމަށެވެ. މީގެ އިތުރުން، މާލީ ހައްލުތަކާއި ވިޔަފާރި ތަރައްގީ ކުރުމުގެ ފުރުސަތުތަކަށް ހޭލުންތެރިކުރުވުމަށްޓަކައި ކަސްޓަމަރުންނަށް ހާއްސަ ސެޝަންތަކެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވާކަމަށް ބުނެފައިވެއެވެ.

މި ހަރަކާތްތަކަކީ މާލީ ދާއިރާގައި އެންމެންގެ ބައިވެރިވުން އިތުރުކުރުމަށާއި، ޝަރީއާ ހަމަތަކަށް ފެތޭ ފައިނޭންސިންގ ފުޅާކުރުމަށާއި، އަދި މުޅި ރާއްޖޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް އެސްއެމްއީ ޑިޖިޓަލް އިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.

މި ހަރަކާތްތައް ކުރިއަށްގެންދަނީ އެސްއެމްއީ ޑިޖިޓަލް، ބޭންކް އޮފް މޯލްޑިވްސް އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ގުޅިގެންނެވެ. އަދި ފުވައްމުލައް ސިޓީގެ ހަރަކާތްތައް ކުރިއަށް ގެންދާނީ ފުވައްމުލައް ސިޓީ ކައުންސިލްގެ ބައިވެރިވުން ވެސް ހިމެނޭހެންނެވެ.

ކިޔުންތެރިންގެ ހިޔާލު