ENGLISH
10 ޖޫން 2026
ގއ. ވިލިނގިލީ ޤުރުއާން ސެންޓަރު ރޭނުމުގެ މަސައްކަތް ކުރިއަށްދަނީ
10 ޖޫން 2026
|
ވިލިނގިލީ ޤުރުއާން ސެންޓަރު ރޭނުމުގެ މަސައްކަތުގެ ތެރެއިން-- ފޮޓޯ: އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
ގއ. ވިލިނގިލި ޤުރުއާން ސެންޓަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބުނެފިއެވެ.
އެ ވުޒާރާއިން އެކްސްގައި ހިއްސާކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ، މިހާރު އެ އިމާރާތުގެ ކުރިއަށްދަނީ ރޭނުމުގެ މަސައްކަތާއި ވަށާފާރު ފައުންޑޭޝަނަށް ކޮނުމުގެ މަސައްކަތްތައް ކަމަށެވެ.
ޤުރުއާނާ ބެހޭ މަރުކަޒެއް ބިނާކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ. މި ސެންޓަރުގައި ކުލާސްރޫމްތަކާއި، ހިފްޒު ކުރާ ކޮޓަރިއާއި އަދި އޮފީސް ހިންގާނެ ޖާގަ ހިމެނޭކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ބުނެފައިވެއެވެ.
މީގެ އިތުރުން، ގއ. ވިލިނގިލީގައި 700 މީހުންގެ ޖާގަ ހިމެނޭ އިސްލާމީ މަރުކަޒެއް އެޅުމަށްވެސް އެއްބުސްވުމެއްގައި މިއަހަރު ވަނީ ސޮއިކޮށްފައެވެ. މި މަރުކަޒުގައިވެސް ކުލާސްރޫމް، ލައިބްރަރީ، ކޮންވެންޝަން ހޯލް އަދި ދެ ޖިންސަށް ވަކިން ނަމާދުކުރެވޭނެ އިންތިޒާމު ހަމަޖެހިފައި ހުންނާނެ ކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
ރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް، ދީނީ ތަޢުލީމު ފުޅާކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން، ރާއްޖޭގެ އެކި ރަށް ރަށުގައި އިސްލާމީ މަރުކަޒުތަކާއި، މިސްކިތް އަދި ޤުރުއާން ސެންޓަރުތައް ބިނާކުރުމުގެ މަޝްރޫއު އަންނަނީ ހިންގަމުންނެވެ.