ENGLISH
07 ޖޫން 2026
ކުޅުންތެރިންނަށް ވިސާ ދިން ނަމަވެސް، އޮފިޝަލުން އެމެރިކާއަށް އެތެރެވުމަށް ހުރަސްއަޅާފައިވާ ކަމަށް އީރާނުން ބުނެފި
07 ޖޫން 2026
|
އީރާން ޤައުމީ ޓީމު؛ އީރާނާއި، މުބާރާތް ބާއްވާ އެއް ޤައުމު ކަމަށްވާ އެމެރިކާއާ ދެމެދު ފަށާފައިވާ ހަނގުރާމައިގެ ހިޔަނި ވަނީ ޓީމަށް އެޅިފައި --
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕުގައި ކުޅޭ ޤައުމީ ޓީމުގެ ކުޅުންތެރިންނަށް ވިސާ ދިން ނަމަވެސް، ޓީމުގެ އޮފިޝަލުން އެމެރިކާއަށް އެތެރެވުމަށް ހުރަސްއަޅާފައިވާ ކަމަށް އީރާނުން ބުނެފިއެވެ.
ވޯލްޑް ކަޕުގައި ބައިވެރިވާ އީރާނު ޓީމުގެ އޮފިޝަލުންނަށް އެމެރިކާއަށް އެތެރެވުމަށް ހުރަސްތަކެއް ކުރިމަތިވެފައިވާތީ، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއިން އެކަމުގެ ތެރެއަށް ވަދެ، ހައްލެއް ހޯދައިދިނުމަށް، އީރާނުގެ އެމްބަސީން ވަނީ އެދިފައެވެ.
އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބާއްވާ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 11 ވަނަ ދުވަހުއެވެ. އީރާނުން މި މުބާރާތުން ޖާގަ ހޯދީ 2025 ވަނަ އަހަރުގެ މާރިޗު މަހު ކޮލިފައިން ގްރޫޕުގެ އެއްވަނަ ހޯދައިގެންނެވެ. އެއީ ދެ ގައުމުގެ ދެމެދުގައި ހަނގުރާމަ ފެށުމުގެ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ކުރިއެވެ.
މިއީ ވޯލްޑް ކަޕުގެ ތާރީޚުގައިވެސް މުބާރާތް ބާއްވާ ޤައުމަކުން އެ ޤައުމަކާ ހަނގުރާމަ ކުރަމުންދާ ޤައުމެއްގެ ޓީމަކަށް މަރުހަބާ ކިޔާ ފުރަތަމަ ފަހަރު ކަމަށް ރިޕޯޓުތައް ބުނެއެވެ. މެއި މަހުގެ ފަހުކޮޅު އީރާނުން ވަނީ އެ ޤައުމުގެ ޓްރޭނިން ބޭސް، އެމެރިކާގެ އެރިޒޯނާގެ ޓޫސާންއިން މެކްސިކޯއަށް ބަދަލުކޮށްފައެވެ.
އީރާނުގެ ޤައުމީ ޓީމުގެ ކުޅުންތެރިންނާއި ވަފުދުގެ މެންބަރުން މުބާރާތުގެ ތެރޭގައި އެމެރިކާގައި ތިބޭއިރު، އެއްވެސް ހުރަހެއް ނުވަތަ ހަރުކަށި ފިޔަވަޅުތަކެއް އޮންނާނެތޯ ސުވާލުކުރުމުން އެމެރިކާގެ ޑިޕާޓްމަންޓް އޮފް ހޯމްލޭންޑް ސެކިއުރިޓީން ސީދާ ޖަވާބެއް ދީފައެއް ނުވެއެވެ. ނަމަވެސް ބީބީސީއަށް ދިން ބަޔާނެއްގައި އެ އިދާރާއިން ބުނީ، އެމެރިކާގެ ރައްޔިތުންނާއި 2026 ގެ ވޯލްޑް ކަޕަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި އެފަރާތުން ދެގޮތެއް ނުވެ ސާބިތުވެ އޮންނާނެ ކަމަށެވެ.
މީގެ އިތުރުން، ލޮސް އެންޖެލިސް ހިމެނޭ ގޮތަށް މުބާރާތް ބާއްވާ 11 ސިޓީގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ސަރުކާރުގެ ހުރިހާ މުއައްސަސާތަކެއް ގުޅިގެން ވަރަށް ބޮޑަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.
މި ހަފުތާގެ ކުރީކޮޅު އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވެފައިވަނީ، އީރާނުގެ އަސްކަރިއްޔާގެ ބާރުގަދަ ގޮތްޕެއް ކަމަށްވާ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސްއާ ގުޅުންހުރި އެއްވެސް މީހަކަށް އީރާނުގެ ފުޓްބޯޅަ ވަފުދުގައި ހިމެނިގެން އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުދެވޭނެ ކަމަށެވެ. ފާހަގަކޮށްލެވޭ ގޮތުގައި އީރާނު ޓީމުގެ ބައެއް ކުޅުންތެރިންނަކީ އެ ޤައުމުގައި، ކޮންމެހެން ފުރިހަމަކުރުމަށް ކަނޑައަޅާފައި އޮންނަ އަސްކަރީ ޚިދުމަތް، އެ ޖަމާއަތުގެ ދަށުން ފުރިހަމަކޮށްފައިވާ ކުޅުންތެރިންނެވެ.
މުބާރާތުގައި އީރާން ހިމެނެނީ ގްރޫޕް ޖީގައެވެ. ގްރޫޕް ސްޓޭޖުގައި އީރާނުން އެންމެ ފުރަތަމަ ނިކުންނާނީ ނިއުޒިލެންޑާ ދެކޮޅަށެވެ. އޭގެ ފަހުން ކުޅޭ މެޗުތަކަކީ ކެލިފޯނިއާގައި ބެލްޖިއަމާ ދެކޮޅަށް ކުޅޭ މެޗާއި، ސިއަޓަލްގައި މިސްރާ ދެކޮޅަށް ކުޅޭ މެޗެވެ.