ENGLISH
07 ޖޫން 2026
އިމާރާތްކުރުމުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމް ފަށައިފި
07 ޖޫން 2026
|
އިމާރާތްކުރުމުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްގެ ތެރެއިން-- ފޮޓޯ: ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤިއާ ބެހޭ ވުޒާރާ
އެންމެ މަޤްބޫލު
އިމާރާތްކުރުމުގެ ގާނޫނަށް، އާއްމުންނާއި އެދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އަހުލުވެރިކުރުމުގެ ސިލްސިލާ ޕްރޮގްރާމްތައް ފަށައިފިއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤިއާ ބެހޭ ވުޒާރާއިން ބުނީ، މި ޕްރޮގްރާމްގައި އިމާރާތްކުރުމުގެ ޤާނޫނު (ޤާނޫނު ނަންބްރު 2017/4) ގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކަށް އަހުލުވެރިކުރުމުގެ ގޮތުން މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އިމާރާތްކުރުމުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްގެ ތެރެއިން-- ފޮޓޯ: ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤިއާ ބެހޭ ވުޒާރާ
ވުޒާރާއިން ސިލްސިލާކޮށް ހިންގާ މި ޕްރޮގްރާމް މިފަހަރު އަމާޒުކޮށްފައިވަނީ ކ. ވ. އދ. އއ. އަދި ބ. އަތޮޅުގެ ރަށު ކައުންސިލްތަކަށެވެ. އެގޮތުން މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހާ ހަމައަށެވެ.
ވުޒާރާއިން މައުލޫމާތު ދިން ގޮތުގައި، މި ޕްރޮގްރާމުގެ މައިގަނޑު މަޤުސަދަކީ އިމާރާތްކުރުމުގެ ޤާނޫނާއި ގަވާއިދުތަކަށް ރަށު ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުން އަހުލުވެރިކުރުވުމެވެ. މި ޕްރޮގްރާމުގެ ސެޝަންތަކުގައި އިމާރާތްކުރުމުގެ ހުއްދަތައް ނެގުމާއި ކުރެހުން ފާސްކުރުމާއި، ޕްރޮޖެކްޓްތަކަށް ލައިސަންސް ދިނުމާއި ޢިމާރާތްކުރުމަށް ބޭނުންކުރާ ތަކެތި އެތެރެކުރުމުގެ މައުލޫމާތު ދެވިގެންދާނެކަމަށް ވުޒާރާއިން ބުނެފައިވެއެވެ.
އިމާރާތްކުރުމުގެ ގާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްގެ ތެރެއިން-- ފޮޓޯ: ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤިއާ ބެހޭ ވުޒާރާ
މީގެއިތުރުން އުފެއްދުން ކޮންޓްރޯލްކުރުމުގެ ގަވާއިދާއި ސައިޓުތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މައުލޫމާތުވެސް ދެވިގެންދާނެއެވެ. ވުޒާރާއިން އިތުރަށް ބުނީ، ޕްލޭނިންގ ގަވާއިދެއް ނެތް ރަށްރަށް ނުވަތަ ފަޅުފަޅުގައި އިމާރާތް ކުރަންވީ ގޮތުގެ ގަވާއިދާއި، އެ ގަވާއިދުގެ ދަށުން ކުރެހުން ފާސްކުރުމާއި، ހުއްދަތައް ދޫކުރާނޭ ގޮތާއި ގަވާއިދާ ހިލާފުވާ ފަރާތްތަކާމެދު އަމަލުކުރާނެ އުސޫލުތައްވެސް މަޝްވަރާކުރެވިގެންދާނެކަމަށެވެ. އަދި ކޮންޓްރެކްޓަރުންގެ ޒިންމާތަކާ ގުޅޭ ތަފުސީލީ މައުލޫމާތު ދިނުމަށްވެސް މި ސެޝަންތަކުގައި ހަމަޖެހިފައިވާކަމަށް ވުޒާރާއިން ބުނެފައިވެއެވެ.