ENGLISH
07 ޖޫން 2026
ފަތުރުވެރިން އަންނަ މިންވަރު ތިން އިންސައްތަ އިތުރުވެ އުއްމީދެއް
07 ޖޫން 2026
|
ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންތަކެއް.
އެންމެ މަޤްބޫލު
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކުރިމަތިވި ލޮޅުމަށްފަހު ފަތުރުވެރިން އަންނަ މިންވަރު 3 އިންސައްތަ އިތުރުވެ އުއްމީދު އައުވެއްޖެއެވެ.
އެމެރިކާއާއި އިސްރާއީލުން އިސްވެ އީރާނަށް ދެމުން އަންނަ ހަމަލާތަކަށް މިއަދަަށް 100 ދުވަސްވެފައިވާއިރު ގަވާއިދުން ރާއްޖެއަށް ޒިޔާރަތްކުރަމުން އަންނަ މެދުއުރުމަތީގެ ފްލައިޓްތަށް ކެންސަލްކުރުމާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އޭގެ ސީދާ އަސަރުކުރިއެވެ. ނަމަވެސް ސަރުކާރުން އެވަގުތު އެޅި ހަރުދަނާ ފިޔަވަޅުތަކާ އެކު އަނެއްކާވެސް ފަތުރުވެރިކަމުގެ ސިނާއަތަށް އަލުން މިވަނީ އަރޯކަން އަންނަން ފަށާފައެވެ.
މަޝްހޫރު ވިޔަފާރިވެރިޔާ އަދި އިނާ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު މިއަދު ކުރެއްވި ޕޯސްޓެއްގައި ވަނީ ފަތުރުވެރިކަން މިހާރު އާއްމު ހާލަތަށް އައިސްފައިވާކަމަށް ވިދާޅުވެފައެވެ. އަދި ފަތުވެރިން ރާއްޖެ އަންނަ މިންވަރު ތިނެއް އިންސައްތަ އިތުރުވެފައިވާކަން ފިރާގް ފާހަގަކުރެއްވިއެވެ.
ނަމަވެސް ރިސޯޓުތައް ފުރޭ މިންވަރު އަދިވެސް ހުރި ދަށްކޮށްކަން އޭނާ ފާހަގަކުރެއްވިއެވެ.
މިހާލަތުން އަރައިގަތުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން ރާއްޖެ އިޝްތިހާރުކުރުމުގެ ހަރަކާތްތައް މިހާރަށްވުރެ ވަރުގަދަކުރަން ޖެހޭކަމަށް ފިރާގު ވިދާޅުވިއެވެ.
ފިރާގު ވިދާޅުވީ ފަތުރުވެރިކަމުގެ ޑިމާންޑް އިތުރުކުރެވޭނީ މެދުނުކެނޑި، ވަކި އަމާޒެއް އޮވެގެން ހިންގާ ޕްރޮމޯޝަންތަކުގެ އެހީގައިކަމަށެވެ. އަދި މާކެޓުގެ ހާލަތު ދެނެގަނެ، އެކަމަށް އެކަށީގެންވާ މާކެޓިން އުކުޅުތަކެއްގެ ބޭނުންކުރުމަކީ މާ ރަނގަޅު ނަތީޖާއެއް ލިބޭނެ ކަމެއްކަމަށް ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިދިޔަ މޭ މަހު ރާއްޖެއަށް 139،746 ފަތުރުވެރިން އައިސްފައިވާ ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ މިދިޔަ އަހަރުގެ މިމުއްދަތާއި އަޅާ ބަލާއިރު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ މޭ މަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 135،614 ފަތުރުވެރިންނެވެ. މިއީ 3 އިންސައްތައިގެ ކުރިއެރުމެކެވެ. މޭއި މަހުގެ ނިޔަލަށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6100 ފަތުރުވެރިން ޒިޔާރަތްކުރި ކަމަށް ފަތުރުވެރިކަމާއި ބެހޭ ވުޒާރާގެ ހިސާބުތަކުން ދައްކައެެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރަމުންދާތީ އެ މައްސަލަ ހައްލުކުރުމަށް ރާއްޖެއަށް އެހެން މަންޒިލްތަކުން ފަތުރުވެރިން ގެނައުމަށް ސަރުކާރުން ވަނީ މަސައްކަތް ފަށާފައެވެ. އަދި އައު ރޫޓުތަކުގެ ދަތުރުތައް ފަށައި ރާއްޖޭގެ ފަތުރުވެރިކަމަށް ލިބުނު ހީނަރުކަން އިޔާދަކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.