ENGLISH

07 ޖޫން 2026

Advertisement

ކާބޯތަކެތީގެ ރައްކާތެރިކަމަކީ ގައުމީ ފެންވަރުގައި އޮންނަންޖެހޭ ސިފައެއް: ފަސްޓް ލޭޑީ

07 ޖޫން 2026

|

އައިމިނަތު ޝަފާ

ރައީސުލްޖޫމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު

ކާބޯތަކެތީގެ ރައްކާތެރިކަމަކީ ގޭތެރެއިން ފެށިގެން މުޅި ގައުމީ ފެންވަރުގައި އޮންނަންޖެހޭ ތަހުޒީބީ ސިފައެއްކަމަށް  ރައީސުލްޖޫމްހޫރިއްޔާގެ އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ކާބޯތަކެތީގެ ރައްކަތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފްލާގައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.

މި ހަފްލާގައި ދެއްކެވި ވާހަކަފުޅުގައި އެކަމަނާ ވިދާޅުވީ މިއަދަކީ ކާބޯތަކެތީގެ ރައްކާތެރިކަމާމެދު އިތުރަށް ވިސްނަންވީ ދުވަހެއްކަމަށެވެ. ކާބޯތަކެތީގެ ރައްކާތެރިކަމަކީ ހަމައެކަނި ބައެއްގެ ސިއްހަތާ ގުޅޭކަމެއް ނޫންކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ ގައުމެއްގައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުވެފައި އޮތް އޮތުމުން ބުނެދެނީ އެގައުމެއް ތަހުޒީބުވެފައިވާ މިންވަރުކަމަށެވެ.

ގައުމު ރަނގަޅަށް ބިނާކުރުމަށްޓަކައި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކުލަވާލާފައިވާ ގާނޫނުތަކާއި ގަވާއިދުތަކަށް ތަރުހީބުދޭންޖެހޭކަމަށް އެކަމަނާ ވިދާޅުވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަމަށް އުނިކަން ލިބޭ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްްވައި ވާހަކަފުޅު ދައްކަވަމުން ފަސްޓް ލޭޑީ ވަނީ އިންސާނީ، އިލްމީ އަދި ފަންނީ ގާބިލުކަން ނެތުމާއި، އެކަށީގެންވާ ވަސީލަތްތައް ނެތުމާއި، ހަރުދަނާ އުސޫލުތަކާއި، ގަވާއިދުތަކާއި ސިޔާސަތުތައް ނެތުން ފާހަގަކުރައްވާފައެވެ. 

ނަމަވެސް މިހާރު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން އެކުލަވާލަމުން އަންނަ އައު ގަވާއިދުތަކާއެކު ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ. 

"ކާބޯތަކެތީގެ ރައްކާތެރިކަމަކީ ގޭތެރެއިން ފެށިގެން މުޅި ގައުމީ ފެންވަރުގައި އޮންނަންޖެހޭ ތަހުޒީބީ ސިފައެއް، އަޅުގަނޑުމެން އަބަދުވެސް ކާބޯތަކެތީގެ ރައްކާތެރިކަމުގެ ވާހަކަ ދައްކާއިރު ދަނޑުން ސުފުރާއާ ހަމައަށް ކާބޯތަކެތީގެ ރައްކާތެރިކަން ދެމެހެއްޓުމަކީ ވަރަށް މުހިންމުކަމެއް، މިކަމަށްޓަކައި އޮތޯރިޓީތަކުން މަސައްކަތް ކުރުމަކުން މައްސަލަ ހައްލެއް ނުވާނެ، އެހެން ނަމަވެސް މި ޒިންމާއަކީ އަޅުގަނޑުމެންގެ ކޮންމެ ފަރުދެއްގެ ޒިންމާއެއްކަމަށް ދެކިގެން މަސައްކަތް ކުރަންޖެހޭ،". ކާބޯތަކެތީގެ ރައްކާތެރިަކަން ކަށަވަރުކުރުމާއި ގުޅޭ މަސައްކަތުގައި ގިނަ އަހަރު ހިދުމަތްކުރައްވާފައިވާ ފްޑް ސައިންޓިސްޓެއްގެ ހައިސިއްޔަތުން ތަޖުރިބާއާއެކު އެކަމަނާ ވިދާޅުވިއެވެ.

ދުޅަހެޔޮ މުސްތަގުބަލެއް ބިނާކުރެވޭނީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގުޅިގެން މަސައްކަތްކޮށް އެކަމަށް އެހީތެރިވެގެންކަމުގައި އެކަމަނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު