ENGLISH
07 ޖޫން 2026
އައިޔޫއެމްގައި 100 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ޕީއެޗްޑީއަށް ކިޔަވަމުން
07 ޖޫން 2026
|
އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް--ފޮޓޯ: އައިޔޫއެމް
އެންމެ މަޤްބޫލު
އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)ގެ ޕީއެޗްޑީ ކޯސްތަކަށް ޑިމާންޑް ބޮޑުވެ، މިހާރުވެސް 100 އަށްވުރެ ގިނަ ދަރިވަރުން ޕީއެޗްޑީއަށް ކިޔަވަމުން އަންނަކަމަށް އައިޔޫއެމް އިން ބުނެފި އެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އައިޔޫއެމްގެ ފެކަލްޓީ އޮފް އެޑިޔުކޭޝަންގެ ޑީން ޑރ. އާއިޝަތު ޝީނާ ވިދާޅުވީ، މިހާރު ޕީއެޗްޑީގެ ކޯސްތަކަށް ވަރަށް ޑިމާންޑް ބޮޑު ކަމަށެވެ. އެގޮތުން އެ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަން އިން އެންމެ ފަހުން ހުޅުވާލި ފަސް ފުރުސަތަށްވެސް 30 އަށްވުރެ ގިނަ ދަރިވަރުން ކުރިމަތިލާފައިވާ ކަމަށް ޝީނާ ވިދާޅުވި އެވެ.
ޝިނާ އިތުރަށް ވިދާޅުވީ، ޕީއެޗްޑީއަކީ ދިރާސާއެއްގެ މައްޗަށް ބިނާކޮށް ހަދާ ކޯހަކަށްވުމުން، ދަރިވަރުން ހޮވުމުގައި ހުށަހަޅާ ޕްރޮޕޯސަލަށް އަހުލުވެފައިވާ މިންވަރަށް ރިއާޔަތް ކުރާ ކަމަށެވެ.
އައިޔޫއެމްގެ ސެންޓަރ ފޮރ ރިސާރޗް އެންޑް ޕަބްލިކޭޝަންގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ. މުހައްމަދު ޞާލިހް ވިދާޅުވީ، މި ސެމިސްޓަރގައި ޕީއެޗްޑީއަށް ހުޅުވާލާފައިވަނީ ހަމައެކަނި ފެކަލްޓީ އޮފް އެޑިޔުކޭޝަނުން ކަމަށެވެ. އެހެންނަމަވެސް އެހެން ފެކަލްޓީތަކުގައިވެސް ޕީއެޗްޑީ ކޯސްތައް ހިންގަމުން އަންނަ ކަމަށެވެ. އެގޮތުން ކުއްލިއްޔާ އޮފް ރިވީލް ނޮލެޖް، ކުއްލިއްޔާ އޮފް ޝަރީޢާ އެންޑް ލޯ، އަދި މެނޭޖްމެންޓް އެންޑް ލީޑަރޝިޕް ކުއްލިއްޔާ ހިމެނޭހެން ޖުމްލަ ހަތަރު ފެކަލްޓީއަކުން ޕީއެޗްޑީއަށް ކިޔެވުމުގެ ފުރުސަތު އާންމުކޮށް އޮންނަކަން ފާހަގަކުރެއްވި އެވެ.
މިއަހަރުގެ ދެވަނަ ސެމިސްޓަރއަށް އައިޔޫއެމުން ވަނީ ޖުމްލަ 67 ކޯހަކަށް ހުޅުވާލާފައެވެ. މީގެ ތެރޭގައި ޕީއެޗްޑީގެ އިތުރުން މާސްޓާސްގެ 15 ކޯހަކާއި، ބެޗެލާސް ލެވެލްގެ 16 ކޯހަކާއި، ޑިޕްލޮމާ އަދި ސެޓްފިކެޓް ލެވެލްގެ ކޯސްތައް ހިމެނެއެވެ. މި ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 31 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލެވިފައިވާ ކަމަށް އައިޔޫއެމްއިން ބުނެފައިވެ އެވެ.
އައިޔޫއެމްއިން ބުނީ، އެ ޔުނިވަރސިޓީގެ ކޯސްތައް ރާއްޖޭގެ ހަތް ކެމްޕަހެއްގައި ކުރިއަށްދާކަމަށެވެ. އޭގެތެރޭގައި ހިމެނެނީ އުނގޫފާރު، ނައިފަރު، ފޮނަދޫ، ތިނަދޫ، ފުވައްމުލައް، މީދޫ އަދި މަރަދޫ ފޭދޫ ކެމްޕަސް ހިމެނެ އެވެ. ކޯސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮންލައިންކޮށް، ހާޒިރުވެގެން، ނުވަތަ ބްލެންޑެޑް މޯޑަށްކަމަށްވެސް އެމްއެންޔޫއިން ބުނެފައިވެ އެވެ.