ENGLISH
07 ޖޫން 2026
"ޕްރެކްޓިސް ޕާލިމަންޓް ފޯ ވިމެން" ގެ 8 ވަނަ ޕްރޮގްރާމް ފަށައިފި
06 ޖޫން 2026
|
ޕްރެކްޓިސް ޕާލިމަންޓް ފޯ ވިމެން ޕްރޮގްރާމްގެ ތެރެއިން- ފޮޓޯ: ޔުނައިޓެޑް ނޭޝަންސް އިން މޯލްޑިވްސް
އެންމެ މަޤްބޫލު
"ޕްރެކްޓިސް ޕާލިމަންޓް ފޯ ވިމެން" ގެ 8 ވަނަ ޕްރޮގްރާމް ފަށައިފިއެވެ.
ޕްރެކްޓިސް ޕާލިމަންޓް ފޯ ވިމެން ޕްރޮގްރާމަކީ، ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި، ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް ގުޅިގެން އޮސްޓްރޭލިޔާ ސަރުކާރުގެ އެހީތެރިކަމާއެކު، 2021 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އެގޮތުން މި ފެށުނު ޕްރޮގްރާމަކީ އަންހެން ބޭފުޅުންނަށް އަމާޒުކޮށްގެން ބޭއްވޭ 8 ވަނަ ޕްރޮގްރާމެވެ.
މި ޕްރޮގްރާމް ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހު 13 ވަނަ ދުވަހާ ހަމައަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ.
އަންހެން ބޭފުޅުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ސިޔާސީ ދާއިރާއަށް، ވަކިން ޚާއްޞަކޮށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލާނެ، އެކަމުގެ ޝައުޤުވެރިކަން ހުރި އަންހެން ބޭފުޅުން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ވިމެން ޕާލިމަންޓް ޕްރޮގްރާމުގައި އަންހެން ބޭފުޅުންނަށް ހާއްސަކޮށްގެން މިހާތަނަށް ހިންގުނު 7 ޕްރޮގްރާމްގައި ޖުމްލަ 261 އަންހެންބޭފުޅުން ވަނީ ބައިވެރިވެފައެވެ.
އެގޮތުން، މި ފަހަރުގެ ޕްރެކްޓިސް ޕާލަމެންޓް ފޯ ވިމެން ޕްރޮގްރާމްގައި ރާއްޖޭގެ އެކިކަންކޮޅުތަކުން 30 އަންހެންބޭފުޅުން ވަނީ ބައިވެރިވެފައެވެ.
މި ޕްރޮގްރާމްގައި ބައިވެރިންނަށް ޤާނޫނުއަސާސީއާއި ރައްޔިތުންގެ މަޖިލީހުގެ ތާރީޚް، ރައްޔިތުންގެ މަޖިލިސް އެކުލެވިގެންވާ ގޮތް، މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މައުލޫމާތު ދިނުން ކުރިއަށްދާނެއެވެ.
މީގެ އިތުރުން، މެންބަރުންނާއެކު ސެޝަން ތަކެއް ބާއްވައި، ހުށަހެޅޭ ވަކި މައްސަލައާކާ މެދު ބަހުސްކުރުމަށް ބޭއްވޭ ރައްޔިތުންގެ މަޖިލީހުގެ ނަމޫނާ މާދިރީއެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އިތުރަށް މި ޕްރޮގްރާމް މެދުވެރިކޮށް މަޢުލޫމާތު ދެވޭ ދާއިރާތަކުގެ ތެރޭގައި ގުޑް ގަވަރނަންސް، ޑިމޮކްރޮސީ، ޖެންޑަރ އިޝޫސްގެ އިތުރުން ކޮރަޕްޝަނާ ގުޅޭގޮތުން މައުލޫމާތު ދިނުން ހިމެނެއެވެ.