ENGLISH
06 ޖޫން 2026
އިދިކޮޅު ޕާޓީތަކުން ފެންނަނީ ޒާތީ މަސައްކަތް ކުރާތަން: މެމްބަރު ރިފާއު
06 ޖޫން 2026
|
ންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު - ފޮޓޯ: އެމްއެމްޓީވީ
އެންމެ މަޤްބޫލު
ފެންނަަމުންދަނީ ސަރުކާރާ އިދިކޮޅު އޮތް ސިޔާސީ ޕާޓީތަކުން ޒާތީ މަސައްކަތްތައް ކުރާތަން ކަމަށް މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) ވިދާޅުވެއްޖެއެވެ.
މެމްބަރު މިފަދައިން ވިދާޅުވީ އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމްގައި ޑިމޮކްރަސީއެއްގައި ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރާއި މިވަގުތު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއް ނެތްކަމަށް ދިވެހި ރައްޔިތުން ގަބޫލުކުރަންޖެހޭ ހަގީގަތާބެހޭގޮތުން ވާހަކަދައްކަވަމުންނެވެ.
މެމްބަރު ވިދާޅުވީ ޒިންމާދާރު ސިޔާސީ މަސައްކަތްތަކެއް ކުރުމުގެ ބަދަލުގައި މިހާރު އިދިކޮޅުގައި އޮތް ސިޔާސީ ޕާޓީތަކުން ކުރަނީ ޒާތީ މަސައްކަތްކަަމަށެވެ. ތަހުޒީބީ މުޖުތަމައުތަކުގައި އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ޒިންމާއަކީ އެއީ ނޫންކަމަށް މެމްބަރު ވިދާޅުވިއެވެެ.
"ހަގީގަތާ އެއްގޮތް އެކި ކަހަލަ މައްސަލަތަކަށް ހައްލު ހޯދުމަށް ޝަރުކާރަށް ޕްރެޝަރުކުރުވަންޖެހޭނީ. އަޅުގަނޑުމެން ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު ޗާންދަނީ މަގަށް ނިކުމެ ވަކާލާތުކުރީ ތަކެތީގެ އަގު ބޮޑުވާތީ. އެކި ކަހަލަ މައްސަލަތައް ބޮޑުވާތީ، އަޅުގަނޑުމެން ނުދަން އޭރު ރައީސް ނަޝީދުގެ މިވެނި ކަމެކޭ އެވެނިކަމެކޭ ކިޔަމުން، ގައުމީ މައްސަލަތައް ހިފައިގެން އަޅުގަނޑުމެން ދިޔައީ، އޭގެ ނަތީޖާވެސް ފެނުނު އޭރު،". މެމްބަރު ވިދާޅުވިއެވެ.
އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރަކީ ސަރުކާރަކުން ރައްޔިތުންގެ ކުރިމައްޗައި ހުށަހެޅި މެނިފެސްޓޯ ތަންފީޒުކުރުމަށް ސަރުކާރަށް ބާރުއެޅުންކަމަށް މެމްބަރު ވިދާޅުވިއެވެެ. އޭގެ ބަދަލުގައި މިހާރު ފެނިގެންދަނީ މެނިފެސްޓޯ ތަންފީޒުކުރިއަ ނުދިނުމަށް ކުރެވެންހުރި ކަންކަން ކުރަމުންދާ މަންޒަރުކަމަށް ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ އިދިކޮޅު ޕާޓީތަކަށް އެހާލަތާ ކުރިމަތިވީ ސަރުކާރުގެ ސިޔާސަތު ހަރުދަނާވެ، އިތުރަށް އެ ސިޔާސަތުތަކާ ބެހޭގޮތުން ދެއްކޭނެ ވާހަކައެއް ނެތުމުންކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަކީ މިފަދަ ޒާތީ ދިމާކުރުންތަކަށް ބައްލަވާނެ ބޭފުޅެއް ނޫންކަމަށާއި އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ ރައްޔިތުންގެ ހެވާއި ލާބައަށްކަމަށް ވިދާޅުވެ މެމްބަރު ވަނީ ފާއިތުވި ދެ އަހަރާއި ބައިގެ ތެރޭގައި މިކަން ވަރަށް ރަނގަޅަށް ރައްޔިތުންނަށް ސާބިތުކޮށްދެއްވާފައިވާކަމަށް ވިދާޅުވެފައެވެ.