ENGLISH
04 ޖޫން 2026
އެފްޑީސީގެ ފްލެޓް ކުއްޔަށް ދިން މީހަކު ޖޫރިމަނާކޮށް، އިތުރު ތިން މީހަކަށް އިންޒާރު
04 ޖޫން 2026
|
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފްލެޓްތައް- ފޮޓޯ: ޕީއެސްއެމް
އެންމެ މަޤްބޫލު
ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ހައުސިންގ ޔުނިޓުތަކުގެ ތެރެއިން ބައެއް ޔުނިޓްތައް އުސޫލުތަކާއި ހިލާފަށް ކުއްޔަށް ދޫކުރަމުންދާ މައްސަލާގައި މިދިޔަ މަހު އެކަކު ޖޫރިމަނާކޮށް، އިތުރު ތިން މީހަކަށް އިންޒާރު ދީފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެކަކު ޖޫރިމަނާކޮށް އިތުރު ތިން މީހަކަށް ލިޔުމުން އިންޒާރު ދިނުމުގެ އިތުރުން އެފަދަ އިތުރު ދެ މައްސަލައެއް މިހާރު ވެސް ތަހުގީގުކުރަމުން އަންނަ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
އެހެން ނަމަވެސް، ޖޫރިމަނާ ކޮށްފައިވާ އަދަދެއް ހާމަކޮށްފައެއްނުވެއެވެ.
އެފްޑީސީގެ ހައުސިން ޔުނިޓްތަކަކީ އާއިލާތަކުގެ ދިރިއުޅުމަށް ހާއްސަކޮށް ދޫކޮށްފައިވާ ތަންތަން ކަމަށާއި ވިޔަފާރީގެ އުސޫލުން ބޮޑު އަގުގައި އެ ތަންތަން ކުއްޔަށް ދޫކުރުމަކީ އެ ކޯޕަރޭޝަނާ އެކު ވެފައިވާ އެއްބަސްވުމާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށް އެ އެފްޑިސީ އިން ބުނެއެވެ.
ފްލެޓު ކުއްޔަށް ދޫކުރަން އިޝްތިހާރުކުރާ ޕޭޖުތަކުގައި މި ފްލެޓުތައް ކުއްޔަށް ދޫކުރަން ދޭތެރެއަކުން ޖަހަާފައި ހުންނަކަން ފާހަގަކޮށްލެވެއެވެ.
އެގޮތުން، މިދިޔަ ފެބްރުއަރީ މަހު ވަނީ އަމާން އުދަރެސްގެ ފްލެޓެއްގައި ބިދޭސީން ލޭބަ ކުއާޓާ ހަދަން ދިން މައްސަލައެއް ވެސް ފެންމަތިވެފައެވެ.
އެ މައްސަލާގައި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދިނުމުން އެ ތަނުން އެ މީހުން ނެރެ، ފަހުން ފްލެޓު ލިބުނު އާއިލާ އެތަނުގައި ދިރިއުޅެން ފެށި ކަމަށް ކުރިން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ހާމަކުރައްވާފައިވެއެވެ.
އެކަމާ ގުޅިގެން ހަމްދާން ވިދާޅުވީ އަމިއްލަ ފަރުދުން ރިއަލް އެސްޓޭޓް ވިޔަފާރިއަށް އެ ފްލެޓުތައް ބޭނުންކުރުމުން ބޯހިޔާވަހިކަން ބޭނުންވެފައިވާ މީހުންނަށް އެ ދެވެނީ ބޮޑު ދެރައެއް ކަމަށެވެ.
އެގޮތުން، ކުއްޔަށްދޭ ފްލެޓްތައް ބަލައި، އެކަމާ ގުޅިގެން އެފްޑީސީން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ އިންޒާރު ދެއްވިއެވެ.
ފްލެޓް ލިބުނު މީހުންނާއި އެފްޑީސީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ފްލެޓްތައް ކުއްޔަށް ދޫކުރުމަކީ މަނާކަމެކެވެ. އަދި އެއީ ފްލެޓް އަތުލެވިދާނެ ހާލަތެއް ކަމަށް ފްލެޓްގެ އެއްބަސްވުމުގައި އޮވެއެވެ.