ENGLISH

04 ޖޫން 2026

Advertisement

ހަނގުރާމައިގެ ހިޔަނީގައިވެސް މޭ މަހު ރާއްޖެއަށް އައި ފަތުރުވެރިން ކުރީ އަހަރަށްވުރެ އިތުރު

04 ޖޫން 2026

|

އާމިނަތު ނުޒްލާ

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިއަކަށް މަރުހަބާ ކިޔުން-- ފޮޓޯ: މޯލްޑިވިއަން

ހަނގުރާމައިގެ ހިޔަނީގައިވެސް މޭ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން، ކުރީ އަހަރުގެ މޭ މަހުގައި ރާއްޖެއަށް އައި ފަތުރުވެރިންނަށްވުރެ އިތުރުވެއްޖެއެވެ.

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި އަހަރުގެ މޭ މަހު ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 142,555 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރު މޭ މަހު ރާއްޖެ ޒިޔާރްކުރި ފަތުރުވެރިންނާ އަޅާބަލާއިރު 2،344 އިތުރުވުމެކެވެ. މިދިޔަ އަހަރު މޭ މަހު ރާއްޖެ އައިސްފައިވަނީ 140,211 ފަތުރުވެރިންނެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ލިސްޓުގެ އެއްވަނާގައި އުޅެނީ ޗައިނާ އެވެ. އެގޮތުން މިހާތަނަށް ޗައިނާއިން ރާއްޖެއަށް 144,931 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައި ފަސް ގައުމު:

  • ޗައިނާ – 144,931
  • ރަޝިއާ – 126,712
  • އިނގިރޭސިވިލާތް – 80,580
  • އިޓަލީ – 69,723
  • ޖަރުމަނުވިލާތް – 62,060

އަހަރުގެ މިހާތަނަށް ރާއްޖެއަށް 951,222 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 992,225 ފަތުރުވެރިންނާ އަޅާބަލާއިރު 4.1 އިންސައްތަ ދަށް ވުމެކެވެ.

އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ 71.1 އިންސައްތަ ނުވަތަ 660,199 ފަތުރުވެރިން ޒިޔާރަތްކުރީ ރިސޯޓްތަކަށެވެ. ގެސްޓްހައުސްތަކަށް އައީ ޖުމްލަ ފަތުރުވެރިންގެ 24.1 އިންސައްތަ އެވެ. އެއީ، 223,313 ފަތުރުވެރިންނެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ ހޮޓާތަކަށް 23,539 ފަތުރުވެރިންއެވެ. އަދި، ސަފާރީ އުޅަނދުތަކަށް އައީ 19,987 ފަތުރުވެރިންނެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓު ފިޔަވައި ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައިވަނީ ގަން އިންޓަރނޭޝަނަލް އެއާޕޯޓު އަދި މާފަރު އިންޓަރނޭޝަނަލް އެއާޕޯޓުންނެވެ. އެގޮތުން އަހަރުގެ މިހާތަނަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް ވަނީ 924,645 ފަތުރުވެރިން އެތެރެވެފައިވެ އެވެ. އަދި ގަން އެއާޕޯޓުން ރާއްޖެއަށް އައިސްފައިވަނީ 3785 ފަތުރުވެރިންނެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި އަޅާބަލާއިރު ދަށްވީ މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެންނެވެ. އެގޮތުން ރާއްޖެއަށް ދަތުރުކުރާ ގިނަ އެއަރލައިންތަކުގެ ދަތުރުތައް ވަގުތީގޮތުން ހުއްޓާލުމާއި އަދި ފަތުރުވެރިންނަށް ރާއްޖެ އާދެވޭނެ ގޮތެއް ނެތުމުގެ ސަބަބުންނެވެ. ނަމަވެސް ހުއްޓާލި އެއަރލައިންތަކުން އަލުން ދަތުރުތައް ފައްޓަމުން ދިއުމުގެ ސަބަބުން ފަތުރުވެރިންގެ އަދަދުތައް އަންނަނީ މަޑުމަޑުން އިތުރުވަމުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އެވްރެޖްކޮށް މިހާރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6217 އަށްވުރެ ގިނަ ފަތުރުވެރިން އާދެއެވެ.

ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި 1,284 ތަނެއް ވަނީ ހުޅުވާފައެވެ. މި ތަންތަނުގެ ބެޑް ކެޕޭސިޓީ 67,000 އިން މައްޗަށް އަރައެވެ.

ކިޔުންތެރިންގެ ހިޔާލު