ENGLISH
31 މޭ 2026
ދުންފަތުގެ ނުރައްކަލުން ޒުވާން ޖީލު ރައްކާތެރިކުރުމުގައި ދެމިތިބޭނަން: ރައީސް
31 މޭ 2026
|
ދުންފަތުގެ ގާނޫނަށް ގެނައި އިސްލާހުތައް ތަސްދީގުކުރެއްވުމުގެ ހަފުލާގެ ތެރެއިން، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ދުންފަތުގެ ނުރައްކަލުން ޒުވާން ޖީލު ރައްކާތެރިކުރުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފި އެވެ.
އެމަނިކުފާނު މި ޔަގީންކަން ދެއްވީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ.
ރައީސް ވަނީ އީ-ސިނގިރޭޓު މަނާކުރުމުން ފެށިގެން ދުންފަތާ ދެކޮޅަށް "ޖެނެރަލް ބޭން" ތަންފީޒުކުރަންފެށި ދުނިޔޭގެ ފުރަތަމަ ގައުމަށް ރާއްޖެ ވުމުގެ ޝަރަފާއެކު ސަރުކާރުން އަޅަމުންގެންދާ ބޮޑެތި ފިޔަވަޅުތައް ފާހަގަކުރައްވާފަ އެވެ. އެކި ރަހަތަކާއެކު އަލަށް ބާޒާރަށް އަންނަ ނިކޮޓިން ޕައުޗްތަކާއި، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ދުންފަތް އިސްތިހާރުކޮށް ޒުވާން ސިކުނޑިތަކަށް ވާސިލުވުމަށް މަސައްކަތް ކުރެވެމުންދާއިރު، އެކަންކަމަށް ސަރުކާރުން ހުޝިޔާރުވެ ސަމާލުވެ ތިބޭނެކަމަށް ވިދާޅުވި އެވެ.
މީގެއިތުރުން ޒުވާން ޖީލު ދުންފަތުގެ ވަބާއިން ރައްކާތެރިކުރުމުގައި މިސަރުކާރު ދެމިއޮންނާނެކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދުންފަތާއި ދެކޮޅަށް މަސައްކަތްކުރާ، ސިސޭޝަން ކްލިނިކްތަކާއި، ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހައްދުތައް ކަނޑައެޅުމާއި، ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުމުގެ މަސައްކަތް ކުރައްވާނެކަމަށެވެ.
އެމަނިކުފާނުގެ ޕޯސްޓު ނިންމަވާލެއްވީ ދުންފަތުން ރައްކާތެރި ދުޅަހެޔޮ ގައުމެއް ބިނާކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރެއްވުމަށް ގޮވާލައްވަމުން ނެވެ.
ރައީސް ޑރ. މުއިއްޒުގެ ޒައާމަތުގައި ދުންފަތުގެ މައްސަލަ ހައްލުކުރުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވާފައިވެއެވެ. އެގޮތުން 2024 ވަނަ އަހަރުގެ ފަހުކޮޅު ދުންފަތާ ބެހޭ ގާނޫނު އިސްލާހުކޮށް ޑިސެންބަރު 14، 2024 ވަނަ ދުވަހުން ފެށިގެން ވޭޕު އެތެރެކުރުމާއި ބޭނުންކުރުމާއި ވިއްކުން ރާއްޖޭގައި މަނާކުރެވުނެވެ.
އޭގެ އިތުރަށް ދުންފަތުގެ ގާނޫނަށް ގެނެވުނު އިސްލާހުތަކުގެ ތެރެއިން 2007 ވަނަ އަހަރުގެ ޖަނަވަރީ އެއްވަނަ ދުވަހާ ހަމައިން ފެށިގެން އުފަންވި އަދި އުފަންވާ އެންމެނަށް ދުންފަތް ވިއްކުމާއި އެ އެންމެން ދުންފަތް ބޭނުންކުރުން އެއްކޮށް މަނާކޮށް ދުނިޔޭގެ ތާރީހުން ރާއްޖެއަށް ހާއްސަ ޖާގައެއް ކަށަވަރުކުރެވުނެވެ. އެއީ ދުނިޔޭގައިވެސް ދުންފަތް ޖީލުތަކަކަށް މަނާކުރުމުގެ ސިޔާސަތު ތަންފީޒުކުރާ ފުރަތަމަ ގައުމަށްވުމުގެ ޝަރަފުވެރި ޖާގައެވެ.