ENGLISH

18 މޭ 2026

Advertisement

ކިންގްސް ކަޕްގައި އާރުއާރުސީއާއި އެސްޓީއޯ އެއްގްރޫޕަކަށް

18 މޭ 2026

|

މުޙައްމަދު އަދުހަމް

މިދިޔަ އަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލުގައި އާރުއާރުސީއާއި އެސްޓީއޯ ބައްދަލުކުރި މެޗުގެ ތެރެއިން. ފޮޓޯ: ކްލަބް މޯލްޑިވްސް

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގެ ފުރަތަމަ މުބާރާތް ކަމަށްވާ، ކިންގްސް ކަޕްގައި އެންމެ ފަހުގެ ޗެމްޕިއަން، ރޯޑް ރެކްރިއޭޝަން ކްލަބް (އާރުއާރުސީ) އާއި އެސްޓީއޯ ރެކްރިއޭޝަން ކްލަބު އެއްގްރޫޕެއްގައި ހިމެނިއްޖެއެވެ.

މިދިޔަ އަހަރު ބޭއްވި ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލުގައި ކުޅުނީ ވެސް މި ދެ ޓީމެވެ. އޭގެކުރީން، އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ވެސް އާރުއާރުސީއާއި އެސްޓީއޯ ބައްދަލުކުރިއެވެ. މި ދެ ފަހަރު ވެސް މޮޅުވީ އާރުއާރުސީ އެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުންނަ އެޗްޑީސީ އެގްޒިބިޝަން ހޯލުގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ކިންގްސް ކަޕްގެ ގުރުނެގިއިރު، ގްރޫޕް ބީ ގައި އެސްޓީއޯއާއި އާރުއާރުސީގެ އިތުރުން ދެން ހިމެނެނީ؛ ސެކްޓަރ ލީގުގެ ރަނަރަޕް، ކްލަބް ހޯކްސް އާއި ފުވައްމުލައް ޔޫތު އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް އެސޯސިއޭޝަން (ފީސްޑާ) އެވެ. ފީސްޑާ އަކީ ފުވައްމުލަކު ސިޓީ ކައުންސިލް ފުޓްސަލް މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަނުންނެވެ.

މުބާރާތުގެ ގްރޫޕް އޭ ގައި ހިމެނެނީ؛ ކްލަބް އެމްޓީސީސީ އާއި ކްލަބް މޯލްޑިވްސް ކްލެސިކްގެ ޗެމްޕިއަން ހޯމް ފޯ ޕީޕަލް ވިތު ސްޕެޝަލް ނީޑްސް (އެޗްޕީއެސްއެން)، ތިލައުތުރު ފުޓްސަލް މުބާރާތް 2025 ގެ ޗެމްޕިއަން، އުތީމު އެފްސީ އަދި އޭދަފުށި ފުޓްސަލް ކަޕް 2026 ގެ ރަނަރަޕް، އެއިޓީ ފޯ އެފްސީ އެވެ.

ކިންގްސް ކަޕްގެ ގްރޫޕް ސީ ގައި ހިމެނެނީ؛ ރާބަދި ޗެލެންޖުގެ މި އަހަރުގެ ޗެމްޕިއަން، ކޯރާ ކޯރާ އާއި ރިސޯޓް ސުޕަރ ލީގުގެ މިދިޔަ އަހަރުގެ ޗެމްޕިއަން ކޮންރެޑް، އޮފީސް ލީގުގެ މިދިޔަ ދެ އަހަރުގެ ޗެމްޕިއަން، ސްޓެލްކޯ ރެކްރިއޭޝަން ކްލަބުގެ އިތުރުން ކްލަބް މޯލްޑިވްސް ކްލެސިކް 2025ގެ ރަނަރަޕް، ކްލަބް ބިނާރާ އެވެ.

މިއަހަރުގެ މުބާރާތް ރޭވިފައިވާ ގޮތުން ވާދަކުރާ 12 ޓީމު ތިން ގްރޫޕަކަށް ބަހާލާފައިވާއިރު، މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކުރާނީ ކޮންމެ ގްރޫޕެއްގެ އެންމެ ކުރިހޯދާ ދެ ޓީމުގެ އިތުރުން ތިން ގްރޫޕުން ތިންވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެކެވެ.

ކްލަބް މޯލްޑިވްސް އިން 2024 ވަނަ އަހަރު ބާއްވަން ފެށި ކިންގްސް ކަޕްގައި ވާދަކުރަމުން އަންނަނީ ކްލަބް މޯލްޑިވްސް އިން ބާއްވާ މުބާރާތްތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކާއި، ރާއްޖޭގެ އެކި ހިސާބުތަކުގައި ބާއްވާ އެންމެ ފާހަގަކޮށްލެވޭ ފުޓްސަލް މުބާރާތްތަކުގެ ތެރެއިން ކްލަބް މޯލްޑިވްސް އިން ކަނޑައަޅާ މުބާރާތްތަކެއްގެ ޗެމްޕިއަން ނުވަތަ ރަނަރަޕް ޓީމެވެ.

ކިންގްސް ކަޕްގެ ފުރަތަމަ މުބާރާތުގައި އެންމެ ދެ ޓީމު ވާދަކޮށް ޗެމްޕިއަންކަން ކަނޑައަޅާގޮތަށް ކުޅުނު ނަމަވެސް، މިދިޔަ އަހަރު ބޭއްވި ދެވަނަ އެޑިޝަންގައި ޖުމްލަ އަށް ޓީމަކުން ވަނީ ވާދަކޮށްފަ އެވެ. ކިންގްސް ކަޕްގެ ފުރަތަމަ ޗެމްޕިއަންކަން ކްލަބް ވެމްކޯ އިން ހާސިލްކުރިއިރު، މިދިޔަ އަހަރުގެ ތަށި ހޯދީ އާރުއާރުސީ އިންނެވެ.

މިއީ ރާއްޖޭގައި އެންމެ ދުވަސްވީ ފުޓްސަލް މުބާރާތްތައް ކްލަބް މޯލްޑިވްސް އިން ބާއްވާ 21 ވަނަ އަހަރެވެ. މި ފަހަރުގެ ކްލަބް މޯލްޑިވްސްގެ ސީޒަން ފެށުމުގެ ގޮތުން ކުރިއަށްގެންދާ ކިންގްސް ކަޕް ފަށާނީ މި މެއި މަހުގެ 22 ވަނަ ދުވަހު އެވެ.

ކިޔުންތެރިންގެ ހިޔާލު